މުނިފޫހިފިލުވުން

ސޮނާކްޝީ މިފަހަރު ނުކުންނަނީ ޑައުރީއާއި ދެކޮޅަށް


1970 ގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރުވި އެކްޓަރ ޝަތުރުގަން ސިންހާގެ ދަރިފުޅު ސޮނާކްޝީ ސިންހާގެ ޑިޖިޓަލް ޑެބިއު ފިލްމު "ފޯލެން" ރިލީޒް ނުވެ އުޅެނިކޮށް އިތުރު ދެ އޮންލައިން ޕްރޮޖެކްޓެއްގައި ސޮނާކްޝީ ސޮއިކޮށްފިއެވެ.

ސަންޖޭލީލަ ބަންސާލީގެ ޕްރޮޑަކްޝަނުން އުފައްދާ "ހީރާ މަންދީ" އާއި "ޓޮއިލެޓް އެކް ޕްރެމް ކަތާ" ވެސް ޑައިރެކްޓް ކޮށްފައިވާ ޝްރީ ނާރަޔަން ސިންގ ޑައިރެކްޓް ކުރާ "ބުލް ބުލް ތަރަންގ" އަކީ ސޮނާކްޝީ ދެން ފެނިގެންދާނެ މަސައްކަތްތަކެވެ.

ޝްރީ އާއެކު ސޮނާކްޝީ މަސައްކަތްކުރާ "ބުލް ބުލް ތަރަންގ" ބިނާކޮށްފައިވަނީ ޑައުރީ އާއި އެނޫންވެސް އެފަދަ ކައިވެނި ކުރުމަށްހުރި ގޮންޖެހުންތަކާއި ބެހޭ މައްސަލަތަކުގެ މައްޗަށެވެ. ފިލްމުގައި ސޮނާކްޝީ ކުޅެނީ މި ކަންތައްތައް ބަދަލުކުރުމަށް މަސައްކަތްކުރާ މީހެއްގެ ރޯލުންނެވެ. ސޮނާކްޝީގެ އިތުރުން ޠާހިރް ރާޖް ބާސިން އަދި ރާޖް ބައްބަރުވެސް މި ފިލްމުން ފެނިގެންދާނެއެވެ.

2010 ވަނަ އަހަރު ނެރުނު އެންމެ ކާމިޔާބު ފިލްމު "ދަބަންގު" ގެ ތަރި ސޮނާކްޝީ ވެބް ފިލްމު "ބޫޖް-ދަ ޕްރައިޑް އޮފް އިންޑިއާ" ވެސް އޮތީ ރިލީޒްކުރުމުގެ މަގުމަތީގައެވެ. ސޮނާކްޝީ ފިލްމީ ކެރިއަރ ފެށީ ސަލްމާން ޚާނާއެކު ފިލްމު "ދަބަންގް" އިންނެވެ. އެއަށްފަހު އޭނާގެ ކެރިއަރގެ ކުރީކޮޅު މުޅިންވެސް ފެނިގެންދިޔައީ މަޝްހޫރު ތަރިންނާއިއެކުއެވެ. އެއާއި އެކު ސޮނާކްޝީ ވެފައިވަނީ އަލަށް ނުކުތް ތަރިއެއްގެ ގޮތުގައި ބޮކްސް އޮފީހުގައިވެސް އަދި ވިޔަފާރީގެ ގޮތުންވެސް ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލި ތަރިއެއްގެ ގޮތުގައެވެ.

އަކްޝޭ ކުމާރާއެކު 2012 ވަނަ އަހަރު ނެރުނު "ރައުޑީ ރާތޯޑު" ، އަޖޭދޭވްގަން އާއިއެކު ކުޅުނު "ސަން އޮފް ސަރުދާރު" އަދި އަރްބާޒް ޚާންގެ "ދަބަންގް 2" ވެސް ހިމެނެނީ ސޮނާކްޝީގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައެވެ.