1950 ވަނަ އަހަރު އިންޑިއާގެ މޮޓޯ އެއްކަމަށްވާ "ސައްތަޔާމޭ ޖަޔާތޭ" ގެ ނަން ދީގެން މިލަޕް މިލާން ޒަވޭރީ ޑައިރެކްޓްކޮށްފައިވާ ރިޝްވަތާ މަކަރާއި ހީލަތުން އުޅޭ ޕޮލިސް އޮފިސަރުންތަކެއް މަރާލާ މަންޒަރުތައް ދައްކުވައިދިން ފިލްމުގެ ދެވަނަ ބައި "ސައްތަޔާމޭ ޖަޔާތޭ 2 " އެޅުވުން ފަސްކޮށްފިއެވެ.
ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ސައްތަޔާމޭ ޖަޔާތޭގެ ވެސް ލީޑުން ފެނިގެންދިޔަ ތަރި ޖޯން އަބްރަހަމާއި ބައެއް ފިލްމުތަކުންނާއި ލަވަތަކުން ފެންނަ ތަރި އަދި ޕްރޮޑިއުސަރ ދިވްޔާ ކޯޝްލާ ކުމާރެވެ.
ފިލްމު ފުރަތަމަ އަޅުވަން ހަމަޖެހިފައި އޮތީ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ރާދޭ" ވެސް އަޅުވަން ނިންމާފައިވާ ދުވަސް ކަމުގައިވާ އަންނަ ފިޠުރު ޢީދު ދުވަހުއެވެ. ފިލްމުގެ ޕްރޮޑިއުސަރުންނާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފިލްމު އެޅުވުން ލަސްކޮށްފައިމިވަނީ އިންޑިއާގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމާއި ހެދިއެވެ. ނަމަވެސް ފިލްމު އަޅުވާނެ ވަކި ތާރީޚެއް އާންމުކޮށްފައެއް ނުވެއެވެ.
2018 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސައްތަޔާމޭ ޖަޔަތޭގެ" ސީކުއަލް އެއް ކަމަށްވާ މި ފިލްމު ބިނާކޮށްފައިވަނީ ނާއިންސާފުން ކަންކަން ކުރުމާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްޗަށެވެ. ބޫޝަން ކުމާރުގެ ޓީ ސީރީޒްއާއި ނިކިލް އެމްމޭ އެންޓަރޓެންމަންޓް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ޖޯންގެ ޑަބަލް ރޯލް ފެނިގެންދާނެއެވެ. އަނޫޕް ސޯނީ އަދި ރާޖީވް ޕިލާއީ ވަނީ ފިލްމުގެ މުހިންމު ބައިތެކެއް ކުޅެފައެވެ.
ޖޯންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 19 ގައި ސިނަމާތަކަށް ގެނައި "މުމްބާއީ ސާގާ" އެވެ. އޭނާ ރޯލެއް ކުޅެފައިވާ "ސަރުދާރު ކާ ގްރޭންޑްސަން" އަންނަ މަހުގެ 18 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާނެ އެވެ.