މުނިފޫހިފިލުވުން

ވާހަކަ: ފިލާވަޅު


"މި ކުށްކުރިއިރު މީނާއަކީ ޤާނޫނީ ގޮތުން ކުޑަކުއްޖަކަށްވާތީ ކުޑަކުދިންގެ މައްސަލަތަކުގައި ޢަމަލުކުރާ ޤާނޫނުތަކާއި ޤަވައިދާ އެއްގޮތް ވާގޮތުގެ މަތީން ވ.ނުފޮޅޭމާ /މާލެ މަރިޔަމް އިނާޔަތު ގެ މައްޗަށް 16 އަހަރާއި 8 މަސްދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށް މި މައްސަލަ ނިންމީމެވެ.''

ދުއްވަމުން ދިޔަ ވެހިކަލުގައި އިންއިރުވެސް އަހަރެންގެ ކަންފަތުގައު ގުގުމަމުންދިޔައީ މީގެ 4 ގަޑިއިރު ކުރިން ކޯޓުން އަހަރެންގެ މައްޗަށް އިއްވި މި ޙުކުމުގެ އެންމެ ފަހު ޖުމުލައެވެ. އަދިވެސް އަހަރެންނަށް ރޮވެނީއެވެ. ގިސްލެވެނީއެވެ. ހިތް ދަތިވެގެން ދެން ދުވަހަކުވެސް އަހަރެން މަރެއްނުވާނެ އޭ އެތަށް ފަހަރަކު އަހަރެންގެ ހިތަށް އަރަމުންދިއައެވެ. މިއީ އަހަރެންގެ ހަޔާތުގައި އަންނާނެ އެންމެ ހިތްދަތި ހިތާމަވެރި ދުވަހެވެ.

ކޮޑުގައި މީހަކު ކޮއްޓާލުމާއި ސިހިފައި އަހަރެންނަށް ތެދުވެވިއްޖެއެވެ. "ލޯންޗް ކައިރިކޮށްފި އާދޭ އަރަން" ގާތުގަހުރި އޮފިސަރުގެ އަޑަށް އަހަރެން ބަލާލީމެވެ. 16 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޛް ކުރުމަށް އަހަރެން ޖަލަށް ގެންދަނީއެވެ. އަހަރެންގެ އުމުރުން އަދި ވީ އެންމެ 19 އަހަރެވެ. ޒުވާން ކަމުގެ ޖޯޝްގައި އަހަރެން ފައްކާވަމުން އަންނަނިކޮށް އަހަރެންގެ މުޅި ހަޔާތް ޖަލުގެ ތޭރިތަކުގެ ތެރޭގައި ޤައިދުވަނީއެވެ. މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ދިގު ޙުކުމެއްގައެވެ.

ޖަލުގައި އަހަރެންނަށް ހާއްސަކުރެވިފައިވާ ގޮޅިއަށް އަހަރެން ވައްދައިފިއެވެ. ވަށައިގެންވަނީ ފަޅުކަމެވެ. އަހަރެންނާއި އެކު އެތާގައި އިތުރު 4 އަންހެނުން ތިބޭނެއެވެ. ހަތަރު ފަރާތުގައި ސިމެންތި އަށިހަދާފައި ވާއިރު ކޮންމެ އަށްޓެއްގެ މަތީގައި ކުނާގަޑެއް ފަތުރާފައި އޮތެވެ. ބާވެ ކުލަގޮސްފައިވާ ބެޑުޝީޓެއް އަށީގެ އެއްކޮޅުގައި ފަތްޖަހާފައި ބާއްވާފައި އޮތެވެ. އެކަކު އެތަނުން އެއްއަށި މަތީގައި ނިދާފައި އޮތެވެ. އަނެއް ދެމީހުން ތިރީގައި އިށީނދެގެން ތިއްބެވެ. އެމީހުންގެ މޫނުމަތިން ފެންނަމުންދިޔައީ ނާއުއްމީދުގެ ކުލަވަރެވެ. ސިގިރޭޓް ބުއިމުގެ ސަބަބުން މޫނުމަތިން ކުލައޮއްސިފައިވާ ކަހަލައެވެ. ''މިއީ އިނާޔަތު، މިއަދުން ފެށިގެން މީނާއަކީއަކީވެސް ކަލޭމެންނާއެކު މިތާ ގައި އުޅޭނެ މީހެއް ''އަހަރެންގެ އަތުގައި ހިފައި އެތެރެއަށް ވައްދަމުން އޮފިސަރު ބުންޏެވެ. އަންގަންވާ އިތުރު އެންގުންތަކެއް އެންގުމަށްފަހު އޮފިސަރު ނިކުތެވެ. އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
ކަންބޮޑުވުމާއި ހާސްކަން އަހަރެން ވަށާލައިފިއެވެ. ބީރައްޓެހި ލޯތަށް އަހަރެންނަށް އަމާޒުވެފައިވެއެވެ. ކަލޭ މީހަކު މަރާލީތަ؟ ތަނަށް ވެރިވެފައިވާ ހިމޭންކަން ދުއްވާލީ އެތަނުން އެކަކެވެ. އެއަޑަށް އަހަރެން ސިހުނު ވަރުން ދެމީހުންވެސް އެއްފަހަރާ ހޭން ފެށިއެވެ. އިރުކޮޅަކުން ނިދާފައި އޮތް މީހާ ތެދުވެއްޖެއެވެ. "އޭނާއާއި ނުބެހެއްޗެ އެއީ ކުޑަކުއްޖެއް" އަހަރެން އިސް އުފުލާ ބަލާލީމެވެ. މީހަކު ހަމްދަރުދީގެ ބަހެއް ބުނެލުމުންވެސް އަހަރެންގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ބާރަށް އަހަރެންނަށްރޮއި ގަނެވިއްޖެއެވެ. އަގަމަތީގައި އަތް އެޅާ އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް އަހަރެން މަސައްކަތް ކުރީމެވެ. މަޑުމަޑުން ހަމަޖެހިލެވޭތޯ އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ. ރުއިން ހުއްޓާލުމަށް އަހަރެން މަސައްކަތްކުރަމުން ދިޔައީމެވެ. ތަނަށްވެރިވި ހިމޭންކަން ފުއްވާލީ އަނެއް ދެ މީހުންގެ ހުނުމުގެ އަޑުންނެވެ. އަހަރެނަށް އެއަޑުތައް އިވެމުން ދިޔައީ ވީ ގުގުރިއެއް ފަދައިންނެވެ. ނަމަވެސް ނަފްސު މަތަކުރަމުން މަޑުމަޑުން އަށިމަތީގައި އިށީލެލައިފީމެވެ. އެމީހުންނާއި ކުރިމަތި ލާހާ ހިތްވަރެއް ގަޔަކު ނެތެވެ.

ބަޑުހައިކަމުގެ އިހްސާސެއް ނުކުރެވުނެވެ. އިރުވެސް އޮއްސިއްޖެއެވެ. އަހަރެން ބޯ ހިއްލާލާފައި ވަށައިގެން ބަލާލީމެވެ. އެންމެވެސް ތިބީ އެމީހެއްގެ ޖާގައެވެ. ތަފާތު ވާހަކަގައެވެ. އަހަރެންގެ ހަރަކާތްތަކަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. މާބޮޑަށް ރުއިމުގެ ސަބަބުން އަހަރެންނަށް ވަނީ ވަރުބަލިކަމެއް އިޙްސާސް ކުރަންޖެހިފައެވެ. ގަޔަކު ވަރެއްނެތެވެ. އަހަރެން ބޯ ފާރުގައި ޖައްސާލީމެވެ. އެންމެ ގާތުގައި އިން މީހާ މަޑުމަޑު އައިސް އަހަރެންގެ އަށީމަތީގައި އިށީންދެއްޖެއެވެ. ކޮން ނަމެއްތަ ކިޔަނީ؟؟ "އިނާ" ކުރެހިފައިވާ އަޑަކުން އަހަރެން ބުނީމެވެ. އެތާ ދެން ތިބި މީހުންވެސް ކޮންމެވެސް ވަރަކަށް ތަޢާރްފް ވެލިއެވެ. ބީރައްޓެހި މޫނުތަކުން ރައްޓެހިކަމުގެ ހިނިތުންވުމެއް އަހަށްނަށް ފެނުނެވެ. ނަމަވެސް އެއީ ހިކި ހިނިތުންވުމެކެވެ. ނާއުއްމީދީ ހިނިތުންވުމެކެވެ. އަހަރެން ހީކުރި ގޮތާ ޚިލާފަށްމި މީހުންގެ މެދުގައި ގާތް އެކުވެރިކަމެއް އޮވެއެވެ. އެކަކު އަނެކަކަށް އެހީތެރިވެ ދީ އަޅާލައެވެ.

ކޮންމެ މީހަކުވެސް ސުވާލު ކުރެއެވެ. ކިހިނެތްވެގެން މިތަނަށް އަންނަށް ޖެހުނީ އަހަރެން އެ ސުވާލަކަށް ޖަވާބެއް ނުދެމެވެ.
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ދުރު ދުރުން އިރު އިރުކޮޅާ ތަފާތު ރާގު ރާގުގާއި ޤައިދީން ގޮވާ ހަޅޭލަވާއަޑު އިވެއެވެ. ނަމަވެސް އެއިން ކޮންމެ އަޑެއްގައިވެސް ރިހުމެއް ހުރި ކަމުގެ އިޙްސާސް އަހަށްނަށް ކުރުވިއެވެ. ބޯމަތިން މާ މަތީގައި ހުރި ސީލިންގް ފަންކާއެއް ކިރިކިރިލާ އަޑު އިވެއެވެ. އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. މުޅި ތާގައި ހެން ދުންފަތުގެ ވަސް ހުއްޓެވެ. ކޮންމެވެސް ވަރަކަށް އަހަރެން ޙާސްވާގޮތްވިއެވެ. މަޑުމަޑުން ތެދުވެ ތޭރި ދޮރާ ދިމާއަށް އަހަރެން ދިޔައީމެވެ. ތޭރިތަކުގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް ވައިރޯޅި ޖެހެމުން ދިޔައެވެ. ދޮރާ ދިމާއިން ތިރީގައި އަހަރެން އިށީދެ ލީމެވެ. ދެ ކަކޫ ހިއްލާލުމަށްފަހު އަތް އަޅުވާލާ ބޯ ފަރުގައި ޖައްސާލައިގެން ފާރުގައި ލެގިލީމެވެ. ލޯ މަރާލުމަށްފަހު އަހަރެން ވިސްނާލީމެވެ. އަދި މިތާގައި އަހަރެން 24 ގަޑި އިރުވެސް ހޭދަ ނުކުރަމެވެ. ނަމަވެސް ހީވަނީ އެއް އަހަރު ވެއްޖެހެންނެވެ. މީ ކޮންފަދަ މާހައުލެއް ހެއްޔެވެ. އަމިއްލަ ހާލާމެދު ވިސްނަމުން ދިޔަ ވަރަކަށް އަހަރެން ހިތް ވިރެމުން ދިޔައެވެ. މިފަދަ ތަނަކަށް އަހަރެން އަންނަށްޖެހުނީ ކީތްވެ ހެއްޔެވެ.؟ މަޑުމަޑުން މާޒީގެ ދުވަސްތައް އަހަރެންގެ ކުރިމަތީގައި ސިފަވަމުންދިޔައެވެ.

އެއީ 2000 ހުގެ ކުރީކޮޅުއެވެ. ރޭގަޑެއްގެ ދަންވަރެވެ. އަހަށްނަ ހޭލެވުނީ މަންމަގެ ރުއިމުގެ އަޑަށެވެ. ބައްޕަ ގެ އިހާނެތި ބަސްތަކުންނާއި ރަހުމެއްނެތް ޢަމަލުތަކުން މަންމަ އަށް ކެތްނުކުރެވެނީއެވެ. މަޑުމަޑުން ތެދުވެގެން މަންމަ ފެންނަ ހިސާބަށް އަހަރެން ދިޔައީމެވެ. މަންމަ ހުރީ އެއް އަތުން އަގަމަތީގައި އަތް އަޅާގެން އަނެއް އަތުން ބޮލުގައި ހިފަހައްޓާލައިގެންނެވެ. ބައްޕަގެ އަތުގައި ފިހިގަނޑު އޮތެވެ. ސިއްރުން ބަލަން ހުރި އިރުވެސް އަހަރެންގެ މޭ ވަރަށް ބާރަށް ތެޅެމުންދިޔައެވެ. ބައްޕަގެ އަޑު ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުން ގޮސް އަތުގައި އޮތް ފިހިގަނޑު ނަގާ މަންމަ އާއި ދިމާއަށް މަޅާލިއެވެ. މަންމަ އަށް ބޭއިޚްތިޔަރުގައި ހަޅޭލަވައިގަނެވުނެވެ. އިތުރަކަށް އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. އަހަރެން ބާރަށްގޮސް މަންމަ ގެ ގައިގާ ބައްދާލީމެވެ.

ބައްޕަ ކާލި އަޅަމުން ކަހަލަ ގޮތަކަށް ގޮސް އެދުމައްޗަށް ވެއްޓިގަތެވެ. ބައްޕަގެ ހަމަ ހޭވެރިކަން ނެކަން އަހަށްނަށްއޭރުވެސް އެގުނެވެ. މަންމަ އަހަރެންގެ ގައިގާއި އޮޅުލައިގަތެވެ. އަދި ރުއިން ހުއްޓާލުށް މަސައްކަތްކުރިއެވެ.އަހަރެންގެ ހިތަށް ވަރަށް ފުން އަސަރުކުރިއެވެ. މަންމަ އަކީ މާބަނޑު މީހެކެވެ. ނަމަވެސް މިއީ މިފަދަ ކޮންމެ ރެއެއްގެވެސް ނިންމުން އަންނަގޮތެވެ. މަންމަ އެރޭ ނިދީ އަހަރެންގެ ކޮޓަރީގައެވެ. މިފަދަ ކޮންމެ ރެއެއްގެވެސް ނިމުން އަންނަނީ މިފަދަ ގޮތަކަށެވެ. މި ރޭތަކަށް ކޮންމެވެސް ވަރެއްގެ ނިމުމެއް އަންނަނީ ބައްޕަ ހައްޔަރުކުރާ ހިސާބުންނެވެ. ނަމަވެސް ދޫކޮށްލުމާއި އެކު މިކަންކަން ތަކުރާރުވަމުންދާނެއެވެ.

ބައްޕަ މުޅިން ބަދަލުވެއްޖެއެވެ. މި ފަހަކުން ބައްޕަ އަށް މިހާބޮޑު ބަދަލެއް އައީ ކީއްވެކަމެއް ނޭނގެއެވެ. ބައޕަގެ ސަބަބުން އަހރެމެނގެ މި ހަމަޖެހޭ ދިރިއުޅުން މަޑުމަޑުން ބަދަލުވެއްޖެއެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުންދާ އަހަރެންގެ މި ކުޑަ ޢާއިލާ ދިރިއުޅެމުންދަނީ މަންމަގެ ގޭގައި ހުންނަ ވަކި އެޕާޓްމަންޓްގައެވެ. ޢާއިލީ ގުޅުން ކުޑައެވެ. އެކަކު އަނެކަކު ކައިރީގަ ހުއްޓަސް ފެންނާނީ މަދު ފަހަރެއްގައެވެ. ގޭގައި ބޭރުފަޅިން ކުއްޔަށް ދީފައިވާ ބައިން މަންމަ އަށް ލިބޭ މަދު އާމްދަނީ އަހަރެމެން ދިރިއުޅެމުންދަނީ މިފަދަ ގޮތަކަށެވެ.

އަހަރެންގެ އޯލެވެލް އަހަރަށްވުމުން މަންމަ ބެލީ ތަހައްމަލް ކުރަމުންދާ ވޭން އަހަރެންނަށް ފޮރުވުމަށެވެ. ނަމަވެސް މަންމަ ގެ ބަޑަށް ދުވަސްފުރި ވިހެއުމުގެ ވަގުތު ކުޑަތަންވަމުން ދިޔައިރު މަންމަ ފެންނަނީ ވަރަށް ބަލިކޮށެވެ. ވަރުބަލި ވެފައިވާ މޫނާއި ފޮއްސިވެފައިވާ ހަތަރެސްފައިން ކުރިއަށް އޮތް ދުވަސްތައް ފަސޭހަ ނުވާނެކަން އަންހެންރެންގެ ސިކުޑިއަށް ތަސައްވަރުވަމުން ދިޔައެވެ.

އިންތިޒާރު ކުރަމުންއައި ދުވަސް އައި އިރު ބައްޕަ ހުރީ ޖަލުގައެވެ. ބޮޑު ދައިތައާއި ގާތް އދެ މީހަކު ގޭތެރޭގައި ހެލަމޭލަވެ އުޅުނެވެ. އެންމެވެސް އެދެމުންދިޔައީ ހޮސްޕިޓަލުގައި ވިހެއުމަށެވެ. ނަމަވެސް މަންމަ ގެ ވިސްނުން ހުރީ ގޭގައިވެސް ވިހެވިދާނެ ކަމަށެވެ. ކޮއްކޮއެއް ލިބެން އުޅޭތީ އަހަރެންގެ ހިތަށް އުފާވެރި އިޙްސާސްތަކެއް ކުރެވެމުން ދިޔަ ނަމަވެސް މަންމަ ގެ މޫނުމަތިންފެންނަމުންދިޔަ ނުތަނަވަސްކަން އަހަރެންގެ ހިތް މޮޅިވެރިކޮށްލައެވެ. ގޭގައި ތިބި މީހުންގެ ހަރަކާތްތައް އަވަސްވެއްޖެއެވެ.

އެމްބިއުލަސްގެ އަޑުން އަހަރެންގެ ހިތަށް ކަންބޮޑުވުމާއި ހާސްކަން އިތުރުކުރަމުން ދިޔައެވެ. އަތުލަފިކޮށްގެން އެމްބިއުލަންސްއަށް އަރުވަމުން މަންމަ ކޮޓަރިން ނެރުމުން މަންމަ ބޭނުންވީ އަހަރެންގެ މަންމަ ގާތުގައި ހުރުމަށެވެ. މަންމަ އަހަރެންގެ ގައިގާ ހިފާ މަންމަ އާއި ގާތްކޮށްލިއެވެ. އަދި ހިނިތުންވާން މަސައްކަތް ކުރިއެވެ. އަދި އަހަރެންގެ އަތް ގެނެސް މަންމަ ގެ ބަޑުގައި ޖައްސާ ފިރުމާލިއެވެ. މި ވަގުތުކޮޅު މަންމައާއި އެކު ހިއްސާ ކުރެވުވުނު ނަމަވެސް މިއީ މަންމަ އާއި އެކުގައިވުމަށް ލިބޭނެ އެންމެ ފަހު ފަހަރުކަން އަހަރެންނަކަށް ނޭނގުނެވެ. ހޮސްޕިޓަލަށް ގެންދެވުނުލެއް މާ ލަސްވީއެވެ. މަންމަ ބަޑުގައިވާ ދަރިފުޅާއެކު މިދުނިޔެއާއި އަލްވަދާޢުކީއެވެ. ބައްޕަ ހޮސްޕިޓަލަށް ޙާޟިރުކޮށްފައި އިނެވެ. ބައްޕަގެމޫނު މަތިންވެސް ހިތާމާއި މާޔޫސްކަން އަހަރެން ދުށީމެވެ. ބައްޕަ އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ. ނަމަވެސް އެ އަތުގެ ތެރޭގައި ހިމާޔަތެއް ނެތްކަން އަހަރެންނަކަށް އިޙްސާސްއެއް ނުކުރެވުނެވެ. އަހަރެންނާ ޙަވާލުވީ މަންމަގެ ދޮންތައެވެ.

އިމްތިޙާންއަށް ތައްޔާރުވަމުން ދިޔައިރުވެސް ކިޔެވުމަށް އަހަރެންގެ އެއްވެސް ޝަޢުޤުވެރިކަމެއް އެކަމަކަށް ނެތެވެ. ކޮންމެ ދުވަހަކުވެސް މަންމަގެ ހަދާންތަކުގައި އެތަށް ހާސް ފަހަރަކު އަހަރެންގެ ރޮއްވާލައެވެ. އެހާ ކުއްލިގޮތަކަށް މަންމަ އާއި އަހަރެން ވަކިވާންޖެހިދާނެކަމަކަށް އަހަރެންނަކަށް ހިޔެއް ނުކުރެވެއެވެ. ހޭލައިގަނެވުނީންސުރެވެސް އަހަރެން މަންމަ އާއި ވައްކެއްނުވަމެވެ. މި ފަހުން މަންމަ އުޅެމުންދިޔަ ހިތްދަތި ދިރިއުޅުން އެންމެގާތުން ފެންނާނީ އަހަރެންނަށެވެ. އަހަރެންގެ މަންމަ އަކީ ވަރަށް ހިތްހެޔޮ މީހެކެވެ. މަންމަ ވަކިވެގެން އެދިޔާއެވެސް އެހާމެ ރަގަނޅު ގޮތެއްގައެވެ. އަހަންނަށް ޔަގީނެވެ.

މާ ރަގަނޅު ނަތީޖާއެއް ނުލިބުނަސް އަހަރެންގެ އިމްތިހާން ނިމިއްޖެއެވެ. ގިނަ ވަގުތު އަހަރެން ހޭދަ ކުރަމުންގެންދަނީ ރައްޓެހިންނާއި އެކުގައެވެ. ބައްޕަ އެހެން ކައިވެއްޏެއްކޮށްގެން ދިރިއުޅެމުންދިޔައީ އެހެން ތަނެއްގައެވެ. އަހަރެން ބޭނުންވީ މި ގެއާއި ޢާއިލާގެ އެހެންމީހުންނާ ވީހާވެސް ދުރުގައި އުޅޭށެވެ. ކިޔެވުން ނިމުމުން އިތުރަށް ކިޔަވަން އަހަރެންގެ ޝަޢުޤެއް ނެތެވެ. ނަމަވެސް ވަޒީފާއަކަށް ދާން އަހަރެންވެސް ވިސްނީމެވެ. ތަޢުލީމީގޮތުން އެކަށީގެންވާ ފާހެއްނެތުމުންނާއި 18 އަހަރު ނުވާތީ ތިމާގެ މީހެއްގެ ރައްޓެއްސެއްގެ ފިހާރައެއްގައި ސޭލްސް ގަރލެއްގެ ގޮތުގައި އަހަރެން މަސައްކަތް ކުރަން ފެށީމެވެ. ގިނަވަގުތު ފިހާރާގައި މަސައްކަތްކުރަން ޖެހެއެވެ. އެއީ އަހަރެން ބޭނުންވާ ގޮތްވެސް މެއެވެ. އެތަނުންތަފާތު މީހުންނާއި ރައްޓެހިކަން އުފެދި ވާހަކަ ދެއްކެވެމުންދިއެވެ. އެފަދަ ރައްޓެއްސެއްގެ ފަރާތުން ސްރީލަންކާއަށް ކިޔަވަންދާ އަހަރެންނަށް ފުރުޞަތު ލިބުނެވެ. އަހަރެންނަށް ޤަބޫލުކުރެވުނު ގޮތުގައި އަހަރެންގެ އެއްވެސް މީހެއް މިތާކުނެތެވެ. އެހެންވީއިރު މިތާ އަހަރެން މަޑުކުރުމުގެ ބޭނުމެއްވެސް ނެތެވެ. ނަމަވެސް އަހަރެންނަކީ ޤަނޫނީ ގޮތުން ކުޑަކުއްޖެކެވެ. އަންހެން ކުއްޖެކެވެ. ރަށުން ބޭރަށްދާނަމަ އަހަރެން ހުއްދަ ހޯދަންޖެހޭ ބައެއްވެސް ތިބޭނެއެވެ. ރުހުން ދިނަސް ނުދިނަސް އަހަރެންގެ ހުރީ ދާން ބޭނުންވެފައެވެ. އެމީހުން އަހަރެންނަށް ހުރިހާ ހަރަދެއް ކޮށްދޭނަމަ ބުނެއެވެ. ދެން އަހަރެން ހިފަހައްޓަންވީ ފަހެ ކީއްކުރަންހެއްޔެވެ.

ދޮންތަގެ ނުތަވަސްކަމެއް ހުރި ނަމަވެސް އަހަރެން ފޮނުވަން ރުހުންދީފިއެވެ. އަހަރެން މިނިވަންވީއެވެ. ބޮޑުވީއެވެ. އުޅެބޮޑުވި މާހައުލުން ނުކުމެ ޤައުމުން ބޭރަށް ދާންވުމުން ހިތަށް ލިބުނު ނުތަނަވަސްކަމަށްވުރެބޮޑަށް އުފާކުރުވާނެ އެތަށް ފޮނި ހިޔާލުތަކެއް އަހަރެންނަށް ތަސައްވަރުކުރެވުނެވެ. އަސަރުކުރިއެވެ. އެންމެ ބޮޑަށް ހަދާންވަނީ މަންމަ އެވެ. މަންމަ ދިން ނަސޭހަތްތަކެވެ. ދަރިފުޅުވީ ކޮންމެ ތަނެއްގައިވެސް ރަގަނޅު ކުއްޖަކަށްވުމަށް މަންމަ ދޭ ނަސޭހަތެވެ. މަންމަ ދޭ ނަސޭހަތެވެ. މަންމަގެ ނަސޭހަތާއި އެއްގޮތަށް އުޅެވޭތޯ އަހަރެން މަސައްކަތް ކުރަމެވެ. ނަމަވެސް އެކަން ބަލާނެ މީހަކު ނެތެވެ. ނަމާދުކުރާކަށް ރޯދާހިފާކަން ބުނާނެ މީހަކު ނެތެވެ. އަހރެން ބޭނުންގޮތަކަށް އެކަންކުރަންވީއެވެ. ގިނަ ފަހަރު ފަރުވާ ކުޑަކުރެވެނީއެވެ.

ދިޔަތާ މަހެއްހާ ދުވަސް ނުވެއެވެ. ހުރިހާކަމެއް ބަދަލުވެއްޖެއެވެ. ގޭގައި ގެންގުޅެން ގެނައި ކުއްޖެހެން އަހަރެން އުޅެންޖެހުނީ ގޭތެރޭގެ މަސައްކަތުގައެވެ. ގެއަކީ ތަނަވަސް ގެއެވެ. 5 ކޮޓަރިއާއި ބޮޑު ސިރިންގ ރޫމެކެވެ. ވަކިން ބަދިގެއެވެ. ގޭގައި މީހުން ދިރިއުޅެނީ 2 ކޮޓަރީގައެވެ. އަނެއް 3 ކޮޓަރިވެސް ހުންނީ އެކިއެކި ބޭނުންތަކުގައި އަންނަ ފަތުރުވެރިންނަށެވެ. ތަފާތު ބަލިބަލީގައި ބޭސް ފަރުވާ އަށާއި އެހެނިހެން ބޭނުންތަކަށް ރާއްޖެއިން މީހުން އައިސް ގޮސްވާ މީހުންނަށެވެ. އަހަރެން ނޫނީ އެންމެނަކީވެސް ފައިސާ ދީގެން ގޭގައި އުޅޭ މީހުންވެ. އެހެން ކަމުން އަހަރެންގެ އެ އަގު އަދާކުރަން ޖެހުނީ ގޭތެރޭގައިކުރަން ހުންނަ މަސައްކަތްތައްކޮށްގެންނެވެ.
ދަންވަރު އެތަށް ދަމެއްވަންދެއް ގޭތެރޭގައި މީހުން ހޭލާ މޭލަވެ އުޅެއެވެ.

ޓީވީ ބެލުމާއި ގޭމް ކުޅުމުގައެވެ. އެހެން ތިބޭއިރު ތަފާތު ބާވަތް ތަކުގެ ކެއުންތަކާއި ބުއިންތައް ބޭނުންކުރާކަން އެގެއެވެ. ސިއްރުން ގެއަށްވަދެހަދާ މީހުން މީގެތެރޭގައި ހިމެނެއެވެ. ބައެއް ރޭރޭ ނިދިން ހޭލެވެގެން ބޭރުބަލާލާއިރު، މުޅި ތަނުގައި އާދަޔާ ޚިލާފު ނުބައި ވަހެއް ހުންނަކަން ފާހަގަކުރެވެއެވެ. ތަފާތު ޒާތްޒާތުގެ ފުޅިތަކާއި ސިގިރޭޓް ފިލްޓަރ ހުރެއެވެ. އެއިން ކަމަކާ އަހަރެން ސުވާލުކޮށްފިނަމަ، ލިބޭނީ ވަރަށްއާދައިގެ ޖަވާބެކެވެ. ނަމަވެސް ގިނަ ދުވަސް ވީ ވީހެން އަހަރެންނަށް އެއީ ކޯއްޗެއްކަން ކީއްކުރާ އެއްޗެއްކަން އެގެންފެށިއެވެ. މީގެ އަޖުމަ ބަލާލަށް އަހަރެން ހިތަށް އެތަކެއްފަހަރު އަރައެވެ. އެމީހުންގެ ހުނުމާއި މިއުޒިކުގައި ބައިވެރިވެލާހިތް ވާން ފެށިއެވެ. މަޑުމަޑުން އަހަރެން ސިގިރޭޓު ބޯން ފަށައިފީމެވެ. ނަމަވެސް އަހަރެންގެ ނަސީބު ރަގަޅުކަމުންވެސް ކަންނޭގެއެވެ. ﷲ ގެ ރަޙުމަތުން އަހަރެންނަކަށް އެޔާ މާގަޔާ އެއް ނުވެވުނެވެ. އެހެންކަމުން އަހަރެން މާ ގިނައިން ހޭލާ އިންނާކަށް ބޭނުމެއްނުވިއެވެ. ފުރަތަމަ ކޮޅު އަހަރެން ބިރުގަތެވެ. ނަމަވެސް އެކަމަށް އާދަވެވި ވަރަކަށް އަހަރެން ނަށް ކަންކަން ފަސޭހަވެއްޖެއެވެ. ނަމަވެސް އަހަރެން އުޅެމުންދިޔައީ ވަރަށް ދޯދިޔާ އުޅުމެކެވެ.

ދީނީ ކަންކަމަށް ދެމުންދިޔަ ސަމާލުކަން ކުޑަވެ މީހާ އެހެން ދިމާޔަކަށް އެބުރެމުންދާކަން އަހަރެންނަށް އިޙްސާސްވިއެވެ. ކިޔަވަން ކައިރީގައި ހުންނަ ކުލާހަކަށް އަހަރެން ދަމެވެ. ނުވެއެއް ކިޔަވަމެވެ. ކުލާހުގައިވެސް ތަފާތު ކުދިންނާއި އެކު ތަފާތު މަޖަލުގައި އަހަރެން ބައިވެރިވަމެވެ. އަހަރެންގެ ކަންކަމަށް ޚަރަދުކުރަން މާލެއިން ކޮންމެވެސް ވަރަކަށް ފައިސް ފޮނުވައެވެ. ނަމަވެސް ގުޅާ ހާލު ބަލާ ހަދަނީ ވަރަށް މަދުންނެވެ. އަހަރެން ބަލަހައްޓަނީ ގޭގައި ހުންނަ ދައްތައެކެވެ. 35 އަހަރުގެ އަންހެނެކެވެ. ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. މާބޮޑަކަން ކަންކަމާ އަޅައެއް ނުލައެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ގޭތެރެގައި އަވަދިނެތި އަހަރެން އުޅުނު ދުވަހެކެވެ. ކުއްލިއަކަށް އަހަރެން މާލެ ދާން އަންގައިފިއެވެ. ވީ ކީއްތޯ ސުވާލުކުރުމުން ވިސާގެ ކޮންމެވެސް މައްސަލައެއް ޖެހިކަމުގައި ބުންޏެވެ. ކުރިން އުއްމީދުކުރަމުންދިޔަ ގޮތަށް ކަންކަން ނުވުމުން އަހަރެންވެސް ބޭނުންވެފައިހުރީ މާލެ ދާށެވެ. މާލެ އެކޭ މިތަނެކޭ އަހަރެންގެ ދިރިއުޅުމަކަށް މާބޮޑު ތަފާތެއް ނެތެވެ. ޖެހިގެން އަންނަ ދުވަހު ފުރަން ޖެހޭތީ، އަހަރެންވެސް ބައެއް ތައްޔާރީތައް ވަމުން ދިޔައީމެވެ. އަހަރެން ގެންދާނެ މާ ބައިވަރު އެއްޗެއް ނެތެވެ. އަންނައުނުކޮޅާއި، ރީތިވާން ގެންގުޅޭ އެއްޗެހި ލާފައި ފޮށީގައި ގިނަ ޖާގަ އޮތުމުން ދައްތަ ދިން ކޮތަޅެއް އަހަރެން ފޮއްޓަށްލީމެވެ. ބަލާބެލުމަށް ބޮޑު ބެޑްޝީޓުތަކެކެވެ.

މާލެ ދެވުމުން މި އެއްޗެހިބަލާ މީހަކު އަންނާނެ ވާހަކަ ދައްތަ ބުންޏެވެ. އެކަން އަހަރެންނަކަން މާބޮޑު ކަމަކަށް ނުވިއެވެ. މާލެއިން އަހަރެން އައީވެސް އެކި މީހުންނަށް ފޮނުވާފައިވާ ފޮށިފޮށިގަޑު ހިފައިގެންނެވެ. ނަމަވެސް އެ ތަކެތި އެއްވެސް އެހެން މީހަކާއި ޙަވާލު ނުކުރުމަށާއި ދޫކޮށް ނުލުމަށް ދައްތަ ތަކުރާރުކޮށް އަހަރެން ގަތުގައި ބުނުމުންދިއެވެ. އެކަމުގެ ސަބަބުން އެއީ ވަކިން ޚާއްސަ އެއްޗެއް ކަމުގައި އަހަރެންނަށް ހީކުރެވެން ފެށިއެވެ.

އެއަރ ޕޯޓުން އަހަރެންނާ ޙަވާލުވީ މާލެ ދާން އައިސްތިބި ދައްތަގެ އެހެން ރައްޓެއްސަކާއި މި ކުއްޖާއަށްބަލާލަ ދެއްޗޭ ބުނެ އަހަރެން ޙަވާލުކޮށްފައި އެމީހުން އަހަރެންނާއި ވަކި ވެއްޖެއެވެ. ކޮންމެގޮތެއްވީކަމުގައި ވިއަސް މާލެ ދެވެން އުޅޭތީ އަހަރެން ހިތް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވެއެވެ. ދުވަސްތަކަކަށްފަހު "ޢާއިލާ"އާއި "ރައްޓެހިން" ނާވެސް ދިމާވާނެތާ އަހަރެންގެ ހިތަށް އަރަމުން ދިއައެވެ. ބޯޓުން ފައިބައިގެން އެހެން ދަތުރުވެރިންނެކޭވެސް އެއްގޮތަށް އަހަރެން ވެސް ފޮށި ނަގަން ދިޔައީމެވެ.

އެތަށް އިރެއްވީއިރުވެސް އަހަރެންގެ ފޮއްޓެއް ނައެވެ. ދައްތަގެ ރަހުމަތްތެރިޔާވެސް ލަސްވާތީ، ހިގައްޖެއެވެ. އެންމެއް ކަހަލަ ގޮތަކަށް ގޮސް ހުސްވެއްޖެއެވެ. ކުއްލިއަކަށް ޔުނިފޯމްގައި ހުރި އޮފިސަރަކު އައިސް އަހަރެންގެ ނަމާއި އެޑްރެސް ހޯދާ އޭނާއާއި އެކުގައި އައުމަށް އެންގިއެވެ. ވެގެން އުޅެނީ ކޮންކަމެއް އަހަރެންނަކަށް ނޭތްގެއެވެ. އަހަރެންގެ ހިތަށް ކޮންމެވެސްވަރެއްގެ ބިރުވެރިކަމެއް ވަންނަމުން ދިޔައެވެ.

" ކޮބާ ބެލެނިވެރިޔާ؟ އޮފިސަރގެ އަޑަށް އަހަރެން ސިހުނެވެ. " ނެތް " އެކަނި އައީ" ކޮންމެވެސް ވަރަކަށް އަހަރެން ތަފްސީލް ކޮށްދިނީމެވެ. "މި ފޮއްޓަކީ އިނާޔަތުގެ ފޮށިތަ؟ އޮފިސަރގެ ސުވާލަށް އަހަރެން ބޯ ޖަހާލީމެވެ. މީގައި ހުރި އެއްޗަކީ އިނާޔަތުގެ އެއްޗެތަ؟ އަނެއްކާވެސް އޮފިސަރު ސުވާލުކުރިއެވެ. އާއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ. ފޮށި ހުޅުވަބަލަ! އެވަގުތު ގާތުގަތިބި އެހެން އޮފިސަރުވެސް އެދިމާއަށް ޖެހިލިއެވެ. އަހަރެން އަތް ދަބަސްތެރެއިން ތަޅުދަޅި ނަގާ ފޮށި ހުޅުވާލީމެވެ. "މީވެސް އިނާޔަތުގެ ކޮތަޅެއްތަ؟ ސުވާލުގެ ނަޒަރަކުން އަހަރެންގެ މޫނަ ބަލަމުން އެހިއެވެ. އަހަރެން ހިތް ތެޅިގަތެވެ.

އަވަސް އަވަހަށް ފޮއްޓާ ކައިރިއަށް ޖެހެލީމެވެ. ދެންވެސް އާއެކޭ އަހަރެން ބުނީމެވެ. ކޮތަޅު ހުޅުވަން އެންގުމުން ކޮންމެވެސް ވަރަކަށް އަހަރެންނަށް ފަސްޖެހެވުނެވެ. ކޮތަޅުގައި ހުރި އެއްޗެއް ހުދު އަހަރެން ނަކަށްވެސް ނޭނގެއެވެ. އަހަރެން ކޮތަޅު ހުޅުވީމެވެ. ކޮތަޅުގައި ހުރީ ކުރިންވެސް ހީކުރިގޮތަށް ގަނެ ރަބަރު އޮޅާ ބަންދުކޮށްފައިވާ ބެޑުޝީޓު ތަކެކެވެ. ހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު އަހަރެން ފަހަތަށްޖެހިލީމެވެ. އެވަގުތު ޖެހިގެން ހުރި އޮފިސަރ ބެލެނިވެރިޔާގެ މަޢުލޫމާތު ހޯދުމަށް ސުވާލުކުރިއެވެ. ޕޮލިހުންގެ އަންހެން ދެ އޮފިސަރަކުވެސް އަތުވެއްޖެއެވެ. އަދި ވަކި ބައްދުކޮށްފައިވާ ކޮޓަރިއަކަށް އަހަރެން ގެންގޮސްފިއެވެ.

ސުވާލަކަށްފަހު ސުވާލެކެވެ. ތެދުބަހުން ރަގަޅަށް ކިޔައިދޭން އަހަރެންނަށް މަޖުބޫރުވެއްޖެއެވެ. ކޮތަޅުގައިވާ ބެޑުޝީޓުތަކުގައި ރައްކާކޮށްފައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރީއެވެ. ކުރިންވެސް އަހަރެން ނުތަނަވަސްކަމަށް ގެނުވީ މިހެންވެގެންތާއެވެ. ބެލެނިވެރިޔަކަށް އައީ ދެބެންގެ ދެ ދަރި ދައްތައެކެވެ. ކަން ހިނގާދިޔަގޮތް ކިޔަދިނީމެވެ. ފުލުހުންގެ އެހީތެރިކަމާއެކުގައެވެ. ނަމަވެސް އެންމެ އުދަގޫ މަރުހަލާ އައިސް ޖެހުނީއެވެ. ކޮތަޅު ދިން މީހާގެ ނަން ފިޔަވާ އެހެން އެއްވެސް މަޢުލޫމާތެއް އަހަރެންނަކަށް ނޭނގެއެވެ. ކަމާގުޅޭ މުއައްސަސާތަކުގެ އެހީތެރިކަމާއެކު ވަރަށް ގިނަ މަޢުލޫމާތު ހޯދުނު ނަމަވެސް އެއަކާއި އޭނާ ޒިންމާކުރެވޭނެ އެއްވެސް ގޮތެއް ނެތުނީއެވެ.

ހަތަރު އުދަރެސް ފެނު ޖެހިއްޖެއެވެ. ރުއިން ފިޔަވާ އެއްވެސް އެހެންކަމެއް ނުކުރެވުނުވެ. ކުޑަކަމުދާތަކެތީގެ ތަހުލީލު ހެދުމަށް ސާމްޕަލް ދިނުމަށްފަހު ދައްތައާއި އެކު އަހރެންގެއަށް އައިމެވެ. ފަހަރަކު މީހަކު ސުވާލުކުރަމުން ދިޔައެވެ. އެންމެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަރެންގެ އަތަކު ނެތެވެ. އަހަރެން ހައްޔަރެއް ނުކުރެއެވެ. ކުޑަކުއްޖަކަށްވީމައެވެ. މަސްތުގެ ހާލުގަ ނެތީމަވެސް ކަންނޭގެއެވެ. ނަމަވެސް ގެއިން ނުނިކުތުމަށާއި އާއިލާގެ މީހުން ފިޔަވާ އެއްވެސް އިތުރު މީހަކާއި ބައްދަލު ނުކުރުމަށް ޝަރުތުކޮށްފައެވެ.

ދެ ދުވަސް ފާއިތުވެގެން ހިގައްޖެވެ. ގޭގައި ބީރައްޓެއްސެއްހެން އަހަރެން އުޅެމުން ގެންދިއަމީވެ. އޯގާތެރިކަމާއެކު ވާހަކަދައްކާލާނެ އެއްވެސް މީހަކު ނެތެވެ. މަންމަގެ ހަދާންތައް އަހަރެންގެ ވަށާލިއެވެ. އެ ހިތަދަތި މާޒީގެ ދުވަސްތަކުގެ ތެރެއިން އުފާވެރިކަން އިޙްސާސްކުރެވުނު މަންމަގެ އޯގާތެރި ފިރުމުންތައް އަހަރެންއިތުރަށް ހިތްދަތިކުރުވަމުންދިއައެވެ. ދޮންތަގެ އެދުމުގެ މަތިން ބައްޕަ އަހަރެންނާއި ބައްދަލުކުރަން ގެއަށް އައެވެ. ކުށްވެރިވީ އަހަރެންނެވެ. ނުދަންނަ މީހުންނާނައި ގުޅުން ބާއްވާތީއެވެ. މީހަކު ހަމަ ބުނެލާއިރަށް ރާއްޖޭންބޭރަށް ދިއައީމައެވެ. މީހުންދޭ އެއްޗެއްހީގައި ހިފީމައެވެ. ރުޅިވެރިއަޑަކުން ބައްޕަ އެތަށް އެއްޗެއްގޮވިއެވެ. އެއަޑު އަހަރެންނަކަށްއަލެއް ނޫނެވެ. ވީ ދެރައަށްވުރެ ކުރެވުނީ ނަފްރަތެވެ. ބައްޕަ ދެއްކި އެއްވެސް ވާހަކައަކަށް ގޮވި ހަޅޭކަކަށް އަހަރެން ރައްދެއް ނުދެމެވެ. އެންމެފަހުން ބައްޕަ އަށް ގޮތް ހުސްވިއެވެ. ބައްޕަގެ ލޮލުން ފުރަތަމަ ފަހަރަށް ކަރުނަ ފައިބާ މަންޒަރު އަހަރެން ދުށީމެވެ. މިފަހަރު އަހަރެންގެ ހިތަށް އަސަރުކުރުވިއެވެ.

ތެދު ތެދަށް ބުނަނީނަމަ އަހަރެން ހުރި ހަމައެކަނި މީހަކީ ބައްޕަ އެވެ. ބައްޕަ ރޮމުން އަދޭސްކުރާ ފަދަ ރާގެއްގައި ބުނަމުން ދިޔައެވެ. " އިނާ މިއަދު ބައްޕަ އަށްވެސް އިނާގެ އެހީތެރިކަން ބޭނުންވޭ ދަރިފުޅާ މީ އިންސާނަކު ކައިރިވާން ހެޔޮވާވާރުގެ ކަމެއްނޫން މި ބަވާގައި ދަރިފުޅު ނުޖެހޭތި! މިކަމުގެ ސަބަބުން ގެއްލިގެން ދަނީ ދުޔިޔޭއާއި އާޚިރަށް... ބައްޕަ އަށް މާފުކުރޭ ....ބޭނުންވަނީ ދަރިފުޅުވެސް މިކަމުން ސަލާމަތްވެ ހުންނަށް ބައްޕަގެ ރުއިމާއި ގިސްލުމުގެ އަޑު އަހަރެން ހިތް ޒަހަމުވެގެން ދިޔައެވެ. ބައްޕަ އަހަރެންގެ އަތުގާ ހިފާ ބާރުކޮށްދިއެވެ. އަހަރެންނަށ ރޮއި ގަނެވެއްޖެއެވެ. ހުއްޓާލަން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީއެވެ. އެދުވަހު ބައްޕަ ގެ ވަކިވުން ވެގެން ދިޔައީ އުފާވެރި ވަކިވުމަކަށެވެ. އަހަރެންގެ ހިތްވަރު އާވިއެވެ.

ކުއްލިއަކަށް ބޮލުގައި މީހަކު ކޮއްޓާލުމުން ސިހިފައި އަހަރެންނަށްހޭލެވުނެވެ. ރަމީޒާ ކައިރީގައި ހުއްޓެވެ. ގަޑިން ވީ އިރެއްވެސް ނޭނގެއެވެ. މުޅިތަނަށްވަނީ ކަޅު އަދިރިކަން ވެރިވެފައެވެ. ދުރުން ފެންނަމުންދިޔަ އަލި ކަމުގެތެރެއަށް ބަލާލަމަށްފަހު އަހަރެން ތެދުވެ އަހަރެންނަށް ޚާއްސަކުރެވިފައިވާ އަށިމަތީގައި އިށީނީމެވެ. އެ ވަގުތު ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެމުންދިއައެވެ.
ވޭތުވެ ދިޔަ ދުވަސްތަކުގައި ކަންކަން ހިނގާފައިވާ ގޮތުން ނަމާދެއް ކުރާކަން އަހރެންގެ ފަރުވާލެއް ނުބަހައްޓަމެވެ. އަމިއްލަ ނަފްސުގެ އިމާންތެރިކަން ނަގައިލެވުނެވެ. އެއްވެސް އިންސާނަކީ ތައުބާނުވެވި ކުށުގެ މަގުގައި އުމުރު ނަގާލެވޭ ވަރަށް ވުރެ ބަލިކަށި މީހެއް ނޫން. ތައުބާގެ ދޮރުވަނީ އަބަދުވެސް ހުޅުވިފައިވެއެވެ. ފާހާނާއަށް ވަދެ ވުޟޫކޮށްލުމުން ވަރުބަލިވެފައިވާ އަހރެންގެ ހަށިގަޑަށް ކޮންމެވެސްވަރެއްގެ ދިރުމެއް ލިބުނެވެ.

ގެނައި މަދު އަންނައުކޮޅުތެރޭގައި ނަމާދުކުރަން ގެންގުޅޭ ބުރުގާވެސް އޮންކަން އެގުމުން އަމިއްލައަށްވެސް ހިނިތުންވެ ލެވުނެވެ. ކުށް ފަހިވަނީ ބައެއް ފަހަރު ގޭތެރެއިންނެވެ. ލޮލަށް ފެނި ކަންފަތަށް ހޭނޭ އަޑުތަކުގެ ސަބަބުންނެވެ. އަހަރެންގެ އެއްވެސް އުސޫލެއް ހަމައެއް ލަމައެއްނެތުނީމައެވެ. އެ މީހަކު ނަމާދު ކުރަންޏާ ކުރަންވީ އެވެ. ހަގީގަތުގައި ނަމާދާ މެދު އަހަރެން ފަރުވާ ކުޑަވާން ފެށީ އުޅޭނެ ގޮތަކަށް އުޅުނަސް ބަލާނެ މީހަކު ނެތީމަ އެވެ. ހަނި ދޭތެރެއެއްގައި ހުރެ އަހަރެން ފަތިސް ނަމާދުކޮށްލީމެވެ. ތައުބާވެ ނަފްސު އިސްލާހްގެ މަގަށް ގެނައުމަށް އަޒުމް ކަނޑައެޅުނެވެ. ސަޖިދާގައި އޮވެ އަހަރެން ރުއީމެވެ. ދުލުން ބޭރުނުވިނަމަވެސް ހިތާހިތުން އެތަށް ފަހަރަކުން ދުޢާކުރީމެވެ. ހިތަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

ހެދުނު 10 ޖަހަނީއެވެ. އަންހެން އޮފިސަރަކު އައިސް އަހަރެން ގެންގޮސްފިއެވެ. ބަންދުކޮށްފައިވާ ކޮޓަރީގައި ބަހައްޓައިގެން އެތަން މަޢުލޫމަތެއް ސާފްކޮށްހޯދިއެވެ. ބައްޔެއް ހުރިތޯއާއި ނަފްސާނީ އެހީތެރިކަން ބޭނުންވާ މިންވަރު އޮޅުންފިލުވިއެވެ.
ހަފްތާއަކު އެއްފަހަރު ބައްޕަ ގުޅައެވެ. ބައްޕައަށް ކުރެވުނު ހުރިހާކަމެއްކޮށްދޭން ބައްޕަ އިޤުރާރު ވަމުންދިއައެވެ. ދެކެވުނު ވާހަކަތަކުން އަހަރެންގެ އުއްމީދު އާލާކުރުވިއެވެ. ކުޑަކުއްޖަކަށްވެފައި ކުށުގެ ރެކޯޑުވެސް ނެތުނީމައެވެ. ކައިރި މުސްތަޤުބަލެއްގައި އަހަރެން ގެއަށް ބަދަލުކުރެވިދާނެ އުއްމީދު އާކޮށްދެމުންދިޔައެވެ.

އަހަރެން ކެތްތެރިކަމާއިއެކު ހިތްވަރުކުރީމެވެ. އެހެންކަމުން އަހަރެން ބައެއްކަހަލަ ކުލާސްތަކުގައި ބައިވެރިމީވެ. ކުރިން އަޑައަހާފައިވާ ގޮތާ ޚިލާފަށް ޖަލުގައިވެސް ތަފާތު ކުލާސްތައް ހިންގައެވެ. ބައިވެރިވާން ބޭނުންމީހަކަށް އެ ފުރުޞަތުތައް އޮވެއެވެ. ޤުރުއާން ކުލާސްތަކާއި ޤިރާޔަތު ކުލާސްތަކެވެ. ކިޔެވުމުގައި އަހަރެންގެ އަމިއްލަ ނަފްސު އަވަދިނެތި ކުރުވީމެވެ. މިކަން ވީ އަހަރެން ނަފްސަށްވަރަށް ބޮޑު ހިތްހަމަ ޖެހުން ގެނެސްދިން ކަމަކަށެވެ.

އެއްދުވަހެއްގެ ހެދުނުގެ ވަގުތެކެވެ. އަހަރެން ބަލާ އޮފިސަރުން އައެވެ. އަހަރެން ޙުކުމްތަންފީޛު ކުރަން ގެއަށް ބަދަލުކުރަނީއެވެ. ޝަރުތުތަކަކާއި އެކުގައެވެ. ޝަރުތުތަކާއި އެއްގޮތަށް އުޅޭނަމަ ޙުކުމް ތަންފީޛު ކުރަން ނުޖެހޭނެހެން މިނިވަންވަނީއެވެ. ދެންވެސް އޮތީ އިމްތިހާނެކެވެ. ހަޔާތުގައި ލިބުނު ހިތްދަތި ތަޖުރިބާއިން އަހަރެން ގެ މުސްތަޤުބަލް ބައްޓަން ކުރަން އަހަރެންނަށް ފިލާވަޅު ލިބުނެވެ. އަހަރެން ގެއަށް ބަދަލު ކޮށްފިއެވެ. މީހުންނާއި ބައްދަލުކޮށް ވާހަކަ ދައްކާ ކޮޓަރިން ނުކުމެ އަހަރެން ހަދަނީ ވަރަށްވެސް މަދުންނެވެ. މީހުންނާ ކުރިމަތިލާހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ބައްޕަގެ އެހީތެރިކަމާއެކު ކިޔަވަން ދާން ފެށީމެވެ. މަޑުމަޑުން ދިރުއުޅުމަށްހެޔޮ ބަދަލު ތަކެއް އަނަމުން ދިޔައެވެ. ޖަލުގެ އޮފިސަރުން ހަފަތާއަކު އެއްފަހަރު ގެއަށް ޒިޔާރަތްކުރެއެވެ. ކޮންމެ މަހަކު އުޅުމާއި އަޚްލާޤަށް އަންނަމުންދާ ބަދަލުތަކަށް ބަލާއި ދޮޅު އަހަރެއްގެ ތެރޭގައި އަހަރެން މިނިވަން ވެއްޖެއެވެ. 16 އަހަރުގެ ޙުކުމުން ބަކީ އޮތްބައި ތަންފީޛު ނުކުރާގޮތަށް މާފުދީ މިނިވަންވީއެވެ.

މިއީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ފަދަ ހާލަތެކެވެ. ގާތްގުޅުންތަކުގެ ތެރެއިން ހުންނަށް ނުވާ ތަނެއްގަ ހުރެވުމުން ހުންނަށް ނުވާ އެއްޗެއް އަތުގަ ހުރުމުން މިފަދަ އުދަގޫ އެތަށް ހާލަތެއް ތަހައްމަލު ކުރަން ޖެހިދާނެއެވެ. ކުރެވޭ ކުޑަކުޑަކަމަކުންވެސް މުޅި މީހާގެ އުމުރުގައިރޯން ޖެހިދާނެއެވެ. އަހަރެންގެ ދިރިއުޅުން އެފުއް މިފުށައް ޖަހާލި ކޮޅިގަނޑުން މިންޖުވެވުނީ އެތަށް ފިލާވަޅުތަކެއް އަހަރެންނަށްދީފައެވެ.

މިއަދު އާ އަޒުމަކާއެކު ދިރިއުޅުމުގެ ނާ އަހަރެން މި ދީލާލީ ލިބުނު ވޭނާ ތުރާތަކުން ކުދިކުދިކޮށް ޒަހަމްކުރި ހިތާމެޔަށް ދިރުން ގެނުވާނެ ވަރުގަދަ ޖޯޝާކާއި އެކުގައެވެ. އަހަރެންގެ ދަރިއަކަށްވިއަސް އަދި ދުވަހަކު އަހަރެން މި ވާހަކަ އަޑުއަހާ މިހަކަށްވިޔަސް ދޭން އޮތް ނަސޭހަތަކީ ނުކިއްސަރު މީހެއްގެ ފަރާތުން ނުނިޔަތެއްގައި ދިއްކޮށްލާނެ ޒައްރެއްގައިވެސް ނުހިފުމަށް ހަނދާންކޮށްދޭނެ މަދަދު ގާރަކަށްވެގެން ހުރުމަށް ހިތްމަތުގެ ކަމަރު ނުހަނު ބާރަށް ބަދަލަމުންނެވެ. ވިސްނާށެވެ. މީ އަހަރެންގެ ވާހަކަ އެވެ.. މިއީ ލިބުނު ފިލާވަޅެކެވެ. މިއީ ހަޤީޤީ ވާހަކައެކެވެ.

ނިމުނީ

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ފާތުމަތު ފަޒީލާ،މ.މުލައް/އާވެލި އެވެ. ވާހަކަ ހުށައަޅާދިނީ އާމިނަތު ޚާލިދު އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 15 ރަމަޟާން 1442 އެވެ.