ޚަބަރު

ނުހައްގު މުއްސަނދިކަން ހޯދައިފިނަމަ 15 އަހަރުގެ ޖަލު ހުކުމެއް


އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދުމާއި ރިޝްވަތަށް އެދުމާއި، ރިޝްވަތުގައި ހިފުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

ގާނޫނުލްއުގޫބާތަށް މިއިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖްއެވެ. ސިރާޖު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށްވެ، ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެކެވެ. މިބިލް މަޖިލީހުން ފާސްކޮށްފައިވަނީ 50 މެމްބަރުންގެ ވޯޓުންނެވެ.

ބިލުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށް ހުރިއިރު ލިބެމުންދިޔަ ނުވަތަ ދައުލަތުގެ މުވައްޒަފަކަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ ޢާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި، މިލްކުކުރުމަކީވެސް ކުށެކެވެ. އަދި އެފަދަ ދިރިއުޅުމުގެ ފެންވަރެއް ގާއިމް ކުރީ އަދި މުދާ މިލްކުކުރީ ޤާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ނުކުރެވޭ ނަމަ، އެއީ ކުށެއް ކަމަށް އިސްލާހުގައިވެއެވެ.

ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އެހެން ކަމަށްވާނަމަ، އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދައުލަތުގެ މުވައްޒަފެއް ރިޝްވަތަށް އެދުމާއި ރިޝްވަތު ހުށަހެޅުންވެސް ކުށެއްގެ ގޮތުގައި ހިމަނަން ގާނޫނުލްއުގޫބާތަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެ އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފެއް ކަމުގައިވެ ހުރެ އެނގިހުރެ އޭނާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާ ނުވަތަ ނުސީދާ މަންފާއެއް ހޯދުމަށް އެދުމާއި ގަބޫލުކުރުމަށް އެއްބަސްވުމާއި ގަބޫލު ކުރުމަކީވެސް ކުށެކެވެ.

ރިޝްވަތުގެ ކުށް ސާބިތުކުރުމަށްޓަކައި، ދައުލަތުގެ މުވައްޒަފަކު ހޯދުމަށް އެދުނު ނުވަތަ ޤަބޫލުކުރުމަށް އެއްބަސްވި ނުވަތަ ޤަބޫލުކުރި މަންފާއަކީ، ނުވަތަ ދައުލަތުގެ މުވައްޒަފަށް މަންފާއެއް ދިނުމަށް ހުށަހަޅާ ފަރާތުން ދިނުމަށް ވަޢުދުވި މަންފާއަކީ، ދައުލަތުގެ މުވައްޒަފަށް ޙަޤީޤަތުގައިވެސް ލިބުނު މަންފާއަކަށްވުމަކީ ލާޒިމުކަމެއް ނޫންކަމަށް ބޮލުގައި ބުނެފައިވެއެވެ.