ބަފާވަންތަކަމުގެ ލޯތްބަކީ ދަރިންނަށް ކިހާވަރެއްގެ އެއްޗެއްކަން އަހަންނަށް ފުރަތަމަ ފަހަރަށް އިޙުސާސް ކުރެވެންފެށީ ފިރިމީހާ ދުނިޔެ ދޫކޮށްދިޔަ ހިސާބުންނެވެ. އެ ދަރިފުޅު ބައްޕައަކަށް ބޭނުންވާ މިންވަރު އަހަންނަށް ވުރެ ބޮޑަށް އިޙުސާސް ކުރެވޭނީ ކާކަށް ހެއްޔެވެ؟ ތުއްތު ޔޫސުފުގެ ޢުމުރުން އެންމެ 6 އަހަރުގައި އާދަމްފުޅު އަހަރެމެން ދެމައިންނާ ވަކިވެގެން ދިޔައީ ކުއްލި މަރަކުންނެވެ. އަސަރުގަދަ ރުއިމަކުން ރޮއްވާލާފައެވެ. މިއީ ތަޤުދީރު ނޫން ދެން ކޮން އެއްޗެއް ހެއްޔެވެ؟ ތަޤުދީރުގައި ރޭވިފައިވާ ގޮތް ނޫން ގޮތަކަށް އެއްވެސް ކަމެއް ނުހިނގާނެއެވެ. ދުނިޔޭގެ ޤާނޫނަކީވެސް މިއީއެވެ. ކިތަންމެ ނުރުހުނަސް މި ޤާނޫނަށް ބޯލަނބަން ޖެހެއެވެ. އެ މީހެއްގެ އަޖަލުގެ ފިލާގައި ލިޔެވިފައިވާ ފަދައިން މަރު ބައްދަލު ކުރާނެކަމީ ޙަޤީޤަތެކެވެ. ނޭނގެނީ މަރާ އިންސާނާއާ ދެމެދުގައި އޮތް ދުރުމިނެވެ. އެ ގޮވާލާނީ ކޮން އިރަކުންކަމެއް ނޭނގުމެވެ.
ޙަޔާތަކީ މިފަދަ އެއްޗެކެވެ. ޙަޔާތުގައި އަޑިގުޑަންތަކާއި އުސް އަލިތައް އެކުލެވެއެވެ. ކަޅާއި ހުދުގެ ހުވަފެންތައް ފަދައިން ކުލަ ހުވަފެންތައް ވެސް ވެއެވެ. ފޮނި އުއްމީދުތަކުގެ އިޙުސާސް ކުރެވޭ ފަދައިން ނާއުއްމީދުގެ އިޙުސާސް ވެސް ބައްދަލު ކުރެއެވެ. ބަހާރު މޫސުމުގެ މާތައް އަޅާ ލަނބާފައި އޮތް އޮފިތަކާއި ގޮފިތައް ވީރާނާވެ ހިކި ހޯއްޔަށް ބަދަލުވަނީ ވަރަށް ވެސް އަވަހަށެވެ. އިއްޔެ ދުށް ކިތަންމެ ކަމެއް މިއަދު ބަދަލުވެފައިވެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ. ދުނިޔެ ދައްކާ ފިލާވަޅެވެ.
އެ ދުވަހު ދެރަވިއެވެ. ރޮވުނެވެ. ގިސްލާފައެވެ. ދުނިޔޭގެ ހުރިހައި އުފަލެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބީވެގެން ދިޔަހެން ހީވިއެވެ. ޝުކުރު ކުރީމެވެ. މިންވަރަށް އީމާންވާ މީހެއްގެ ގޮތުގައެވެ. މިއީވެސް އިމްތިޙާނެއް ކަމުގައި ހިތުން ގަބޫލު ކޮށްގެންނެވެ. ކިތަންމެ ބޭނުންވިޔަސް އެ ދުވަސް އެހެން އަލަކުން އެނބުރިއެއް ނާންނާނެކަން އެނގޭތީއެވެ. ވީއިރު ދެން އެ ހަނދާންތަކާއެކު ޙަޔާތުގެ ދުވަސްތައް ކަރުނަޔާއެކު ގުނުމުގައި ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ހިތްވަރު ކުރީމެވެ. މި ކަހަލަ ކަމެއްގައި އަންހެނަކަށް ކުރެވޭނެ އެންމެ މައްޗަށެވެ. އެކަނިވެރި މައެއްގެ ގޮތުގައިވިޔަސް ފިރިމީހާގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ މަތިވެރި އުއްމީދާ އެކުގައެވެ.
ޔޫސުފު ހެދި ބޮޑުވަމުންދިޔަ ވަރަކަށް އާދަމްފުޅުގެ ހަނދާންތައް އެނބުރި އަނެއްކާވެސް އާވަމުން ދިޔައެވެ. އާދަމުފުޅުގެ ހުރިހައި ސިފައެއް އެ ދަރިފުޅަށް ވާރުތަކޮށްފައިވެއެވެ. ހަމަ އެމޫނެވެ. އެ ހިތްގައިމު ކުލަ އަލިކަމެވެ. އެ ދެ ލޮލުގެ ވިދުމެވެ. އެ ހިތްގައިމު ހީލުމެވެ. އެ ތަނަވަސް ނިތްކުރިއާއި ފަންފަން އިސްތަށިގަނޑެވެ. އެ ފިރިހެންވަންތަކަމެވެ. ޤުދުރަތުގެ ކުޅަދުންވަންތަކަމަކީވެސް ޢަޖައިބެއްފަދަ ކަމެކެވެ. ދަރިންނަށް މައިންބަފައިންގެ ފަރާތުން ވާރުތަވާ ގުޅުމަކީ ހާދަ ވަރުގަދަ ގުޅުމެކެވެ. އެކަމަށްޓަކާ ﷲ އަށް ޙަމްދު ކުރީމެވެ. އަހަރެމެންނަށް މިފަދަ އަގު ބޮޑު ނިޢުމަތެއް ދެއްވީތީއެވެ.
ދެރަވަނީ ހަމަ އެންމެ ކަމަކާއެވެ. ޔޫސުފަށް ބައްޕައެއްގެ ލޯބި މަޙުރޫމްވެފައިވާތީއެވެ. ބައްޕައަކާ ނުލާ އުޅެން ޖެހިފައިވާތީއެވެ. އެކަމާ އަބަދުވެސް ފިކުރު ކުރެވެއެވެ. ޚިޔާލުތައް މަތިމައްޗަށް ފަތިފައްޗަށް ކުރެވެއެވެ. ބައެއް ފަހަރު މިއީ އަހަރެންގެ ކުށޭ ވެސް ހިތަށް އަރައެވެ. އަނެއްބައި ފަހަރު މިއީ އަހަރެންގެ ނަޞީބޭ ވެސް ހިތަށް އަރާ ފަހަރު މަދެއް ނޫނެވެ. ސަބަބަކީ މިޒަމާނުގައި ރަނގަޅު ބައިވެރިޔަކު އިޚުތިޔާރުކުރަން އުނދަގޫވެފައިވާތީއެވެ. ތަފާތު ހުށަހެޅުންތައް ލިބެމުންދިޔައެވެ. އެކުވެރި ރަޙުމަތްތެރިންގެ ހެޔޮ އެދުންތަކާއެކުގައެވެ. އެހެންނަމަވެސް އެއިން ކޮންމެ މީހެއްގެ މަޤުޞަދު ހިތަށް އެރުމުން ފުރަގަސް ދެވެނީއެވެ. އާދަމްފުޅުގެ މުދަލާއި ވިޔަފާރިއާއި ގޯތި ގެދޮރުގެ ދަހިވެތިކަމުގައި އެ މީހަކު އަހަރެންގެ ޙަޔާތަށް އަތުވެދާނެތީއެވެ. އެއަކީ ނުވެ ނުދާނޭ ކަމެއްވެސް ނޫނެވެ. މި ބާވަތުގެ ކިތަންމެ ވާހަކައެއް އަޑު އަހާފައިވާތީއެވެ. އެހެންވެއްޖެނަމަ އަހަރެންގެ ދަރިފުޅަށް އަހަރެންގެ ދިރިއުޅުމަށް ވާނީވެސް ކިހިނެއް ހެއްޔެވެ؟ އެފަދަ ދުވަހެއް މި ޙަޔާތަށް ނުދެއްކުން އެދި ހިތާހިތާ ދުޢާ ކޮށްކޮށް ހުންނަމެވެ.
ކެތްތެރިކަމާއި އެކަނިވެރިކަމުގެ އެތައް އަހަރެއް ޙަޔާތުން މާޒީވެ ދިޔައީ ވިސްނާ ފިކުރު ކުރުމުގައެވެ. ބައިވެރިއަކަށް ބޭނުން ނުވާތީއެއް ނޫނެވެ. ރަނގަޅު ބައިވެރިއެއްގެ އިންތިޒާރީގައެވެ. އިޚުތިޔާރުކޮށް ގޮތްފޮތް ދެނެގަތުމުގައެވެ. ވަނަވަރާއި ހައިޝިއްޔަތު ދެނެގަތުމުގައެވެ. މިޒާޖާ ގުޅޭތޯ ބެލުމުގައެވެ. އަހަރެން އެދޭފަދަ ބައިވެރިއެއްތޯ ޢަޖުމަ ބެލުމުގައެވެ. އަހަރެންގެ ހޮވުން ގޯހަކަށް ނުވިއެވެ. އޭނާގެ ޢުމުރު އަހަންނާ ދާދި އެއްވަރެވެ. ޙަޔާތުގެ މި ހިސާބުގައި ދެމީހުންނަށް ވެސް ދިމާވެފައިވަނީ އެއްގޮތް ކަންތައްތަކެކެވެ. އޭނާގެ ވެސް ޒުވާން ޢުމުރުގައި އަނބިމީހާ މަރުވެދިޔައީއެވެ. ތަފާތަކީ އަހަންނަށް ދަރިއެއް ލިބިފައި އޭނާއަށް އެފަދަ ނަޞީބެއް ލިބިފައި ނެތުމެވެ.
ރަށްފުށު މީހަކަށްވިޔަސް އޭނާއަކީ ތަފާތު މީހެކެވެ. ޒަމާނަށް ހޭނުލާ ހުރި މީހެއްނޫނެވެ. އަހަންނާ އޭނަޔާ ދިމާވުމަކީ އިއްތިފާޤެއް ނޫނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެން ދިޔައީ އޭނާގެ ވާހަކަތައް އަޑު އަހަމުންނެވެ. ދެ ފަރާތުގެ މެސެޖުތައް ބަދަލު ކުރަމުންނެވެ. އެއްވެސް އޮޅުވާލުމެއްނެތިއެވެ. ކައިވެންޏާ ހަމައަށް އާދެވުމުގެ ސިއްރަކީވެސް އޭނާގެ ހިތް ނިޔަތް ސާފުކަމެވެ. ތެދުވެރިކަމާއި އިޚުލާޞްތެރިކަމެވެ. ދެގޮތެއްނެތި ސާބިތުކަމާއެކު ކުރި އިންތިޒާރެވެ. މިފަދަ ބައިވެރިޔަކު ދެވަނަ ފަހަރަށް އަހަރެންގެ ޙަޔާތަށް އައީތީ ޝުކުރު ކުރެވުނީ ފުރަތަމަ ވެސް ހެއްދެވި ފަރާތަށެވެ. އަމީޒު ކަހަލަ ބައިވެރިޔަކު ލިބޭނީ ވެސް ނަޞީބުވެރި އަންހެނަކަށެވެ. އެ ނަޞީބުވެރިޔަކީ މިއަދު އަހަރެންނެވެ. އަހަރެން އުފާވަނީ ހަމައެކަނި މިފަދަ ސިފަތަކެއް އަހަރެންގެ ފިރިމީހާއަށް ލިބިފައިވާތީ އެކަންޏެއް ނޫނެވެ. އަހަރެންގެ ފުރާނަފަދަ ލޯބިވާ ދަރިފުޅަށް ބައްޕައެއްގެ ލޯބި ހޯދައިދެވޭފަދަ ބައިވެރިއަކަށް އޭނާ ވާނެތީއެވެ.
ދަރިފުޅު ދެކެ އަމީޒު ވަރަށް ލޯބިވެއެވެ. އުފަން ދަރިއެއް ފަދައިންނެވެ. އާދަމްފުޅު ދުނިޔޭގައި ހުރިނަމަވެސް ތަކުރާރުވާނީ ހަމަ މި މަންޒަރެވެ. ބޮލުގައި އެނބުރެމުންދިޔަ މާޒީގެ ފިކުރުތައް ހުއްޓުނު ކަހަލައެވެ. އަމީޒަށް ހިތާހިތާ ތަޢުރީފު ކުރެވެމުންދިޔައީ ދަރިފުޅު ދެކެވާ ލޯބި ފެނިފައެވެ. ހިތް ފުރި ބަންޑުންވަމުންދާ ކަހަލައެވެ. ގޭތެރޭގެ އުފާވެރިކަން ވިދާ ބަބުޅަމުން ދިޔައީ މާޒީވެދިޔަ ދުވަސްތައް އަމުދުން ހަނދާނަށްވެސް ގެންނަން ދަތި މިންވަރަކަށެވެ. އަބަދުވެސް އަހަރެންގެ ހިތުތެރޭގައި ހިތާއި ދުލުން އޭނާއަށް ކުރެވެނީ ތަޢުރީފެވެ. މިފަދަ މާތް އިންސާނަކަށް ކުރެވޭނެ ޙައްޤު ތަޢުރީފެވެ. އޭނާގެ މަޑުމައިތިރިކަމާއި އޯގާތެރިކަން ދެކެފައެވެ. ކުލުނާއި ހަމްދަރުދީ ފެނިފައެވެ. މަންޒަރު ސިފަކުރާ ބަޔަކަށް އަމީޒު ފެންނާނީ ދަރިފުޅުގެ ދޮން ބައްޕައެއް ގޮތުގައެއްނޫނެވެ. އުފަން ދަރިއެއްގެ ގޮތުގައެވެ.
ދަރިފުޅަށް އޭނާގެ ގެއްލިފައިވާ ބައްޕަ އަލުން ލިބުނު ކަހަލައެވެ. އޭނާގެ ހުރިހާ ވަގުތެއް ފުރަމުންދަނީ އަމީޒާ އެކުގައެވެ. ސުކޫލުގެ ހަރަކާތްތަކަށް އުފުލާ ހެދުމުގައެވެ. ހަވީރުގެ ގަޑިތަކުގައި ސައިކަލު ދުއްވުމުގައެވެ. ހަފުތާގެ ބަންދުތަކުގައި ފުޓްބޯޅަ ކުޅުމާއި މޫދަށް ދިއުމުގައެވެ. އެހެންކަމުން ކުރިން މަޙުރޫމުވެފައިވާ އެތައް އުފަލެއް އެއްފަހަރާ ދަރިފުޅަށް ލިބުނު ކަހަލައެވެ. އެކަމާ މިއަދު އެންމެ އުފާވާ މީހަކީ ޚުދު އަހަންނެވެ. މިއަދު އަހަންނަށް ކުރެވެނީ ތަފާތު އިޙުސާސެކެވެ. އިއްޔެ ކުރެވުނު އިޙުސާސްތަކާ މުޅިން ތަފާތު އިޙުސާސްތަކެކެވެ. ހީވަނީ އެހެން ދުނިޔެއެއްގައި އުޅެވޭހެންނެވެ.
ދަރިފުޅަށް މިހާރު 10 އަހަރު ފުރުނީއެވެ. ބޮޑު ކުއްޖެއްގެ ސިފަތައް ފާޅުވާން ފެށިއެވެ. އަމިއްލައަށް ގިނަ ކަންތައްތައް ކުރަން ދަސްވެއްޖެއެވެ. އަހަންނާ ނުލާ ވެސް މިހާރު ގިނަ ކަންތައްތައް ކުރަން އެނގެއެވެ. މިއީ އަބަދުވެސް އަހަރެން އެންމެ ބޭނުންވާ ގޮތެވެ. އަހަރެން ނެތް ދުނިޔެއެއްގައިވެސް އަމިއްލައަށް އުޅެން ދަސްކޮށްދިނުމެވެ. އަމިއްލަ ފައި މައްޗަށް ތެދުވާން ދަސްކޮށްދިނުމެވެ. މިއީ އޭނާގެ ބައްޕަގެ ވެސް އެދޭގޮތެވެ. އާދަމްފުޅު އަބަދުވެސް ބުނާނެއެވެ. ހެޔޮ ގޮތުގައި ދަރިއެއް ތަރުބިއްޔަތު ކުރެވިއްޖެނަމަ ދުނިޔޭގެ ހުރިހައި އުފަލެއް ޙާޞިލު ކުރެވޭނެއެވެ. މުދަލާއި ފައިސާއަކީ އެއްވެސް އެއްޗެއް ނޫނެވެ. މާދަމާ ލޯ މަރާލަން ޖެހުނަސް އެ ހުރިހާ އެއްޗެއް ބީވެދާނެއެވެ. އެކަމަކު ހެޔޮލަފާ ދަރިޔަކު ތަރުބިއްޔަތު ކުރެވިއްޖެނަމަ ދެ ދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލްވީއެވެ.
ތެދެކެވެ.
އާދަމްފުޅުގެ އެ އުއްމީދުގެ ބޮޑު ބައި މިހާރު ވެސް އަހަންނަށް ޙާޞިލް ކޮށްދެވިއްޖެއެވެ. އަމީޒުގެ އެހީގައެވެ. އަމީޒުފަދަ މީހަކު އަހަރެންގެ ޙަޔާތަށް ނައިނަމަ މިފަދަ ބޮޑު އުއްމީދެއް އަހަރެން ކަހަލަ އަންހެނަކަށް ފުރިހަމަކޮށްދެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ފިރިހެން ދަރިޔަކަށް މަޔަކު ކިތަންމެ ރަނގަޅަށް ކަންތައް ކޮށްދިނަސް ބަފަޔަކާ ނުލާ ޙާޞިލް ނުކުރެވޭނެ ކަންކަން ހުންނާނެއެވެ. ދަރިފުޅުގެ ޙަޔާތުގެ ކުރީ ކޮޅުގައި އަހަރެން ކުރަމުން ދިޔަ ފިކުރަކީ ވެސް އެއީއެވެ. އެ ހުރިހައި ފިކުރުތަކެއް ދޮން ބައްޕައެއްގެ ގޮތުގައި ހުރި ދަރިފުޅުގެ އުފަން ބައްޕައެއް ފަދަ އަހަރެންގެ ފިރިމީހާ އެކޮށްދިނީ ހަމަ އަހަންނަށްޓަކައެވެ. ދުނިޔަވީ އެއްވެސް އެދުމެއް ނެތިއެވެ.
އަމީޒުގެ މި ހުންނަ ސިފަތަކުން ބައެއް ފަހަރު އަހަރެން ޙައިރާންވެއެވެ. އޭނާގެވެސް އުއްމީދުތަކެއް ހުންނާނެއެވެ. ހުވަފެންތަކެއް ދެކޭނެއެވެ. އަހަރެންނާ ކައިވެނި ކުރުމުގެ މަޤުޞަދުތަކެއްވެސް ވާނެތާއެވެ. އެ އެއްވެސް ޚިޔާލެއް އޭނާގެ ފަރާތުން ފާޅެއް ނުކުރެއެވެ. އޭނާ ވެސް ކުއްޖަކު ބޭނުންވާނެތާއެވެ. ދިރިއުޅުމުގެ މަޤުޞަދެއް ވާނެތާއެވެ. މިއީ ހުސް އަހަރެންގެ ހިތަށް އަރާ ސުވާލުތަކެވެ. އަދި އެ ވަގުތެއް ނުޖެހެނީތާއޭ ވެސް ހިތަށް އަރައެވެ. އެކަމަކު މިހާރު އަހަރެމެންގެ ކައިވެންޏަށް ވެސް އަހަރުވީއެވެ. އަމީޒު އެފަދަ ވާހަކައެއް ނުދައްކާތީ އަހަންނަށް ވެސް އެކަމާ އިސްވެ ކުރިމަތިލާން ފަސް ޖެހެވެއެވެ. ފަހަރެއްގައި އޭނާ އެ ގޮތް ބޭނުން ނުވަނީކަމަށްވުންވެސް އެކަށީގެންވެއެވެ. އެންމެފަހުން މިކަމާ ކުރިމަތިލީ އަހަންނެވެ.
އަމީޒުގެ ޚިޔާލު ވަރަށް ތަފާތެވެ. އެފަދަ ޖަވާބެއް އެފަދަ މާތް މީހެއްގެ ދުލުން ބުނެފާނެ ކަމަކަށް ވެސް ހިތަށް ނާރައެވެ. އަމީޒު ވިސްނީ އަހަންނަށް ވުރެ ބޮޑަށް ޔޫސުފަށެވެ. އެފަދަ ދެވަނަ ކުއްޖަކު މިގޭ ތެރެއަށް އަތުވެއްޖެނަމަ ދެން ކަންވާނެގޮތް އޭނާ ބުނެދިނެވެ. ދަރިފުޅަށް މިހާރު ލިބެމުން އެދާ އުފާތަކުގެ ހުރަހަކަށް ވާކަށް އޭނާ ބޭނުން ނުވާކަމަށް ބުންޏެވެ. ޔޫސުފަކީ ނުއުފަން ދަރިޔަކަށް ވިޔަސް ދަރިއެއް ނޫން ނަޒަރަކުން ނުދެކޭ ކަމަށްވެސް ބުނަމުން ދިޔައެވެ. ޔޫސުފަށް ދެރަ ގޮތެއް ވާކަށް ނޭދޭކަންވެސް ފާޅު ކުރިއެވެ.
އެއީ ފިރިމީހާގެ ހިތް ހެޔޮކަމެވެ. އަހަރެން ނެތް ދުނިޔެއެއްގައިވެސް އަހަރެންގެ މި އަމާނާތް އަމާނާތްތެރިކަމާއެކު ބަލަހައްޓައިދޭނެ މީހަކު ހުރިކަން އެނގުމުން އުފާ ކުރީމެވެ. އަމީޒު ބުނި ފަދައިން އަހަރެމެންނަށް އިތުރު ދަރިޔަކު ނުހޯދާވެސް އުޅެވިދާނެއެވެ. ދަރިއެއްގެ ފަރާތުން ބަފަޔަކާއި މަޔަކަށް ލިބޭ ހުރިހައި އުފަލެއް އަހަރެމެންނަށް ދިޔައީ ލިބެމުންނެވެ. އެކަން އަހަރެމެން ދެމަފިރިން ހެޔޮ ހިތުން ދިޔައީ ބަލައިގަންނަމުންނެވެ.
ޙަޔާތުގެ މި ހިސާބުން އަހަރެން ވެސް ދަރިފުޅާ ވަގުތީ ގޮތުން ވަކިވާން ޖެހިއްޖެއެވެ. ދިގު މުއްދަތަކަށެވެ. އަހަރެން އެއްވެސް ވަރަކަށް އެކަމާ ކަންބޮޑެއް ނުވެއެވެ. އެއީ އަހަރެންގެ ދަރިފުޅުގެ ކަންތައް ބަރާބަރަށް ކޮށްދޭނެ މީހަކު ހުރީމައެވެ. އަހަރެން މި ގޮތަށް ނިންމީ ވެސް އޭނަޔާ މަޝްވަރާ ކުރުމަށްފަހުގައެވެ. އެއީ އަހަރެން ފަށާފައިވާ ކޯސް ނިންމުމަށް ދީފައިވާ މުހުލަތު ހަމަވާން ކައިރިވެފައިވާތީއެވެ. ކޯސް މެދުކަނޑާލަން ޖެހުނީވެސް އާދަމްފުޅުގެ މަރާ ގުޅިގެންނެވެ. ތުއްތު ޔޫސުފު ބަލަމުން އަހަންނަށް އެކަން ފުރިހަމަ ކުރެވިދާނެކަމުގެ ޔަޤީންކަން ނެތީމައެވެ. ދުވަސްތައް ގުނަގުނަ ހުއްޓާ ހުސްވެގެން ހިނގައްޖެއެވެ. ދަރިފުޅާއި ފިރިމީހާއާ ވަގުތީގޮތުން 3 އަހަރަށް ވަކިވާން ޖެހުނީއެވެ.
އެންމެފަހު ސިކުންތުގައި ވެސް ވަޞިއްޔަތް ކުރެވުނީ އަމީޒަށެވެ. އެއްވެސް އިޚުތިޔާރަކާ ނުލާ ޔޫސުފު ގަޔާލާ ބޮނޑިކޮށްލުމަށްފަހު ބުނީމެވެ. "އަމީޒެވެ! ވަކިވަނީއެވެ. މިއީ އަހަރެންގެ ހިތެވެ. މި ދަރިފުޅަށް އެއްވެސް ދެރައެއް ލިބުމަކީ އަހަރެން އެދޭ ގޮތެއްނޫނެވެ. މި ދަރިފުޅު ކަލާއާ ޙަވާލު މި ކުރަނީ އުފަލާއެކުގައެވެ." "ޔަޤީން ކުރާށެވެ. ޔޫސުފަށް އެއްވެސް ދެރަގޮތެއް ނުވާނެއެވެ. އަމާނާތްތެރިކަމާއެކު ޔޫސުފު ބަލަހައްޓައިދޭނަމެވެ."
ހިތާ ދެކޮޅަށް ނަމަވެސް ފުރައިގެން ދިޔައީ ވަރަށް އުފަލުން ހުރެއެވެ. ދަރިފުޅާ ނުލާ މެލޭސިޔާގައި ދުވަސްތައް ގުނަމުން ދިޔައީ މި ވަގުތުގެ މަޖުބޫރުކަން ސިކުނޑީގައި ބާއްވައިގެންނެވެ. ދަރިފުޅާއި އަމީޒުގެ ޚަބަރުތައް ބަރާބަރަށް ލިބެމުން ދިޔައެވެ. ފޮޓޯތަކާއި ވީޑިއޯތައް ބަރާބަރަށް ދައުރުވަމުން ދިޔައެވެ. ކައިރީގައި ހުރި އިރަށްވުރެވެސް މަޢުލޫމާތުތައް އަދާހަމައެވެ. އެހެންކަމުން ކިޔަވަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމާއެކުގައެވެ. މި ގޮތުގައި އެއް އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. ލިބޭ ކުރު ޗުއްޓީތަކުގައި ފިރިމީހާއާއި ދަރިފުޅު ދެކެން އަންނަ ހިތްވިއެވެ. އެކަމަކު އެއީ ގޯހެއްކަން ވިސްނައިދިނީ ފިރިމީހާއެވެ. އަތުގައި ފައިސާ ނެތިގެނެއްނޫނެވެ. ޔޫސުފަށް އަތުވެދާނެ ބަދަލަކަށްޓަކައެވެ. އެކަން އަހަރެންވެސް ގަބޫލު ކުރީމެވެ.
ޖެހިގެން އައި ދުވަސްތަކުގައި ބަދަލުތަކެއް އަންނަމުންދާކަމުގެ އިޙުސާސްތަކެއް ކުރެވުނެވެ. މިހާރު އަމީޒާއި ޔޫސުފުގެ ކޯލުތައް ކުރިއަށް ވުރެ މަދެވެ. އަހަރެން ހީކުރަނީ އަހަރެންގެ ކިޔެވުމަށް ހުރަސް އެޅިދާނެތީ އެބައި މަދުކޮށްލީ ކަމަށެވެ. ޔޫސުފު ވެސް މިހާރު ފޮޓޯ ފޮނުވާ ހެދުން ހުއްޓާލައިފިއެވެ. އެކަމާ އަހަރެން ޝަކުވާއެއް ނުކުރަމެވެ. ނިޔަތެއް ގޯހެއްނޫނެވެ. އަމީޒުގެ ޚިޔާލު ވެސް ގޯހެއްނޫނެވެ. އަމީޒު އަހަންނަށް ވިސްނައިދެމުން ދިޔައީ މިކަންކަމާ ޔޫސުފު ދުރުކުރަން ބޭނުންވާ ކަހަލަ ގޮތަކަށެވެ. އިންޓަނެޓާ ދޯޅަވާލެއް ބޮޑުކަމުންނެވެ.
ދުވަސްތަކަކަށްފަހު ފެނުނު ދަރިފުޅުގެ ފޮޓޯ ފެނިފައި އަހަރެން ޙައިރާންވިއެވެ. ޔޫސުފު މިހާރު ފެންނަނީ މާ ބޮޑު ކުއްޖެއްގެ ގޮތުގައެވެ. ޢުމުރަށްވުރެވެސް ބޮޑު ކަމަށް ދައްކައެވެ. މިއީ ފިރިހެން ކުދިންގެ ހަށިގަނޑަށް ޠަބިޢީގޮތުން ބަދަލުތައް އަންނަ ޢުމުރުކަން އަހަރެން ހަނދާނެއް ނުނެތެވެ. އެހެންނަމަވެސް ބައެއް ފަހަރު ދަރިފުޅާ ސުވާލު ކުރެވެއެވެ. މިހާރު ދަރިފުޅު ފުޓްބޯޅަ ކުޅެންވެސް ނުދަނީ ހެއްޔެވެ؟ ބައްޕައާއެކު ފަތަން ދަން ހެއްޔެވެ؟ ކަނީ ކޮން އެއްޗެއް ހެއްޔެވެ؟
އަހަރެންގެ މި ސުވާލުތަކަށް ދަރިފުޅު ދެނީ ހަމަ އެންމެ ޖަވާބެކެވެ. ނޫނެކެވެ. ހުރިހާ ކަމެއް ވެސް ކުރަމެވެ. އެކަމަކު މިހާރު މަންމައަށް ވުރެ މާ މީރު އެއްޗެހި ބައްޕަ ކާން ދެއްވައެވެ. މި ޖަވާބުތަކުގެ ޙަޤީޤީ ފުނަކަށް އަހަރެން ނުވިސްނަމެވެ. އެކަމަކު އަމީޒާ ސުވާލު ކުރަމެވެ. އޭނާގެ ޖަވާބުތަކާ މެދު ޖަދަލެއް ނުކުރަމެވެ. ސަބަބަކީ އަމީޒު އުޅޭނެ ބުރަކަން އެނގިފައި ކުރިން އޭނާ ކަންކުރި ގޮތަށް ހުރިހާ ކަމެއް ނުކުރެވޭނެކަން ވެސް އެނގޭތީއެވެ. ކުރިން އަހަރެން ބަލަހައްޓަމުން ގެންދިޔަ ވިޔަފާރީގެ ކަންތައްތައް ބަލަހައްޓަމުން ޔޫސުފަށް ދޭންޖެހޭ ވަގުތުތައް ނުދެވޭނެކަން އެނގޭތީއެވެ. އެހެންނަމަވެސް އަމީޒުގެ ފަރާތުން ޔޫސުފަށް އެއްވެސް އިޙުމާލެއް ނޯންނާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮވެއެވެ. ކުރީން ވެސް އޮތް އިތުބާރާއި ޔަޤީންކަމާ އެކުގައެވެ.
ދުވަސްތައް ކަލަންޑަރުގެ ގަނޑުތަކުން ކެނޑެމުންދިޔައެވެ. އަހަރެންގެ ކޯސް ވެސް ދިޔައީ ނިމެމުންނެވެ. މިހާރު ދަރިފުޅު ދެކޭހިތުން ހުރެވެނީއެއްވެސް ނޫނެވެ. އެކަމަކު އަހަރެން ކެތްތެރިކަމާއެކު ހުރީ އެދުވަހެއްގެ އިންތިޒާރުގައެވެ. ކެތްތެރިކަމުގެ މޭވާއަކީވެސް ވަރަށް ފޮނި އެއްޗެކެވެ. އޭގެ ޙަޤީޤީ ފޮނި މީރުކަން އެނގޭނީވެސް ކެތްތެރިވާން އެނގޭ މީހަކަށެވެ. އޭގެ އަގުވަޒަން ކުރަން ދަންނަ މީހަކަށެވެ. އަހަންނަކީވެސް އެފަދަ މީހެކެވެ. ޔޫސުފާއި އަމީޒާ ނުލާ އަހަރެން ގުނަމުން މިދަނީ އެފަދަ އިންތިޒާރެވެ. އެ އިންތިޒާރުގެ ފޮނި އިޙުސާސްތަކެވެ. އެފަދަ ކެތްތެރިކަމެއް އަހަންނަށް ދެއްވީތީ ހެއްދެވި ފަރާތަށް އަބަދުވެސް ހުރެވެނީ ޝުކުރު ކޮށްކޮށެވެ. އުފާވެރި ހިތަކާއެކުގައެވެ.
އިމްތިޙާން ނިމިއްޖެއެވެ. ނަތީޖާވެސް ލިބިއްޖެއެވެ. އަލްޙަމްދުލިﷲ އެވެ. ކޯސް ފުރިހަމަ ކުރެވުނީތީ ހުރީ ހިތްހަމަ ޖެހިފައެވެ. ދެން އޮތީ ދަސްވެނިވުމަށް ކުރެވޭ އިންތިޒާރީގެ މަދު ދުވަސްކޮޅެވެ. މާލެ ގޮސްލާފައި އެނބުރި އަންނަން ވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އެއީ އަމީޒު މާ ރުހޭ ކަމަކަށް ނުވިއެވެ. އެހެންކަމުން އަނެއްކާވެސް ޖެހުނީ މަޑުކޮށްލައިގެން އިންނާށެވެ. ކެތްތެރިކަމުގެ ދުވަސްތައް ގުނަގުނާ އިންނާށެވެ. އިންތިޒާރުގެ ދުވަސްތައް ގުނަގުނާ އިނދާ ލިބުނު ޚަބަރުން މީހާ ގަނޑުނުވީ ކިރިޔާއެވެ. ޔޫސުފު މާ ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރީއެވެ. ހިތުގެ ވިންދުތައް އަވަސްވިއެވެ. ވީގޮތެއް ނޭނގިފައެވެ. މައިވަންތަކަމުގެ އިޙުސާސްތައް ކޮޅުންލިއެވެ. ހާސްވެ ކުރާނެ ނުކުރާނެ ކަމެއް ނޭނގިފައި ހުންނަން ޖެހުނެވެ. މި ފަސްގަނޑުގައި ހުންނާކަށް ހިތެއް ނޭދުނެވެ. ބޭނުމީ މާދަމާ ވެސް ފުރައިގެން ދިޔުމަށެވެ.
އާދީއްތަ ދުވަހުގެ ފުލައިޓުން ދަތުރު ފެށީމެވެ. ފުލައިޓުގައި އިން އިރުވެސް ވިސްނާ ފިކުރު ކުރެވެމުން ދިޔައީ ދަރިފުޅާ މެދުގައެވެ. ދަރިފުޅަށް އަވަސް ޝިފާއަކަށް އެދިއެދި އިދެވުނީ ދުޢާ ކޮށްލަކޮށްލައެވެ. މާލެ ފޭބުމާއެކު ގެނައި އެއްޗެހިތައް ގޭގައި ގެންގުޅޭ މީހާއާ ޙަވާލު ކުރުމަށްފަހު މިޞްރާބު ޖެހުނީ ހޮސްޕިޓަލާ ދިމާއަށެވެ. ދަރިފުޅު އޮތް ކޮޓަރި އަށް ވަނުމާއެކު ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ޔޫސުފުގެ ޙާލު ވަރަށް ދަށެވެ. ދެލޯވަނީ މެރިފައެވެ. ވަޅު ވަދެފައެވެ. ގައިގެ އެތައް މިތަނުގައި ހޮޅިތައް ގުޅާފައިވެއެވެ. ބާރަށް ރޮއި ގަނެވުނެވެ. އެއީ އަހަރެންގެ ދަރިފުޅުކަމަށްވެސް ގަބޫލުކުރަން ދަތިވިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ދަރިފުޅަށް މި އައީ ހާދަ ބޮޑު ބަދަލެކެވެ. މީހާގެ ސިފަވަނީ ގެއްލިފައެވެ. ގައިގެ އެތައް މިތަނުގައި ވަނީ މަސް ޖަހާ ބޯވެފައެވެ. އެހާ ލޯބިން ހުރި ދަރިފުޅު ފެންނަނީ މުޅިން އެހެން ސޫރައެއްގައެވެ. ދަރިފުޅަށް މިހާ ބޮޑު ބަދަލެއް އައި އިރު މަށަށް މި ނޭނގުނީ ކީއްވެބާއެވެ؟ ސުވާލުތައް ފަތިފައްޗަށް ކުރެވުނީ އަމީޒާއެވެ. ވެގެން މިއުޅޭ ގޮތެއް އަހާ އޮޅުންފިލުވެނީ ޑިއުޓީގައި ތިބި ނަރުހުންނާއެވެ.
ޔޫސުފުގެ ރިޕޯޓުތައް ކިޔަމުން ދިޔައިރު ދެލޮލުން ކަރުނަތައް އޮހެރެމުން ދިޔައެވެ. ލޮލުން ފައިބާ ކަރުނަތައް ރިޕޯޓްތައް ތެތްމަމުން ދިޔައެވެ. މި ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މިފަދަ ކުޑަ ކުއްޖަކަށް ނުޖެހޭ އެއްވެސް ބައްޔެއް ނެތެވެ. ހަކުރު ބައްޔާއި ކޮލެސްޓްރޯލެވެ. ލޭ މައްޗަށް ދިއުމާއި ހިތުގެ ބޮޑެތި މައްސަލަތަކެވެ. ކިޑްނީއާއި ފުއްޕާމޭގެ މައްސަލަތަކެވެ. މި ނޫންވެސް ބޮޑެތި އެހެނިހެން ޞިއްޙީ މައްސަލަތަކެވެ. މިހެން ވާންޖެހުނު ސިއްރެއް ވިސްނަވިސްނާވެސް ނުވިސްނުނެވެ. ވީ ދެރައިން ރޮއި ގަނެވުނެވެ. ސިކުނޑި ސުމަކަށް ދިޔައެވެ. މިހާވަރުވީއިރު މަށަށް މި އެއްވެސް ކަމެއް ރޭކާނުލީމައެވެ. ތަކުރާރުކޮށް އަމީޒާ ސުވާލު ކުރަން ފެށުނެވެ. އަމީޒުގެ ފަރާތުން އެއްވެސް އެއްޗެއް ސާފެއް ނުވިއެވެ. އަމީޒާ މެދު އަހަރެންގެ ހިތުގައި އޮތް ޤަދަރާއި ލޯތްބަށް ރުޅިވެރިކަން އިތުރުވިއެވެ. އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުލިބޭތީއެވެ. މިކަމުގެ އެހެން ސިއްރުތަކެއް އެބަ އޮތްކަން އަހަރެންގެ ސިކުނޑިއަށް ވިސްނުނެވެ. މިކަމުގައި އަމީޒުގެ އިހުމާލު އޮތްކަން އަހަރެންގެ ހިތް ބުނަމުންދިޔައެވެ. ތަނުގެ ޙާލަތާއި ވަގުތުގެ ނާޒުކު ކަމުން އަހަރެން ހުރީ ހިމޭނުންނެވެ. އެކަމަކު އަހަރެންގެ އެތެރެހަށި އަނދާ ރޯވަނީ ވެގެން މިއުޅޭގޮތް ހޯދުމަށެވެ.
އަހަރެންގެ ދަރިފުޅު އެނބުރި އަތުވެދާނެކަމަށް ކުރެވޭ އުއްމީދު ވެސް ކުޑަވެއްޖެއެވެ. ޑަކުޓަރުންގެ ބަސް ހުއްޓިއްޖެއެވެ. ޔޫސުފުގެ ޙާލު ދަށްވަމުންގޮސް އެރޭގެ މެންދަމު އަލިވެ 2 ޖެހިއިރު މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. އެވަގުތު އަހަންނަށް ބާރަށް ހަލޭއްލަވައިގަނެވުނުކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ. ހޭވެރިކަންވީއިރު އޮވެވުނީ ހޮސްޕިޓަލުގެ ބަލި އެނދެއްގައެވެ. ކައިރީގައި ބަސް ހުއްޓިފައި އަމީޒު އިނެވެ. މުޅި މީހާ އިނީ ތަޣައްޔަރުވެފައެވެ. ފެންކަޅިވެފައެވެ. ދެލޮލުގެ އުޖާލާކަން ވަނީ ގެއްލިފައެވެ. ކޮންމެވެސް ވާހަކަތަކެއް އޭނާ އަހަންނަށް ބުނެދޭން ބޭނުންވާ ކަހަލައެވެ. އޭނާގެ ދޫ ޙަރަކާތް ކުރަން އުޅެއެވެ. އެކަމަކު އަޑެއް ބޭރެއް ނުވެއެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ. ތުންފަތް ރޫރޫ އަޅަނީއެވެ. އަތުގެ އިޝާރާތުން އެއްޗެހިތަކެއް ބުނެދެވޭތޯ ބަލަނީއެވެ. އެއާއެކު ލޮލުން ކަރުނަތައް ހިލިގެން ބަންޑުންވަމުންދާތަން ފެނުނެވެ.
އަމީޒަށް މިވަނީ ކިހިނެއްބާވައެވެ؟ އެނދުގައި ނޯވެވިގެން ތެދުވީމެވެ. ފަރުވާތެރިކަމާއެކު އަމީޒާ ދިމާއަށް ކަޅިޖަހާ ނުލާ ބަލަން އިނދެވުނެވެ. ގަބުވެފައި އިން މީހެއް ފަދައިންނެވެ. އޭނާގެ އަތް އަހަންނާ ދިމާއަށް ދިއްކޮށްލިއެވެ. އެ އަތުގައި ހިފުމަށް ލޮލުން އިޝާރާތްކޮށްލިއެވެ. އެހެނަސް އަހަންނަކަށް އެ އަތަކު ނުހިފުނެވެ. ކަޅިޖަހާ ނުލާ އިނދެވުނީ ބަލަހައްޓައިގެނެވެ. ދެލޮލުން ކަރުނަތައް ފޫދިގެންފިއެވެ. ގިސްލެވެން ފެށުނެވެ. ބާރުބާރަށެވެ. އެވަގުތު އަމީޒުގެ އަޑު ބޭރުވެގެން އައެވެ.
" މާފުކުރޭ. ކުށްވެރިއަކީ އަހަރެން. ޔާސިމީނަށް ލިބިފައިވާ ހިތާމައިގެ ކުށްވެރިއަކީ މިއަދު އަހަރެން..... އަހަރެންގެ ކުށް އަހަރެން ގަބޫލުކުރަން.... މިވާހަކަތައް ޔާސިމީނަށް ކިޔައިދޭން ވެސް އަހަރެން ލަދުވެތިވަން......" " ނުވިސްނުނު ތި ކިޔާ އެއްޗެއް. ކިތައް ފަހަރު އަހަރެން އަމީޒާ ސުވާލުކޮށްފިން. އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް އަހަންނަކަށް ނުލިބުނު. "" ނޫން. އެއީ ޖަވާބު ނެތް ސުވާލުތަކެއް ނޫން. އެ ސުވާލުތަކުގެ ޖަވާބު އެބަހުރި. މިއަދު އަހަރެން އެ ޖަވާބުތައް ކިޔައިދޭނީވެސް ކިހިނެއް؟ އެފަދަ ހިތްވަރެއް ނެތިގެން އެވާހަކަތައް ކިޔައިނުދެވުނީ."
އަމީޒު ދައްކަން މިއުޅޭ ވާހަކަޔާ މެދު އަހަރެން އިނީ ވަރަށް ބޮޑަށް ގަޔާވެގެންނެވެ. އޭނާ އެ ދައްކަން އެ އުޅެނީ ކޮން ވާހަކައެއްބާވައޭ ހިތަށް އެރިއެވެ. އެހެންކަމުން އެހީމެވެ. " އަމީޒެވެ. ތި ބުނަން އުޅޭ ވާހަކައެއް ބުނެބަލާށެވެ."
"އަހަންނަށް މި ވާހަކަ ބުނެވިދާނެ. މި ވާހަކަތައް އަޑު އެހުމަށްފަހު ކަލާ އަހަންނަށް މާފު ނުކުރާނެކަންވެސް އިނގޭ. އެހެނަސް މިއީ އެކަން ހިނގާ ދިޔަ ގޮތް." " ކޮންކަމެއް ހިނގާ ދިޔަ ގޮތް ހެއްޔެވެ؟ "" ޔޫސުފު މަރުވެދިޔަ ސަބަބު."
" އެއީ މީހަކު ކުރި ކަމެއް ހެއްޔެވެ؟ ﷲ ގެ ނިންމުން ނޫން ހެއްޔެވެ؟" " ތިހެން ނުބުނާށެވެ. އެކަމުގައި އަހަރެންގެ އިޙުމާލު ކުޑައެއްނޫނޭ..." އަމީޒުގެ ވާހަކަ މެދުކެނޑުނެވެ. " ކީކޭ ހެއްޔެވެ؟ އަމީޒަށް ކުރެވުނީ ކޮން އިޙުމާލެއް ހެއްޔެވެ؟ ތީ ޔޫސުފުގެ ބައްޕައެއް ނޫން ހެއްޔެވެ؟" "އާނއެކެވެ. އަހަންނަކީ ޔޫސުފުގެ ބައްޕަގެ މަގާމުގައި ހުރި މީހާއޭ. އެކަމަކު ކުށެއް ކުރެވުނީއޭ. ކުއްލިއަކަށް ނޫނޭ. އެތަކެއް ދުވަހެއްގެ މަތިންނޭ." "ކީއްވެގެން ހެއްޔެވެ؟"
"ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެންގެ ހިތަށް..... އަހަރެންގެ ބޮލަށް......އަހަރެންގެ ސިކުނޑިއަށް.....އިބުލީސް ސަވާރުވީއޭ."
އަހަރެން އިނީ އަމީޒު އެ ދައްކަން އުޅޭ ވާހަކައެއް އަޑު އަހާށެވެ. އެ ވާހަކަތައް އަޑު އަހަމުން ދިޔައިރު އަހަރެންގެ ހިތާއި މޭ ވިރިގެން ފައިބާހެން ހީވަމުން ދިޔައެވެ. އަމީޒުފަދަ މީހަކު އެފަދަ ކަމެއް އަހަރެންގެ ދިރިއުޅުމަށް ކޮށްފާނެ ކަމަކަށް ހިތަށްވެސް ނާރައެވެ. ދަހިވެތިކަން ހިތަށް ވަނަސް އެފަދަ ދެރައެއް ދީފާނެ ކަމަކަށް ހުވަފެނުންވެސް ނުދެކެމެވެ. ދަހިވެތިކަމަކީ ހާދަ ނުބައި ޢަމަލެކެވެ. ދަހިވެތިކަން މީހެއްގެ ހިތުތެރެއަށް ވަދެއްޖެއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހެންނޫންނަމަ އަމީޒަކަށް އެކަން އެގޮތަށް ކުރާކަށް ނުކެރުނީހެވެ.
އަމީޒު އަހަރެންގެ ދަރިފުޅަށް ނުކުރާ ކަމެއްނެތެވެ. އެ ހުރިހާ ކަމެއް އެ ކުރީ އެ ދަރިފުޅުގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ އެ ދަރިފުޅު ބަލިތަކުގެ ޝިކާރައަކަށް އެވީ ހަކުރާއި ތެލާއި ސަރުބީ އެކުލެވޭ ކާނާތައް ކާންދީ އެސޮރުގެ ދުވަސް ދުއްވާލަން ނިންމައިގެންނެވެ. އެކަން ކާމިޔާބު ކޮށްފިއެވެ. ދެރައީ ވަގުތު ފާއިތުވެދިޔަ ފަހުން މަށަށް މިކަން އެނގުނީމައެވެ. މަކަރު ވެރިއެއްގެ ކެހިވެރި މަޅީގައި އަހަރެންނަށް ޖެހި ހަފުސް ވެވުނީމައެވެ. އަހަރެމެންގެ މުއްސަނދި ދިރިއުޅުމުގެ މިލްކިއްޔާތަކީ އަހަރެންގެ ދަރިފުޅުގެ ހައްޤެއްކަން އެނގޭއިރު، އެ މުއްސަނދިކަން އެއްފަހަރުން ޙާޞިލް ކުރެވިދާނެކަމަށް ހިތަށް ދަހިވެތިކަން ވަދެ އެއްފަހަރާ އެކަން ނިންމާލަން އޭނާ ގަޞްދު ކުރީއެވެ.
އިންސާނުންގެ ހިތަކީވެސް ހާދަ ތަފާތު އެއްޗެކެވެ. ވަސްވާސް ހިތަށް ކުރުމުން އިންސާނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. މިކަމުގެ ތެރެއިން އެނގިގެން ދިޔައީ އެންމެ ކަމެއްނޫނެވެ. އަމީޒުގެ އެތައް ސިއްރެއް ބޭޒާރުވެގެން ހިނގައްޖެއެވެ. އަމީޒަކީ ދަރިން ލިބުމުން މަޙުރޫމް ވެފައިވާ މީހެއްކަން ވެސް މި އެނގުނީ ޚުދު އޭނާގެ ދުލުން އެ ވާހަކަތައް ކިޔައިދިނީމައެވެ. މިފަދަ ނިކަމެތި މީހަކު އެފަދަ މައުޞޫމު ދަރި ކުލުނު ޖެހިފައިވާ ލޯބި ދަރިއެއްގެ މަގާމުގައި ހުއްޓާ އެފަދަ ކަމަކަށް އަރައިގަތުމަކީ ކިހާ ގޯސް ކަމެއް ހެއްޔެވެ؟ އާނއެކެވެ. ހުރިހާވެސް ކަމަކީ ދަހިވެތިކަމެވެ. އަމިއްލަ އެދުންވެރިކަމެވެ. މީހަކު ހުންނަ ގޮތަކުން މިކަމެއް ދެނެއެއް ނުގަނެވޭނެއެވެ. މިކަން ދެނެގަނެވޭނީ އެތައް ދުވަހެއްގެ ތަޖުރިބާއިންނެވެ. އަހަންނަށް އެ ތަޖުރިބާ ނުކުރެވެނީސް މާ ދުރުގައި ހުންނަން ޖެހުނީއެވެ. އެކަމަށް މިއަދު ހިތާމަ ކުރަމެވެ.
އަމީޒާއެކު އަހަރެން މިއަދު ދިރިއުޅެމުން މިދަނީ އޭނާގެ ތައުބާ ގަބޫލުކޮށްގެންނެވެ. ބަދަލުވެފައިވާ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. އެ ތައުބާގެ ނަތީޖާ ﷲ އޭނާއަށް ހިންމަވައިދެއްވައިފިއެވެ. މިއަދު އަމީޒަކީވެސް ފުރިހަމަ ފިރިހެނެކެވެ. އަހަރެންގެ ބަނޑުގައި މިއަދު ތޮޅެމުން މިދަނީ ﷲ އަހަރެމެންނަށް ދެއްވި އަގު ބޮޑު އެ ނިޢުމަތެވެ.
-ނިމުނީ-
މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ޢަލީ އިބުރާހީމް ށ.ކޮމަންޑޫ/މާފޮޅޭގެ އެވެ. ވާހަކަ ހުށައަޅާދިނީ އާމިނަތު ނަތާޝާ އަހްމަދު / މއ.ރޭޓްއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 17 ރަމަޟާން 1442 އެވެ.