މުނިފޫހިފިލުވުން

ވާހަކަ: ބަނަވީ ޙަޔާތް


ގޭގެ ދިމާއެނދުގައި އޮތް އަހަރެންގެ ފިރިމީހާގެ ހިކި އަނަރޫފަވެފައިވާ ހަށިގަނޑަށާއި ކުލަ ފަނޑުވެފައިވާ އޭނާގެ މޫނަށް އަހަރެންނަށް ބެލެމުންދިޔައީ އާދަޔާ ޚިލާފަށެވެ. އޭނާގެ ފަރާތުން އެއްވެސް ހަރަކާތެއް އަދި އިޝާރާތެއް ވިޔަސް ވޭތޯ އަހަރެންގެ ހިތް ކެތްތެރިކަމެއް ނެތި ތެޅިފޮޅެމުންދިޔައެވެ. ނޭވާ ހިނގާތޯ ބަލަން، އޭނާގެ ނޭފަތް ކައިރީގައި، އަހަރެންގެ ޝަހާދަތް އިނގިލި އިރުއިރު ކޮޅުން ޖައްސާލެވެއެވެ. ބަނޑާއި މެއަށްވެސް ހިނދުހިނދުކޮޅުން ބެލެއެވެ. ވާނީވެސް އެހެންތާއެވެ. ޒަބީރު ނެތް ދުނިޔޭގައި އަހަރެން ވަރަށް އެކަނިވާނެއެވެ. އެއީ މިހާތަނަށްވެސް އަހަރެމެން ދެމައިންގެ ދިރިހުރުމުގެ ހަމައެކަނި އުންމީދެވެ. ހިތްހެޔޮކަމާއި ކުލުނުން، އަހަރެންގެ މައުސޫމު ދަރިފުޅުގެ ހިތް އުޖާލާކޮށްލަދިން އެދަރިފުޅުގެ މަދަދުގާރެވެ. ދެގޮތެއްނުވެ، އަހަރެމެން ދެމައިންގެ ގާތުގައި ދެމިހުރި ހަމައެކަނި އިންސާނާއެވެ.

މީގެ އަށާރަ އަހަރުކުރިން، އަހަރެންގެ ހަޔާތަށް އައި ލޮޅުމާއެކީ ހަޔާތުގެ ނައު، ހޭރިޔާކުރަންޖެހުން މިސްރާބު މުޅިން ތަފާތުވިއެވެ. ދިރިއުޅުމުގެ ހުރިހާ އުންމީދުތަކާއި ދުށް ފޮނި ހުވަފެންތައް ވިއްސިވިހާލިވިއެވެ. ލިބުނު ހިތްދަތިކަން އެތަށް ގުނައަކަށް އިތުރުވެގެންދިޔައީ، މައިންބަފައިންގެ އޯގާތެރިކަމާއި އެމީހުންގެ ހިޔާވަހިން އަހަރެން އެ ނިކަމެތި ހާލުގައި އެއްވެސް ރަޙުމެއް ނެތި ބޭރުކޮށްލުމުންނެވެ.

އޭރު އަހަރެންނަކީ ގަހެއްގައި ފޮޅިފައި އިން ފަރި ފަރި ފިނިފެންމަލެކެވެ. ރީތިކަމުގެ ހުރިހާ ސިފައެއް އަހަރެންނަށް ވަޤުފު ވެފައި ވެއެވެ. ހަމުގެ ކުލަ އައްޔެވެ. ހަށިގަނޑު ލޫޅާފައްޗެވެ. އަހަރެނެންގެ ހެދިހުރި ރީތި އިސްކޮޅާއި ހަށިގަނޑުގެ ވަނާތަކުގެ ފުރިހަމަކަމަށް އަހަރެން ދުށް އެންމެންވެސް އަހަރެންނަށް ތަޢުރީފުކުރިއެވެ. ފޮޅިފައި އިން ވަސްމީރުމަލުގެ ރާހަތެއް ކުރޭތޯ މާބުރުތައް މަލުގެ ވަށާ ޠަވާފު ކުރާފަދައިން އަހަރެންގެ ގޭދޮށުން ރަށުގެ ހެދޭފުރާގެ ޒުވާނުންތައް ހޭލަމޭލަވެ އުޅެއެވެ. އަހަރެންގެ އެންމެ އިޝާރާތަކަށްވެސް އެ ހުރިހާ ޒުވާނުން ތިބެނީ ދަނޑިއަށް މުޑިއަށެވެ. އަހަރެންނަށްޓަކައި ކިތަންމެ ގިނަ ބަޔަކު ތިއްބަސް، އެމީހުންގެ ކިބައިން ފެންނަ އެކިކަހަލަ އުނި ސިފަތަކާހުރެ އަހަރެންނަކަށް އެއިން އެއްވެސް ޒުވާނަކު ކަމަކުނުދެއެވެ. އެކަކަށް ޔައުޤޫބު ކިޔާތި އެނަން އަހަރެންނަށް ހުތުރުވެ އޭނައަށް، އަހަރެން ނޫނެކޭ ބުނީމެވެ. އަނެއްޒުވާނާގެ ހުށައެޅުމަށް ނޫނެކޭބުނީ، އޭނާގެ ދަތްޕިލައިގައި އައިބު ދަތެއް އިންނާތީއެވެ. ނައުޝާދަކީ ކިޔަވައިގެން ހުރި ޒުވާނެއްނަމަވެސް، އަދި އަހަރެންގެ މައިންބަފައިން ކިތަންމެ ގަބޫލުވި ނަމަވެސް އޭނާގެ ހުށައެޅުމަށް އަހަރެން ނޫނެކޭ ބުނީ އޭނާ ކަޅުވީމައެވެ. އިސްކޮޅުން ކުރުވީމައެވެ. އަހަރެން، އަހަރެންގެ ރީތި ހަށިގަނޑުގައި، ކިބުރުވެރިކަމުގެ ފޭރާން އޮޅައިލައިގެން އިނދެ ހޯދާ ބަލަމުން ދިޔައީ، ހިތް އެދޭފަދަ ބަނިޔާދަން، ފިރިހެންވަންތަ ހުރިހާ ސިފަތަކެއް ފުރިހަމަވެފައިވާ ފިރިހެނަކު އަހަރެންގެ ހަޔާތަށް ގެނައުމަށެވެ.

ނަސީބުގެ ތަރި އުދަރެހުން ފާއްދާލައިފިކަމުގައި އަހަރެންގެ ހިތް ގޮވައިލީ، ބޮޑުމާލޫދަށް މާލޭން އެރި މީހުންގެ ތެރެއިން، ފަޒީލު ފެނުނު ހިސާބުންނެވެ. އަހަރެންގެ އެންމެ ހިނިތުން ވުމަކުން އޭނާހިތް އަހަރެންގެ ކުރިމަތީގައި އެދުވަހު ބަންޑުން ކޮށްލިއެވެ. އަހަރެންގެ ރީތި ސިފަތައް، ބަލާޣާތްތެރި ޢިބާރާތްތަކުން ބަޔާންކޮށްދިނެވެ. އެ ލަހުޖާގައި ވަނީ ދަގައްފާނުގެ ބާރެކެވެ. އެ އަޑުގައި ވަނީ ހިތް ދަމައިގަންނަފަދަ ޖާދޫއެކެވެ. އޭނާ އެދުނު ހުރިހާ ކަމަކަށް އަހަރެންނަށް އާނ ބަސް ބުނެވުނީ ހީވެސް ނުކުރާހާ އަވަހަށެވެ. ނޭނގި ހުއްޓާ އެތަށް ހަރުފަތްތަކަކަށް އަހަރެމެން އެކަކު އަނެކަކަށް ދަޢުވަތު ދެމުން އެދަޢުވަތުތައް ގަބޫލުކުރަމުން ގެންދިޔައީމެވެ. އެ ޖަޒުބާތުތަކުގައި ބެހި އޮޔާ ދެވުނީ، ކިހާ ފުން ބިޔަ ކަނޑަކަށްކަންވެސް ނޭނގި، ހަޔާތުގެ މިސްރާބު އަމާޒުން ކަހައިލީއެވެ.

ފަޒީލުގެ ހުރިހާ އިރެއްގެ އިރުކޮއްތު އަހަރެންގެ ގޭގެ ސުފުރާމަތިން ހަމަޖައްސައިދިނީ ޚުދު އަހަރެންނެވެ. އަންނައުނު ދޮވެ އިސްތިރިކޮށް ފަޒީލު ހުންނަ ގެއަށް ގެންގޮސްދީ ދުވާލުގެ ހަތަރުދަން އޭނާ ފެންނަ ފަށުގައި ހޭދަކުރެވުނީ، ދެމީހުން އެކުގައި ކައިވެނިކޮށްގެން އުޅޭނެ އުފާވެރި ކަމުގެ ވާހަކަތައް ތަކުރާރުކޮށް އޭނާ ކިޔައިދޭތީ، އެއަޑުތައް އަހާ ހިތްވާލެއް ބޮޑުކަމުންނެވެ. މިގޮތުން ބަދަހިވަމުންދިޔަ މި ލޮބުވެތި ގުޅުމަށް އަހަރެންގެ މައިންބަފައިންވެސް ރުހި ގަބޫލެވެ. ހުއްދަ ނުލިބި އޮތީ ފަޒީލާއެކު އެކަހެރި ވުމަށެވެ. އެހެންނަމަވެސް އެކަމަށް ފަޒީލު ނުހަނު އެދޭތީ، މައިންބަފައިންނަށް ސިއްރުން ގޭގެ ކިބަޅިފަރާތު ދޮރުން އަހަރެން ނިދާ ކޮޓަރިއަށް ފަޒީލު ވައްދަމެވެ. ފަތިސް ވުމުން ބައްޕަ ނަމާދަށް ދާގަޑިބަލައި އޭނާ ނެރެ، ފޮނުވާލަނީއެވެ.

މާލޫދަށް އައި މީހުން މަހެއްހާދުވަހު އަހަރެންގެ ރަށުގައި ހޭދަކުރުމަށްފަހު މާލެ ފުރަން އުޅޭ ޚަބަރު އަހަރެންގެ ކަންފަތުގައި ޖެހުނީ ހޮނު ގުގުރިއެއްގެ މިސާލުގައެވެ. ފަޒީލު ފުރާ ވާހަކަ އަހަރެންގެ ގާތުގައި އޭނާ ނުބުނީ ކީއްވެ ބާވައެވެ؟ ފަތިސްވަންދެން އަހަރެންގެ ގޭގައި އޭނާ ނިދަން އޮވެފައި ގެއިން ނިކުމެގެން ދިޔައިރުވެސް އެފަދަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ޝައްކެއްގައިހުރެ، ފިކުރުތައް ހައިޖާނުކޮށް ހިއްސުތަކުގެ ޝަކުވާތައް ހަލަބޮލިކުރަން ޒަމީރު ދެކޮޅުހަދާތީ، އަހަރެންގެ ހިތް އެދުނީ ފަޒީލާ ބައްދަލުކުރާށެވެ. އެހެންކަމުން، އަނދެގެންހުރި ފޮށާގަނޑަށް ނުކުޅަދާނަވާހާ ދުރުދުރުގައި ފިޔަވަޅުތައް އަޅަމުން ބައެއް ފަހަރު ހިނގަމުން، އަނެއްބައިފަހަރު ދުވަމުން ކަހަލަ ގޮތަކަށް ފަޒީލު ހުންނަ ގެއަށް ދިޔައީމެވެ. އަދި އޭނާ އުޅޭ ކޮޓަރިއަށްވެސް ވަނީމެވެ. ފެނުނު މަންޒަރުން އަހަރެންގެ ދެފައި ބަނދެވުނެވެ. ދުލުގައި ކަސްތޮޅެއް ލެވުނެއެވެ. އަހަރެންނަށް ފެނުނީ ފަޒީލު އަންނައުނުތައް ފޮއްޓަށް އަޅައި ދަތުރު ތައްޔާރުކުރަމުން ދާތަނެވެ.

ހިތާއި ހަށިގަނޑުގައި ޖަހަންފެށި ވިންދުތައް ވަކި ސުމާރެއްނެތި ބާރުވަމުން ދިއުމުގެ ނަތީޖާއަކީ އަހަރެންގެ ބޮލަށް އެނބުރުން އެރުމެވެ. ހިނދުކޮޅެއްގެ ފަހުން އަހަރެންނަށް ހޭވެރިކަންވީއިރު އަހަރެންގެ މަގަތުގައި ފަޒީލު އިށީނދެލައިގެން އިނެވެ. އަދި ވަރަށް ހަމަޖެހިލައިގެން އޭނަގެ އާންމު އުސޫލުން، އެ ފޮނިފޮނި ފަށުވި ޢިބާރާތްތަކުން އަހަރެންގެ ހިތް ހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ. އެ ބާރުގަނދަ މުލައްދަނޑީގެ ހިމާޔަތުން އަހަންނަށް ލިބުނު ލޯތްބާއި އިތުބާރުން، ބޭގަރާރުވަމުންދިޔަ ޖަޒުބާތުތައް ހިމޭންކަމުގެ މަގު އިހުތިޔާރު ކުރިއެވެ. އޭނާ ވަޢުދުވީ ކައިވެންޏަށް ތައްޔާރުވެގެން އާއިލާއާ އެކު ހަފްތާއެއްގެ ތެރޭގައި އަންނާނެކަމަށެވެ. ތަކުރާރުކޮށް އަހުދުވީ ކައިވެނި ކުރާނެކަމަށެވެ. ލިބުނު ކުޑަކުޑަ ހިނދުކޮޅުގައިވެސް ތުއްތު ކުއްޖެއްފަދައިން، އަހަރެން ފަޒީލު ގާތުގައި ކުސްތަޅަމުން، އޭނާ ލައްވާ އެ އަހުދުތައް ތަކުރާރުކުރުވީމެވެ.

ފަޒީލު ފުރިފަހުން ދެ ހަފުތާ ވާއިތުވެގެން ދިޔައިރުވެސް އޭނާގެ ހިލަމެއް ނުވިއެވެ. މާލެފުރި ބައްތެލިން ފޮނުވި ސިޓީއަކަށް ޖަވާބެއްވެސް ނުލިބުނެވެ. އެ މުއްދަތުގައި އަހަރެންގެ ދިރިއުޅުމަށް އެތަށް ބަދަލުތަކެއް އައެވެ. ނުވާ، ވަރަށް ގިނަ ކަންކަން ފާން ފަށައިފިއެވެ. އަދި އާންމުކޮށް ވަމުން އަންނަ ކަމެއް ނުވެ ލަސްވާކަން ފާހަގަވި ހިސާބުން، އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ފުރަތަމަ ރަނގަބީލު ޖެހުނެވެ. މާޔޫސްވެ ގޮތް ހުސްވެ ބަނގުރޫޓުވެފައިވާ މީހެއްގެ ގޮތުގައި އަހަރެންގެ ދިރިއުޅުން އޮޔާދާންފެށިއެވެ. މިވޭނުގެ ތެރެއިން އަހަރެންގެ ހަޔާތަށް އައި ތޫފާނުގެ ފުރަތަމަ އިޝާރާތް ޔާގީންކަމާއެކު އަހަރެންނާ ބައްދަލުކުރީ ފަޒީލު ފުރިތާ ތިންވަނައަށްވީ ހުކުރު ދުވަހެވެ. ފަތިސް ނަމާދުން އަވަދިވެ ދުޢާއަށް އަހަރެންގެ ދެތައް އުފުލާލިވަގުތު މޭނުބައިކޮށް ހޮޑުލަވާލަމުގެ އިހްސާސް ވާންފަށައިފިއެވެ. ދުޢާކުރުން ކުރުކޮށްލާފައި ނަމާދުކުނާމަތިން ތެދުވެ ދުވަމުން ކަހަލަގޮތަކަށް އަހަރެންނަށް ގިފިއްޔަށް ވަދެވުނީ ކިރިޔާއެވެ. ބަނޑުއޮތް ފިތަށް ހޮޑުލައި މުޅިން ވަރުބަލިވެގެން ފަސް އެނބުރި ބަލައިލި އިރު ގިފިލި ދޮރުމަތީގައި ފިކުރުބޮޑުވެ ގޮތް ހުސްފައިވާ ހާލު، ބަސްހުއްޓިފައި މަންމަ ހުއްޓެވެ. މަންމަގެ މޫނުމަތިން އެއްފަހަރާ އެތަށް ސުވާލެއް، ޖަވާބަށް އެދިގެން ވާކަން އެނގެއެވެ. މަންމަގެ މާޔޫސްކަން، އޭގެ އިމުން ނައްޓައިގެން ދިޔައީ މަންމައަށް މުހާތަބުކޮށް އަހަރެންނަށް ބުނެވުނު ޖުމުލައިންނެވެ.

"މަންމާ! އަހަރެންނަށް މާފުކުރޭ! މީ ގަސްތުގައި ކުރި ކަމެއްނޫން"
މަންމަގެ އަތުގެ ފުރަތަމަ ހަމަލާ އެންމެ އެންމެ ބާރުމިނުގައި އަހަރެންގެ ކޯތާފަތްމައްޗަށް އެރިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެފަދަ އެތައް ހަމަލާތަކެއް އަހަރެންގެ މޫނުމައްޗަށާއި ހަށިގަނޑުގެ އެކިހިސާބުތަކަށް އަރަންވީއިރު އަހަރެން އޮތީ މަންމަގެ ފައިބުޑަށް ވެއްޓިފައެވެ. މިހާހިސާބުން މަންމަ އެނބުރި އެތަނުން ދިޔައީ އަޑުގެ ކޮޅަށް ރޮމުންނެވެ. ގިފިލިތެރޭގައި ވެއްޓިފައި އޮތްތާނގައި އަހަރެންވެސް ރޮއެރޮއެ އޮތީ، ކުރާނެ އެހެންކަމެއް ނެތް ހާލުގައެވެ. ވިސްނާ ވިސްނާ ވަރުބަލިވީ ފަހުން ހިތައްއެރީ، ފަޒީލު ހުރިގޭގެ މީހުންނަށް އޭނާގެ ޚަބަރެއް ވިތޯ ބަލަން ދިޔުމަށެވެ. އަރުތެރެއިން ކާއެއްޗެއް ނުދިރި ހައިބަނޑާހުރެ އެނގެއަށް ދިޔައީ، ލިބެމުންދިޔަ ހިތާމަތަކަށް ކުޑަނަމަވެސް ތަސައްލީއެއް ލިބޭނެފަދަ ޖަވާބެއްގެ އިންތިޒާރުގައެވެ. އެގެއަށް ދިއުމުން، ލިބުނު ހިތި ޚަބަރާއެކު އަހަރެންގެ އުންމީދުތައް ކަފުންވިއެވެ. އެގޭ ދައްތަ ބުނި ގޮތުން، ރަށުން ދިޔަގޮތަށް ފަޒީލު ފުރީ އޭނާގެ ކިޔެވުން ފުރިހަމަކުރުމަށްޓަކައި މެލޭޝިޔާއަށެވެ. އޭނާ ރަށަށް އައީވެސް އެތާގައި ކިޔަވަން ހުރެފައި ލިބުނު ޗުއްޓީއެއްގައި ކަންވެސް ބުންޏެވެ. ހަޤީޤަތުގައި އޭނާ ވަނީ ވަރަށް ގިނަ ގޮތްގޮތުން އަހަރެންނަށް އޮޅުވާލާފައެވެ. ދޮގުހަދާފައެވެ. ފަޒީލަކީ ކެހިވެރިއެއްކަން، އަދި މަކަރުވެރިއެއްކަން އަހަރެންނަށް އެނގުނީ ވަގުތު ފާއިތުވި ފަހުންނެވެ.

ހިކި ހުއި ތަކެއްގައި އަލިފާންހިފުމުން އަނދައިގެންދާހާ އަވަހަށް، އަހަރެން ނަހަލާލަށް ބަލިވެ އިން ޚަބަރު ރަށުތެރޭގައި ފެތުރުނެވެ. އެންމެންގެ މަލާމާތާއި ފުރައްސާރައިގެ އަމާޒުފަތްކަނަޑަކަށް އަހަރެންވީ އިރު، އެ މަލާމާތާއި ފުރައްސާރައިގެ ވިހައިން، އަހަރެންގެ ބައިންބަފައިންނާއި ކޮއްކޮމެންނަކަށްވެސް ސަލާމަތެއް ނުވެވުނެވެ. މަސް އޮޑީގައި ކިޔާ، ލަދުވެތި ވާހަކަތަކަށް ކެތްނުވެގެން ބައްޕަ މަހަށް ދިއުން ހުއްޓާލިއެވެ. ހޮޅުއަށިތަކުގައި ކިޔާ ޒާތްޒާތުގެ ވާހަކަތަކަށް ކެތްނުވެގެން ހޮޅުއަށްޓަށް ދިއުންވެސް ހުއްޓާލައި، ދުވާލާއި ރޭނގަނޑު ހަތަރުދަން ގޭގެ ބޮޑުއަށީގައި އޮންނަން އެ ފަކީރަށް މަޖުބޫރުވީއެވެ. ފިކުރުކޮށްކޮށް ވަރުބަލިވެ ނަފްސާނީ ބަލިމީހެއްގެ ގޮތުގައި، މަންމަގެ ދާނަކީ ނިދާ އެނދުކަމުގައި ވިއެވެ. މަދަރުސާއަށް ދިއުމުން، އެކުގައި އުޅޭކުދިންގެ ގަނާކުރުމާހުރެ، ހަގަށް ތިބި ދެކޮއްކޮ، މަދަރުސާއަށް ދިއުންވެސް ހުއްޓާލީއެވެ. މުޅި އާއިލާ ހިމޭންކަމުގެ ފޭރާމުން ނިވާވެގެން، ގޭގެ ހަތަރުފާރު ތެރޭގައި ޣައިދުވިއެވެ. އެކަކު އަނެކަކާ ވާހަކަ ދެއްކުން ހުއްޓި، އުފާ ފާގަތިކަމުގައި އުޅެމުންދިޔަ އަހަރެންގެ މުޅި އާއިލާ، މުޖުތަމަޢުން ހަވާސާވެ އެކަހެރިވާން ޖެހުނެއެވެ. މުޅި އާއިލާގެ ނަފްރަތުގެ އަމާޒުފަތްގަނޑަކަށް އަހަރެން ވުމުން، ދުނިޔޭގެ ދިރިއުޅުމުން އަތްދޮވެލަންވެސް އެތަށް ފަހަރަކު ހިތަށްއެރިއެވެ. އެ ވަގުތުތަކުގައި އަހަރެންނަށް އެ ވިސްނުމުން ދުރުވާން ހިތްވަރު ދިނީ އަހަރެންގެ އެކުވެރި ފާތުންނާއި އޭނަގެ އާއިލާއެވެ.

މާބަނޑު ދުވަސްތައް، ވޭނާ ހިތްދަތިކަމުގައި ހޭދަކުރުމަށްފަހު އަހަރެން ވިހައިފިއެވެ. ފިރިހެންކުއްޖެކެވެ. އެހާ ތުއްތު އިރުވެސް ދަރިފުޅުގެ ސިފަ، ފަޒީލާ ތަފާތެއް ނެތެވެ. ވިހާގަދަވެ، ހަމަސް ވީދުވަހު ހައްދުޖަހައި، އަހަރެންނަށް ދަޢުލަތުންކުރި ހުކުމް ތަންފީޒުކުރުމަށް ފުރަން އޮޑިއަށް އަރަން ދިޔަވަގުތު ބައްޕަ ބުނި ވިހަގަދަ ޖުމުލަތައް، އަދިއަދަށްދާންދެންވެސް އަހަރެންގެ ކަންފަތުގައި ގުގުމައެވެ. މޭ ތޮރުފައެވެ. އެ ޖުމުލަތައްވަނީ ސިކުނޑީގައި ބިންވަޅުނެގިފައެވެ.

"މުނާ ދެން އެނބުރި މި ރަށަށް އައިސްގެން ނުވާނެ! އަހަންނަށްޓަކައި މަގޭ ދޮށީ އަންހެން ދަރި މަރުވެއްޖެ! ތީގެ ދެމައިންނަށް އަހަރެންގެ ހިޔާވައްސަކުން ޖާގައެއް ނެތް! އަހަރެން މުނާއަށްދިން ތަރުބިއްޔަތު ފުނޑާލައި، ތިޔަ މުޑުދާރު އަމަލު ކުރި ވަގުތުން ވެށިގެން މަގޭ ހިތްހެޔޮކަމާއި ހެޔޮދުޢާ ކަލެއަށްތަކައި ހަރާމްވެއްޖެ."
އިވުނު ވޭންދެނިވި ވިހަ ބަސްތަކަށް ކެތްނުވެވޭ ހާލު، އަހަރެންގެ ދަރިފުޅު ގަޔާލާ ބޮނޑުކޮށްލެވުނެވެ. އެދަރިފުޅު ފިޔަވާ ޙަޔާތުގައި އަލިކަމެއް ލިބޭނެ އިތުރު ވޮށެއް ނެތްކަން ޔަޤީން ވުމުން، އެ ހުޅުކޮޅު ނިވުނަ ނުދޭން ހިތް ތެޅިފޮޅެން ފެށިއެވެ. އެވަގުތު ހޯސްލާފައި ފައިބަމުންދިޔަ ކަރުނައިން އެ ތުއްތު މައުސޫމު މޫނު ތެމެމެނުންދިޔަވެ.

އަހަރެން ކުރި ކުށުގެ އަދަބު ތަންފީޒުކުރުމަށް ސަރުކާރުން ފޮނުވި ރަށަށް އަހަރެންނަށް އާދެވިއްޖެއެވެ. ދޯނިން ފައިބައިގެން އައި ގޮތަށް އަސުރުވުމާ ގާތްވަންދެންވެސް އަހަރެން އިނީ ރަށު އޮފީހުގައި ހުރި ބަނބުކެޔޮގަހެއްގެ ހިޔަލުގައެވެ. އަހަރެންގެ އުނގުގައި އަހަރެންގެ ދަރިފުޅު، ހުމާމު އަރާމު ނިންޖަކުން ނިދާފައި އޮތެވެ. ހަޤީޤަތުގައި އަހަރެންގެ އެ ހައިޖާނީ ދިރިއުޅުމުގެ ހިލަމެއްވެސް އެ ދަރިފުޅަށް އިޙުސާސެއް ނުވެއެވެ. އަހަރެން އެދުނު ގޮތަކީވެސް އެއީއެވެ. އަދި އެގޮތުގައި އެ ދަރިފުޅުގެ މުސްތަޤުބަލު އާބާދުކުރުމަށް ޢަޒުމު ކަނޑައެޅީމެވެ. އޭގެ އިރުކޮޅެއްގެ ފަހުން ކަތީބު އަހަރެންގެ ގާތަށް އައެވެ. ފަހަތުގައި ފިރިހެނަކު ހުއްޓެވެ. ކަތީބު އަހަރެންނާ މުހާތަބުކޮށް ބުންޏެވެ.

"ކަނބުލޯ! މިރަށުގެ ހުރިހާ ގެއަކަށް ވަދެވިއްޖެ. އެއްގެއަކުންވެސް ކަނބުލޮމެން ދެމައިން ބައިތިއްބާކަށް އެއްބަހެއް ނުވި. ހަޤީޤަތުގައި ސަރުކާރުން އެދުނީމަ އަހަރެން ކަނބުލޮ ފޮނުވަން ބުނީ ބޮޑު ސޭޓު ގޭގަ ބައިނަދަފާނަމޭ ބުނީމަ. އެކަމަކު ކަނބުލޮ އައީ، ކުޑަމީހާ ގޮވައިގެންކަން އެނގުމުން، އެމީހުން އެއްބަހެއް ނުވި ކަނބުލޮގެ ދެމައިން ވައްދާކަށް. އެކަމަކު މިހިރީ ޒަބީރު. އެގޭގައި ބައިންދަފާނަމޭ މީނަ އެބަބުނޭ. ޒަބީރު އުޅޭނީ އެކަނިމާއެކަނި. ތީގެ ދެމައިންނަށް އެގޭގަ ފަސޭހައިގައި އުޅެވިދާނެ. ޒަބީރަކީ ހެޔޮލަފާ މީހެއް"
އަހަރެން، ޒަބީރުގެ މޫނަށް ބަލައިލީމެވެ. ފެންނަފެނުމަށް ޒަބީރުގެ އުމުރުން ސާޅީހުން މަތިވެދާނެއެވެ.

ތެދެކެވެ. ހިތްހެޔޮކަމާއި ނިޔަނެތިކަމާއެކު ޒަބީރު އަހަރެންގެ ކިބައިން އެދުނީ އޭނާއާއެކު އައުމަށެވެ. ހުރި ފިޔަވަޅުން އަހަރެން ކުރިއަށް ޖެހިލީ ދަރިފުޅުގެ މުސްތަޤުބަލަށްޓަކައި ކުރެވުނު އުންމީދުގެ އަލީގައެވެ. ދެވެނީ ކިހާބޮޑު ނުރައްކަލެއްގެ ތެރެއަށްކަން ޝައްކުކުރެވި މުޅި މީހާ ދާހިއްލާ ފޯވަމުން ދިޔައެވެ. އަހަރެންގެ ތަޤުދީރު ރޭވިފައިވާ ގޮތާމެދު މާޔޫސްވެ ހިތް މަޑުމޮޅިވެ އުފެދެމުންދިޔަ ޖަޒުބާތުގެ އޮއިވަރު ހަށިގަނޑުގައި ގަދަވެ، ކަރުނައިގެ ސިފައިގައި ކޯތާފަތްމައްޗަށް އޮހޮރެމުން ދިޔައެވެ.

ޒަބީރު، އޭނާގެ ގޭގައި އަހަރެމެން ދެމައިންނަށްޓަކައި ކަންކަން އިންތިޒާމުކޮށް ތަރުތީބުކޮށްދިނީ ވަރަށް ފުރިހަމައަށެވެ. ނިދާ އެނދުގައި ގޮދަނޑިއެއް އަޅާ ތަންމަތި އަރާމުކޮށްދިނެވެ. ދަރިފުޅަށް ބޭނުންވާނެ ކާނާގެ ބާވަތްތައް ގެއަށް ގެނެސްދިނެވެ. ވަގުތެއް ލިބިއްޖެނަމަ އެސޮރު ގޮވައިގެން ބޭރަށްގޮސްވެސް އުޅެއެވެ. އެހެނަސް ބަދަލެއްގެ ގޮތުން އެއްވެސް ކަމަކު ޒަބީރު އަހަރެންގެ ކިބަޔަކުން ނޭދެއެވެ. އެހެންކަމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންނަށް އެގެއަކީ އުފާވެރި ގެއެއް ކަމުގައި ވެއްޖެއެވެ. ގޭތެރެ ކުނިކަހާ ސާފުކޮށް ކައްކާ ހަދަނީ އަހަރެންނެވެ. ޒަބީރު މަހަށްގޮސް ގެންނަ މަސް ކައްކާ، ދިލަޖައްސައި، ވަޅޯކޮށް އެމަސް ވިއްކާ ހަދަނީވެސް އަހަރެންނެވެ. ކޮންމެ ފަހަރަކު ލިބޭ ރުފިޔާ ޒަބީރަށް ދިނުމުން އެއިން ކޮންމެވެސް މިންވަރެއް އޭނަ އަހަރެންނަށް ދެއެވެ. ހަގީގަތުގައި އެއިން އެއްވެސް ރުފިޔާއެއް އަހަރެން ބޭނުމެއް ނޫނެވެ. އެހެނީ ގޭގައި ކުރަންޖެހޭ ހުރިހާ ޚަރަދަކާއި ދަރިފުޅުގެ ހުރިހާ ޚަރަދެއްވެސް ބަލަހައްޓަނީ ޒަބީރެވެ. އެހެންވެ އެ ރުފިޔާ ބެހެއްޓުމަށް އަހަރެން އިންކާރުކުރަމެވެ. ނަމަވެސް ޒަބީރުގެ ޖަވާބަކީ، ތިމަންނަގާތުގައި ބުނެގެން އެއްޗެއް ހޯދަން މުނާއަށް ނުކެރޭ ދަނޑިވަޅުތަކުގައި ތީގެ ބޭނުންކުރެވޭނެ ނޫންހެއްޔެވެ؟

ދުވަސްތައް މާޒީގެ ތެރެއަށް އޮބެމުންދިޔަވެ. ޒަބީރާމެދު އަހަރެންގެ ހިތުގައި އިތުބާރު އުފެދި އެކުވެރިކަންވެސް ބަދަހިވަމުން ދިޔައެވެ. ހަޔާތުގެ ކަޅު ޞަފުޙާތައް ވަކިވަކިން ތަފްޞީލުކޮށް އަހަރެން ޒަބީރަށް ކިޔައިދިނީމެވެ. އެއިން ކޮންމެ ފަހަރަކުވެސް އޭނާގެ ފަރާތުން އަހަރެންނަށް ލިބުނީ ދިރިއުޅުމުގެ އިތުރު އުންމީދުތަކެވެ. އެއްބަޑު އެއްބަފާ ބޭބެއެއް ފަދައިން އަހަރެން ހިމާޔަތް ކޮށްދޭނެކަމުގެ ޔަގީންކަމެވެ.

ހުމާމުގެ އުމުރުން ފަސްއަހަރު ވީއިރު އޭނާގެ ހަށިގަނޑު ފެންނަނީ އެއުމުރުގެ އެހެންކުދިންނަށްވުރެ ދުޅަހެޔޮކަމާއި ހަށިހެޔޮކަމާއެކުގައެވެ. ހަޤީޤަތުގައި މިހުރިހާކަމެއްގެ ޝުކުރު ހައްޤުވަނީ ހެއްދެވި ފަރާތަށާއި ޒަބީރަށެވެ. އެސޮރުގެ އުމުރުން، ތިންއަހަރުވީއްސުރެ ރަށުގައި ޒަބީރު ހުންނަނަމަ، ނަމާދަށް މިސްކިތަށް ދާނީ އެސޮރުވެސް ގޮވައިގެންނެވެ. ހަވީރަކު ވަގުތެއް ލިބިއްޖެ ނަމަ ހިނގާލަން ގެންދާނެއެވެ.

ޒަބީރު ރަށުގައި ނެތް ދުވަހެއްގެ ހަވީރު ހުމާމު ގޮވައިގެން ހިނގާލަން އަހަރެން ދިޔައީމެވެ. ދިޔަ މަގުމަތީގައި، ފެންނަ ގޭތަކުގެ ނަންބޯޑު ކިޔަން އޭނާ މަސައްކަތްކުރާކަން އަހަރެންނަށް ފާހަގަވިއެވެ. އެދުވަހު ތުނޑިއަށްގޮސް ވެލިގަނޑުމަތީގައި ކުރު ލަފުޒުތައް ލިޔެގެން އޭނާއަށް ލިޔަންކިޔަން އެނގޭކަން އަހަރެން ޔަގީންކުރީމެވެ. ލިބުނު މި އުފާވެރިކަމުގެ ތެރެއިން އަހަރެންނަށް ސާފުވި އެއްޗަކީ ހުމާމަށް އަކުރު އަންގައިދީ ޢަރަބި ކަލިމަތަކާއި ތާނަކިޔަން އެސޮރަށް ދަސްކޮށްދިނީ ޒަބީރުކަމެވެ. އެދުވަހު އަހަރެންގެ ހިތް ޒަބީރަށްޓަކައި ޝުކުރުން ފުރުނެވެ. އަހަރެމެންގެ ދެމައިންނަށްޓަކައި އެ އާދަމްގެ ދަރިޔާ ފުރިހަމަ ނުކޮށްދީ އޮތީ ކޮންކަމެއް؟
މިރަށަކީ ބޮޑުޢިދުގެ ކުޅިވަރު ވަރަށް ގަދަ ރަށެއްކަމަށްވީތީ ޢީދަށް ހަނދުބެލީއްސުރެ އެކިރަށްރަށުން މީހުން ދިޔައީ މިރަށަށް ޖަމާވަމުންނެވެ. ޢީދު ދުވަހުގެ ހަވީރު މަންޑިކުޅޭތަނަށް ހުމާމު ގޮވައިގެން އަހަރެން ދިޔައީމެވެ. ކުޅިބަލަން ހުއްޓާ އަހަރެންގެ ނަޒަރު ސީދާވި ދިމާއަކުން ފެނުނު މަންޒަރަކުން އަހަރެންގެ ފައި ދަށުން ބިންގަނޑު ކެހިގެން ދިޔަކަހަލައެވެ. ސީދާ އަހަރެންގެ މޫނަށް ބަލަން ހުރީ ފަޒީލެވެ. އޭނާގެ އުރުގައި ދެއަހަރަށްދާ އުމުރުގެ ތުއްތު ކުއްޖަކު އިނެވެ. ގާތުގައި ޒުވާން ރީތި އަންހެނަކު ހުއްޓެވެ. އެ އަންހެން މީހާގެ ހަރަކާތްތައް ހުރިގޮތުން އެއީ އޭނާގެ އަނބިމީހާކަން އަހަރެންނަށް ޔަގީންވިއެވެ. އަދި އުރުގައި އިނީ އެމީހުންގެ ދަރިއެއްކަންވެސް އެނގުނެވެ. އަހަރެންގެ ހަޔާތް ބަރުބާދުކޮށްލި އެ ނުބައި މީހާ ފެނުމުން ހިތުގައި ނަފުރަތުގެ ހުޅު ރޯވެގެން ދިޔައެވެ. އަދި އެ ހުޅުގެ ހޫނާއެކު ބިރުވެރިކަމުގެ ޝުއޫރުތައްވެސް އަހަރެންގެ ހިތުގައި ހިނގައިގަތެވެ. އެހެންކަމުން އެތަނުގައި ނުހުރެ ދަރިފުޅު ގޮވައިގެން އަހަރެން އައީ ގެއަށެވެ.

އިރު އޮއްސިއްޖެއެވެ. މަޣުރިބު ނަމާދަށް އަބަދުވެސް ޒަބީރު ދާނީ ހުމާމު ގޮވައިގެންނެވެ. ނިމިގެން އަންނާނީ އިޝާ ނަމާދުވެސް ކޮށްގެންނެވެ. އެހެންކަމުން ގޭތެރޭގެ ބައެއް ކަންކަން އެގަޑީގައި ހަމަޖައްސާލުމަކީ އަހަރެންގެ ދުވަހީ އާދައެކެވެ. ގޭތެރެ ކުނިކަހާ އެންމެންގެ ތަންމަތިފޮޅައި އެނދުއަޅައި ހަދަނީ އެގަޑީގައެވެ. މަސައްކަތުގައި އުޅެނިކޮށް މީހެއްގެ ހިލަމެއްވީހެން ހީވެގެން އަހަރެން ބަލައިލި އިރު ގޭ ދޮރުމަތީގައި ހުރީ ފަޒީލެވެ. އޭނާ ފެނުމާއެކު އަހަރެންގެ ހަށިގަނޑުގައި ބިރުވެރިކަން އުފެދި ސަލާމަތަށް އެދިގެން ތެޅިގަނެވުނެވެ. އަބަދުވެސް ފަޒީލަކީ ދަނޑިވަޅަށް ބަލައި ކަންކަންކުރަން ހުޝިޔާރު މީހެއްކަމުން ފަޅި ސިކުންތެއްގެ ތެރޭގައި އަހަރެން، އޭނާގެ ބާރުގެ ދަށަށް ގެންދިޔައެވެ. އަދި އޭނާގެ ވާހަކަތައް އަހަރެންނަށް ކިޔައިދޭން މަސައްކަތް ފެށިއެވެ. ބައްޕަމެން، މަޖުބޫރުކުރުމާއެކު ކިޔަވަން ފުރަން ޖެހުނީކަމަށާއި ސިޓީއަށް ޖަވާބު ލިޔާނެ ވަގުތުވެސް ނުލިބުނީކަމަށް ބުންޏެވެ. އަދިވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވާކަމަށާއި އެ ލޯތްބަށް ނިމުމެއް ނެތްކަމުގައިވެސް ބުނެދެމުން ދިޔައެވެ. އޭނާގެ ދަރިއަކަށް އަހަރެން ބަލިވެ އިންކަން އެނގުމުން އެހިވާން މަސައްކަތްކުރިވާހަކަވެސް ބުންޏެވެ. ކުރެވުނު ކައިވެންޏަކީ ދެފަރާތުގެ އާއިލާއިން ރޭވި ކައިވެންޏެއްކަމުން ދެކޮޅު ނުހެދުނީކަމުގައިވެސް ބުންޏެވެ. އެހުރިހާ ވާހަކަތަކަކަށް ފަހުން އަނެއްކާވެސް އޭނާ އެދުނީ އަހަރެންގެ ހަށިގަނޑުން އޭނާ ހޯދަމުންއައި އަރާމާއި ލައްޒަތަށެވެ. އޭނާގެ އެ ބަސްތަކުން އަހަރެންނަށް އަނެއްކާވެސް ޔަގީންވީ، އެނާގެ މަކަރުވެރިކަމެވެ. ނުލަފާކަމެވެ. އަހަރެންގެ ނުރުހުމުގައި ފަޒީލު އަހަރެންގެ ގަޔަށް އަތްފޯރުވަން މަސައްކަތް ފެށިއެވެ.
ގަލެއްގައި ތަތްވެފައި އޮތް ބޯވައެއް އެ ގަލުން ލުހެލާހެން އަހަރެންގެ ގައިން ފަޒީލު ލުއްސާލައި ފާރުބުޑަށް ޖެހިތަން އަހަރެން ދުށީމެވެ. މިފަހަރުވެސް އަހަރެންނަށް އެހީވީ ޒަބީރެވެ.

އެރޭ ތަންމަތީގައި ފުރޮޅި ފުރޮޅި ވަރުބަލިވީއިރުވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ހިތް އެދެނީ އަހަރެމެން ދެމައިންނަށް ޓަކައި ދިރިއުޅުމުގެ ހުރިހާ ކަމެއް ޚާއްޞަކޮށްގެން ހުރި އެ ހިތްހެޔޮ އިންސާނާއަށް އޭގެ އަގު ދިނުމަށެވެ. ކައިވެންޏަކާނުލައި މިހެން ހިލޭ މީހެއްގެ ހިމާޔަތުގައި އަބަދު އުޅުމަކީވެސް ބޭއަދަބި ކަމެއްކަމަށް ވިސްނި، އެކަން ނިމުމަކަށް ގެންނަން ހިތް އެދެންފެށިއެވެ.
ޖެހިގެން އައި ދުވަހު އަހަރެން ފުރަތަމަ ފަހަރަށް ޒަބީރުގެ މާޒީއާމެދު ސުވާލުކުރީމެވެ. އޭނާގެ ވާހަކަތަކުން އަހަރެންނަށް ސާފުވީ އަޖައިބެއް ކަހަލަ ވާހަކަތަކެކެވެ. މި ރަށަކީ ޒަބީރުގެ ބައްޕަގެ ރަށެވެ. އޭނާ އުޅެ ބޮޑުވީ މަންމަގެ ރަށުގައެވެ. މަންމަ ނިޔާވުމުން އޭނާދެކެ ލޯބިވި އަދި އޭނާވެސް އެކުއްޖަކު ދެކެ ލޯބިވި ކުއްޖާއާ ކައިވެނިކޮށް އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް އެދިރިއުޅުމުގެ ފުރަތަމަ މޭވާ ދުނިޔެއަށް އުފަންވާކަމުގެ ޚަބަރު އެ ދެމަފިރިންނަށް ލިބުނެވެ. ނަމަވެސް ވިހެއުމުގެ ތެރޭގައި ދެމައިންވެސް މި ދުނިޔެއާ އަލްވަދާއުކީއެވެ. ލިބުނު ހިތްދަތިކަމުގައި އެ މާހައުލުގައި ދިރިއުޅުން ކުރިއަށް ނުގެންދެވިގެން، ޒަބީރު އޭނާގެ ބައްޕަގެ ރަށަށް ބަދަލުވީއެވެ. އޭރު ބައްޕަވެސް ނިޔާވެފައިވީތީ، މިގޭގައި ޒަބީރަށް އުޅެން ޖެހުނީ އެކަންޏެވެ.

އަހަރެމެން ދެމައިންނަށް އޭނާ ދޭ ޤަދަރަކީ އޭނާގެ މަރުޙޫމް އަނބިމީހާއަށާއި ދަރިފުޅަށް ދޭ ޤަދަރާއި އިޙްތިރާމެވެ. ހުމާމަށްޓަކައި އެ ހިތުގައިވާ ލޯތްބާ ކުލުނަކީ ދުނިޔެ ދޫކޮށްފައިވާ އޭނާގެ ދަރިފުޅުގެ ހައްޤުގައި އޭނާ އަދާކޮށްދޭ ކަންކަންކަން އެނގުނެވެ. އިވުނު ވާހަކަތަކާއެކު އަހަރެންގެ ހިތުގައި އުފެދުނު ޚިޔާލު، ޒަބީރުގެ ކުރިމަތީގައި ހާމަކުރީމެވެ. ޒަބީރު އެދޭކަމަކަށްވާނަމަ އަހަރެމެންގެ މެދުގައި މިއޮތް ކުލުނު ކައިވެންޏަކަށް ބަދަލުކުރަން ހުށައެޅީމެވެ. އެހިނދު، ޒަބީރު ހައިރާންކަމާއެކު އަހަރެންނަށް ބަލަން ހުއްޓެވެ. އަދި ސުވާލުކުރިއެވެ. މުނާއަށް އަހަރެންގެ މި ސިފަ ކަމުދޭތަ؟
އަހަރެން ޖަވާބުގައި ބުނީމެވެ.
"މީހެއްގެ ސިފަ މީހަކަށް ހުތުރު ވަނީ ހަމައެކަނި ލޮލުން ބަލާ މީހުންނަށް. މީހެއްގެ ސިފައަށް ތިމާގެ ހިތުން ބަލާނަމަ އެކަކަކީވެސް ހުތުރު މީހެއްނޫން. މިވީހާތަނަށް ރީތި ސިފަތައް ދެއްކުމުގައި އަހަރެންގެ ލޯ ވަނީ އަހަރެންނަށް ކެހިދީފަ. އެކަމަކު އަހަރެންގެ ހިތް އަހަރެންނަށް ދެއްކީ އަހުލާޤީ ރިވެރި ސިފަތަކުން ޒީނަތްތެރިވެފައިވާ ރީތި މީހެއް. އެމީހަކީ ތިއީ"

ޖެހިގެންއައި މަހުގެ ރަނގަޅު ސާއަތެއްގައި އަހަރެމެންގެ ކައިވެނި ކުރެވުނެވެ. މުޅި މި ދިރިއުޅުމުންވެސް އަހަރެންނަށް ފެނުނީ އަޅާލުމާއި އޯގާތެރިކަމެވެ. ކުލުނާއި ހަމްދަރުދީއެވެ. އިތުބާރާއި ޔަޤީންކަމެވެ. މިއަދު ޒަބީރު ތަންމަތިވެފައި އެވަނީ ކެންސަރުބަލީގެ ބަލިމީހެއްގެ ގޮތުގައެވެ. އެހެން ދުވަސްތަކަށްވުރެ މިއަދު ޒަބީރުގެ ހާލު ދެރައެވެ. އަނގައަށް އަޅާ ފަނިފޮދުވެސް ނުދިރި ދެމިޔަކަނުން ފައިބައިގެން ދަނީއެވެ. އޭނާގެ ނޭވާ ހުއްޓިދާނެހެން ހީވާ ފަހަރުތައް ގިނައެވެ. ހުމާމުވީ ޑަކްޓަރު ހޯދުމަށް ބޭރަށް ނުކުމެއެވެ. ގޮތްހުސްވެފައި އަހަރެން ޒަބީރުގެ މަގަތުގައި އިށީއިނދެގެން މި އިނީ އެންމެ ފަހުވަގުތުގައިވެސް އޭނާއަށް ހޭހަންކުރާހިތުންނެވެ. އޭނާއަށް ލޯބިދޭ ހިތުންނެވެ. އަހަރެމެން ދެމައިންނަށްޓަކައި ދިރިއުޅުން ހުސްކޮށްލީ ބަދަލެއްނެތި ކަމަށްވީތީ ޝުކުރުގެ ބަސްތައް އަހަރެންގެ ތަކުރާރުވަމުންދިޔައީމެވެ. އިވެމުންދިޔަ ޖުމުލަތަކުން ޒަބީރުގެ ލޮލަށް ކަރުނައިގެ ކޯރެއް ޖަމާވެ، ލޮލުގެ ހިމަކޮޅުން ބަންޑުންވެއްޖެއެވެ. ނަމަވެސް އެ ކަރުނަތަކުން ހާމަވަނީ އެއީ އުފާވެރިކަމުގެ ކަރުނަކަމެވެ.

ހިނދުކޮޅެއްގެ ތެރޭގައި ޒަބީރުގެ ނޭވާ އަވަސްވެ ނޭވާލުމަށް އުނދަގޫވެއްޖެއެވެ. އެންމެ ފަހުނޭވާ ދޫކޮށްލަނީކަމުގައި ޔަގީންވުމާއެކު އެ ލޮބުވެތި އިންސާނާއަށް އެންމެފަހުގެ ޚިދުމަތްތައް ދިނުމަށް އަހަރެން އަވަސްވެގަތީމެވެ. ހުމާމު، ޑޮކްޓަރުގޮވައިގެން އައިސް ހުއްޓުނު ވަގުތު ޒަބީރުގެ އެންމެ ފަހުގެ ނޭވާ މި ވަގުތީ ދުނިޔެއަށް ދޫކޮށް ނިމިއްޖެއެވެ. އަހަރެމެންގެ ދެމައިން މި ދުނިޔެއަށް އެކަނިކޮށްފައެވެ. އެހެނަސް އެތަކެއް ޚިދުމަތްތަކެއް ކޮށްދީފައެވެ. ހުމާމަށް މޮޅަށް ކިޔަވައިދީ ވަޒީފާއެއް ލިބޭނެ މަގު ތަނަވަސްކޮށްދީފައެވެ. އަހަރެމެންގެ ދެމައިންނަށް އޭނާގެ ތަރިކަމުދާ ފަތް ލިޔެދީ، ހިބަކޮށްދީފައެވެ. ދިރިއުޅޭގެ ގެއެއް ބިނާކޮށްދީފައެވެ.

- ނިމުނީ-

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ މިންނާ އަބްދުﷲ ށ.ކޮމަންޑޫ އާގަދަގެ އެވެ. ވާހަކަ ހުށައަޅަދިނީ ފާތުމަތު ސުހާނާ ށ.ކޮމަންޑޫ އާގަދަގެ އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 29 ރަމަޟާން 1442 އެވެ.