މިޙާލަތުގައި ރާއްޖެއަންނަ ކޮންމެ މީހަކު 96 ގަޑިއިރުނުވާ ކޯވިޑް ނެގެޓިވް ނަތީޖާ ގެންނަން ޖެހޭގޮތަށް ހަމަޖައްސާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ނެގެޓިވް ޕީސީއާރް ޓެސްޓާއެކު ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާގައި ރާއްޖެ އަންނަ ބޭރު މީހުން ކަރަންޓީންވާން ނުޖެހޭގޮތަށް ކަނޑައަޅައި އާޢްމު ސިއްޙަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ނަމަވެސް ކޯވިޑް-19 ފެތުރުން އިތުވެ ނުރައްކާ ބޮޑުވެފައިވާތީ، ބަލި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އެންގުމުގައި ވަނީ މެއި 3އިން ފެށިގެން، ރާއްޖެ އަންނަ ފަތުރުވެރިންނާއި، ކޯވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އަންނަ ހުރިހާ އެންމެންވެސް 96 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާއަކާއެކު ދަތުރުކުރުމަށް އަންގާކަމަށެވެ. މީގެ ތެރޭގައި އެއް އަހަރުން ދަށުގެ ކުޑަކުދީން ނުހިމެނޭ ކަމަށްވެސް އެ އެންގުމުގައިވެއެވެ.
އެޗްޕީއޭއިން ވިދާޅުވީ، މި ފިޔަވަޅު ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށެވެ.
ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެންވެސް 96 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ގެންނަންޖެހޭގޮތަށް ހަމަޖައްސާފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖެއިން ވަނީ ރެކޯޑް ޢަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ. އެގޮތުން 465 މީހުން ޕޮޒިޓިވްވިއެވެ. މިއީ 300 އިން މަތިން ޕޮޒިޓިވް ކޭސްތައް ރިޕޯޓްުރި 5 ވަނަ ދުވަހެވެ.
މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ބައެއް ޤައުމުތަކުގައިވެސް ކޯވީޑް ހާލަތު އަންނަނީ ގޯސްވަމުންނެވެ. އެގޮތުން އިންޑިއާގައި ކޮންމެ ދުވަހަކުވެސް ދުނިޔޭގެ ރެކޯޑް ޢަދަދަކަށް މީހުން ޕޮޒިޓިވްވާކަމަށް ރިޕޯޓްކުރެއެވެ. އިންޑިއާއިން އަންނަ ފަތުރުވެރިން ރާއްޖޭގެ މީހުން ދިރިއުޅޭ ޢާއްމު ރަށްރަށުގެ ގެސްޓުހައުސްތަކާއި އެފަދަ ތަންތަނުގައި ޗެކިންވުން ހުއްޓާލުމަށްވެސް އެޗްޕީއޭއިން އަންގާފައިވެއެވެ.