ކުޅިވަރު

އަޝްފާޤް ކަހަލަ ކުޅުންތެރިން އުފައްދަން އެބަޖެހޭ - ކޯޗް ހާބަޓް


ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުޞަތުދީ ކެޕްޓަން އަޝްފާޤް ކަހަލަ އިތުރު ކުޅުންތެރިން އުފައްދަންޖެހޭކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ. ކޯޗް ހާބަޓްބުނީ ޓީމްގެ ކުޅުން އެހާ ގޯސް ނޫންކަމަށާއި ތަފާތަކީ ހޮންގކޮންގ ޓީމާއި ރާއްޖެ ޓީމްގެ ފިޒިކަލީގޮތުން ހުރި ތަފާތެއް ކަމަށެވެ. ސީނިއަރ ކުޅުންތެރިން ބޭލުމަށްފަހު ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުޞަތުދިނީ އެކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމުގެ ގޮތުންކަމަށްވެސް ކޯޗް ބުންޏެވެ. ހާބަޓްބުނީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދީގެން ނޫންގޮތަކަށް ދިވެހި ފުޓްބޯޅައަށް ބަދަލް އަންނަން ދުވަސްތަކެއް ނަގާނެ ކަމަށެވެ. ކޯޗް ހާބަޓްބުނީ މިހާރު ވިސްނުންހުރީ ސާފް ޗެމްޕިއަންޝިޕަށް ކަމަށާއި އެމުބާރާތަށް ޓީމް ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭކަމަށެވެ.މެޗުން މޮޅުވި ހޮންގކޮންގް ޓީމްގެ ކޯޗް ޕަން ގޮން ކިމް ބުނީ މެޗް ނިމުނީ އޭނާ ރޭވިގޮތަށްކަމަށެވެ. އެކަމާ އުފާކުރާކަމަށެވެ. ރާއްޖެ ޓީމަށް ވަރަށް އިޙްތިރާމްކުރާކަމަށާއި މެޗްގައި އެންމެ އުނދަގޫވި އެއްކަމަކީ ރާއްޖެ ޓީމްގެ ބައެއް ކުޅުންތެރިންގެ ސްޕީޑީ ކުޅުން ހުއްޓުވަންކަމަށެވެ. ރާއްޖެ ޓީމްގައި ތިބި ހަލުވި ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގޭކަމަށާއި، މެޗްގައި އެކުޅުންތެރިންނަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދީފައިވާނޭކަމަށްވެސް ހޮންކޮންގ ޓީމްގެ ކޯޗް ބުންޏެވެ. ދެވަނަ ހާފްގައި ނުރައްކާތެރި ޙަމަލާތައް ހޮންކޮންގްގެ ގޯލަށް އަމާޒު ނުކުރެވުނީ އެކުޅުންތެރިން ހުއްޓުވަން މަސައްކަތް ކުރުމުންކަމަށް ޕަން ގޮން ކިމްފާހަގަ ކުރިއެވެ. ދެވަނަ ލެގުގައި ދެޓީމް ރާއްޖޭގެ ރަސްމީ ދަނޑުގައި ކުޅުނު މެޗު މިއަދު ހޮންގކޮންގ ކާމިޔާބުކުރީ އެކެއް ސުމަކުނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ އެގާރަވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ޕައުލޯއެވެ. މިއީ ޕައުލޯއަށް ރާއްޖޭގެ ކީޕަރ މުޙައްމަދު އިމްރާން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އޭގެ ކުރިން އަދި ފަހުންވެސް ރާއްޖެއިން ލަނޑު ޖަހާނެ ހައެއްކަ ފުރުޞަތު ތަނަވަސްކުރިއެވެ. ނަމަވެސް ފުރަތަމަ ހާފްގައިވެސް އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ހޮންކޮންގ ޓީމުންނެވެ. ފުލުފުލުގައި ފޮނުވާލި ދެބޯޅައިގެ ތެރެއިން އެއްބޯޅަ ދިފާއުކުރީ ކީޕަރު އިމްރާނެވެ. ދެވަނަ ފަހަރަށް ފޮނުވާލުމުން ގޯލުގެ ރޮނގުމަތިން ދިފާއުކުރީ މުޙައްމަދު ރަޝީދެވެ. ދެވަނަ ހާފްގައި އެލެގްޒެންޑަރ ގޯލް ކުރިމަތީގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. މިމޮޅާއެކު ހޮންކޮންގއަށް ވަނީ ތޭރަ ޕޮއިންޓް ލިބިފައެވެ. އެމީހުން އޮތީ ތާވަލްގެ ދެވަނައިގައެވެ. މިގްރޫޕްގައި ޗައިނާ ވަނީ މިއަދު ބޫޓާންގެ މައްޗަށް ބާރަ ލަނޑު ސުން ލަނޑުން ކުރި ހޯދާފައެވެ.