ހިންދީ ސިނަމާގައި އެކްޓަރ އަނޫޕަމް ކޭރު އަކީ އިތުރު ތަޢާރަފަކަށް ބޭނުންނުވާ ތަރިއެކެވެ. މޮޅު އެތައް ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާ މި އެކްޓަރަކީ ކޮންމެ ކަހަލަ ރޯލަކަށްވެސް ފިޓް އެކްޓަރެކެވެ.
އަނޫޕަމް ވަނީ މިދިޔަމަހު ބޭއްވި ނިއުޔޯރކް ސިޓީ އިންޓަރނޭޝަނަލް ފެސްޓިވަލްގައި ފިލްމު "ހެޕީ ބާރތްޑޭ" އިން އެންމެ މޮޅު ބަޠަލުގެ އެވޯޑް ޙާޞިލްކޮށްފައެވެ. މި ޙަފްލާގައި މި ހަފްލާގައި މި ފިލްމަށް ލިބުނު އެހެން އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ކުރު ފިލްމުގެ އެވޯޑްވެސް ވަނީ ލިބިފައެވެ. މި އުފާވެރިކަން ފޭނުންނާ ޙިއްސާކުރުމަށް އަނޫޕަމްވަނީ އޭނާގެ އިންސްޓަގްރާމްގައި މިކަން ހާމަކޮށްފައެވެ. ފިލްމުގެ ކޯ ޕްރޮޑިއުސަރ ގިރީޝް ކުމާރުވެސްވަނީ މި އެވޯޑް ލިބުމުން އުފާވާކަމުގައި ބުނެފައެވެ.
އަނޫޕަމާއެކު ފިލްމުގައި ދެން ފެނިގެންދަނީ ފީޗަރ ފިލްމު އަދި ތިއޭޓަރ އެކްޓަރ އަހާނާ ކުމްރާއެވެ. އަހާނާވަނީ މި ފިލްމުން އެންމެ މޮޅު ބަޠަލާގެ އެވޯޑް ޙާޞިލް ކޮށްފައެވެ. 2019 ވަނަ އަހަރު ދެއްކި ފިލްމު "ދަ އެކްސިޑެންޓަލް ޕްރައިމިނިސްޓަރ" ގައި ޕްރިޔަންކާ ގާންދީގެ ރޯލުން ފެނިގެންދިޔަ އަހާނާ އަނޫޕަމާއެކު މަސައްކަތްކުރި މިއީ ދެވަނަ ފަހަރެވެ. އަހާނާވެސް ވަނީ އޭނާގެ ކާމިޔާބީ ފޭނުންނާ ޙިއްޞާކޮށްފައެވެ.
500 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާ އަނޫޕަމް ވަނީ ފިލްމު ފެއަރ އެވޯޑްގައި 5 ފަހަރަށް އެންމެ މޮޅު ކޮމެޑީއަންގެ އެވޯޑް ޙާޞިލްކޮށްފައެވެ. މީގެ އިތުރުން ދެ ނޭޝަނަލް ފިލްމު އެވޯޑާއި އަށް ފިލްމު ފެއަރ އެވޯޑްވެސް އަނޫޕަމް ވަނީ ޙާޞިލް ކޮށްފައެވެ. އެކްޓަރެއްގެ އިތުރުން އަނޫޕަމް އަކީ ޑައިރެކްޓަރެއްވެސްމެއެވެ. ހިންދީ ފިލްމުގެ އިތުރުން ބޮލީވުޑްގެ ބައެއް ފިލްމުތަކާއި ސީރީޒްތަކުގައިވެސް އަނޫޕަމް އަންނަނީ މަސައްކަތްކުރަމުންނެވެ.