ބ.ކަމަދޫން ފަތުރުވެރިއަކު ކޯވިޑް-19 ޕޮޒިޓިވްވެއްޖެއެވެ. ކަމަދޫއިން ފަތުރުވެރިއަކު ޕޮޒިޓިވްވެފައިވަނީ އިއްޔެ ހެނދުނުއެވެ. އެމީހާ މިހާރު ކަރަންޓީން ކޮށްފައިވާކަމަށާއި، އޭނާއާ ކޮންޓެކްޓްވި ހަތަރުމީހުން ކަރަންޓީންކޮށްފައިވާ ކަމަށާއި އަދި އެމީހުންގެ ސާމްޕަލް ނަގާ ޓެސްޓް ހެދުމަށް ބ.އަތޮޅު ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށް ކަމަދޫ ސިއްޙީމަރުކަޒުން މައުލޫމާތުދެއެވެ.
މިފަތުރުވެރިޔާ އެރަށުގައި ދިހަ ދުވަސް ހޭދަކޮށްފައިވާކަމަށާއި، މިއީ ރާއްޖެއަށް އެކަނި އައިސްއުޅުނު އިނގިރޭސިވިލާތުގެ އަންހެން ފަތުރުވެރިއެއް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.
އޭދަފުށީ ކްލަސްޓަރއާ ގުޅިގެން އިއްޔެ ކަމަދޫއިން 8 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އެ 8 މީހުންވެސް ނަތީޖާ ނެގެޓިވް ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ. ކަމަދޫން އޭދަފުއްޓަށް ދިޔަ 8 މީހުން ކޮންޓެކްޓްވެފައިވަނީ އޭދަފުށިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާއާއެވެ.
ބ.އަތޮޅު މާޅޮހުން މިމަހުގެ 17 ވަނަދުވަހު ޕޮޒިޓިވި ފަތުރުވެރިޔާއާ ކޮންޓެކްޓްވި މީހަކުވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެމީހާއާ ކޮންޓެކްޓް ވި މީހުންނާ އެކު އެރަށުން 29 ރެންޑަމް ސާމްޕަލް އިއްޔެ ވަނީ ނަގާފައެވެ. މިހުރިހާ ސާމްޕަލްއެއް ނެގެޓިވްކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.