ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދޫނިދޫގައި ޝަރިއަތް
ހިންގާނޭ ކޯޓު ރޫމެއް ހަދަމުން ގެންދަވާކަމަށް ކުރިމިނަލް ކޯޓުން
ހާމަކުރައްވައިފިއެވެ.
ތަޙުޤީޤަށް ހައްޔަރުކުރެވޭ މީހުން ފުލުހުންގެ ބެލުމުގެ
ދަށުން ބަންދުގައި ބަހައްޓާ ދޫނިދޫގައި، ކޯޓު ރޫމެއް ހަދަނީ ވަކި މައްސަލައަކާއި ގުޅިގެން ނޫން
ކަމަށް ކުރިމިނަލް ކޯޓުން ވިދާޅުވިއެވެ.
އެ ކޯޓްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދުނިދޫގައި ކޯޓު
ރޫމެއް ހެއްދެވުމުގެ ބޭނުމަކީ އެކިއެކި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރައްވާ
މީހުން ކޯޓަށް ނުގެނެސް ބަންދާމެދު ގޮތެއް ނިންމެވުމަށް ކަމަށެވެ. އަދި ކުރިއަށް
އޮތް ތާނގައި މާލޭގައި ހުންނަ އަތޮޅު ވެހީގައިވެސް މިފަދަ ކޯޓު ރޫމެއް
ޤާއިމްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދޫނިދޫގައި ހަދަމުންދާ ކޯޓު ރޫމްގައި ޝަރީޢަތް ހިންގާނީ
ކުރިމިނަލް ކޯޓާއި ވީޑިއޯ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާ ލައިގެންނެވެ.
ކުރިމިނަލް ކޯޓުން ބުނީ ދުނިދޫގައި ކޯޓު ރޫމް ހައްދަވަން ބޭނުންވާ ޢިމާރާތް މިހާރު
ލިބިވަޑައިގެންފައިވާ ކަމަށާއި އެތަނުގެ މަސައްކަތް ފެއްޓެވުމަށް
ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.
ދޫނިދޫގައި
ކޯޓްރޫމެއް ހަދަމުންދާ އިރު، ރައިސްގެ ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް
ގޮއްވާލިކަމުގެ ތުޙުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ނާއިބް ރައީސް އަޙުމަދު
އަދީބާއި އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިތުރު ބައެއް މީހުންގެ
ބަންދުގެ މުއްދަތުގެ ޝަރީއަތް ކުރިއަށް ގެންދަވައިފައިވަނީވެސް ކުރިމިނަލް ކޯޓާއި ވީޑިއޯ
ކޮންފަރެންސް މެދުވެރިކުރައްވައިގެންނެވެ.