ޚަބަރު

ކޯވިޑް-19 : އިތުރު މަރެއް، 12 ގަޑިއިރުތެރޭގައި 2ވަނަ މަރު


ކޯވިޑް-19ގައި ރާއްޖޭގައި ފަރުވާދެމުްނދިޔަ އިންޑިއާ މީހަކު ނިޔާވެއްޖެއެވެ. މިއާއެކު ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 73އަށް އިތުރުވެފައެވެ.

އެޗްއީއޯސީން ވިދާޅުވީ މިއަދު ނިޔާވި އިންޑިއާ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ ޢުމުރުން 50 އަހަރުގެ ފިރިހެނެއްކަމަށެވެ. މީގެއިތުރުން މިއަދުވަނީ މިބަލީގައި އިތުރު ދިވެއްސަކުވެސް ނިޔާވެފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ މިހާރު 73އަށް އަރާފައިވާއިރު، މީގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 9 ބިދޭސީންނެވެ.

އެޗްޕީއޭއިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށްބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 464 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވަނީ 4،396އަށް އަރާފައެވެ. އަދި މިވަގުތު ހޮސްޕިޓަލްގަ އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވަނީ 122އަށް އިތުރުވެފައެވެ.

މީގެ ކުރިން ކޯވިޑްގެ ޙާލަތު އެންމެ ގޯސްކޮށް އޮތީ މާލެ ސަރަޙައްދުގައި ނަމަވެސް މިހާރު އަތޮޅުތަކުންވެސް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަންނަނީ ވަރަށްބޮޑަށް އިތުރުވަމުންނެވެ. މީގެތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭކަން އެޗްޕީއޭގެ ތަފާސްހިސާބުންތަކުން ދައްކައެވެ.