ޚަބަރު

ޚަރަދުތައް ފޫބެއްދުމަށް ދީފައިވާ ހުއްދަ އަހަރަކަށް އިތުރުކޮށްދިނުމަށް އެދިއްޖެ


ދައުލަތުގެ ޚަރަދު ފޫބެއްދުމަށް ޚަރަދަށް ޒިންމާވުމުގެ ޤާނޫނު އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 38 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ކ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2020 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމުގެ ހުއްދަ ދެއްވާފައެވެ.

މި މާއްދާގައި ބުނެފައިވަނީ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 އެއްދުވަހުގެ ތެެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރާ ގޮތަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ 3 އަހަރުގެ ސަރުކާރުގެ އެވްރެޖް އާމްދަނީގެ އެއް އިންސައްތައަށް ވުރެ އިތުރު ނުވާ ގޮތަށްކަމަށެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާ އުނިކޮށް އިތުރު އެއް އަހަރުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، މި އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާކަމަށެވެ. އަދި ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށާއި، މިގޮތުން 2020 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅާބަލާއިރު ދަށްވެފައިކަމަށެވެ.

ފިނޭންސް މިނިސްޓަރގެ ސިޓީގައި ވަނީ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މިހާތަނަށްވެސް އުވާލައިފައި ނުވާތީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިސްނާ ހާލަތުން އަދި އަރައިގަނެވިފައިނުވާކަމަށެވެ. މިގޮތުން ޕެންޑެމިކް ޙާލަތުގައި ދެމިއޮތުމުގެ ސަބަބުން އެ މާއްދާގައި ބަޔާންކުރާ ޤުދުރަތީ ކާރިސާ އެއް އޮތްކަމަށެވެ. އަދި ވޭތުވެދިޔަ 4 ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއި އަންއެމްޕްލޯއިމަންޓް ރޭޓް މަތީގައި ހުރުމާއި ބޭރު ފައިސާގެ އާމްދަނީ ދަށްވެފައިވުމާއެކު ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއަށް ލޮޅުން އައިސްފައިވުމާއެކު، އެ އިޤްތިސާދީ ބޮޑު ހީނަރުކަމެއް ދިމާވެފައިވާކަމަށެވެ.

އެހެންކަމުން މިސަބަބުތަކަށްޓަކައި މި ދަނޑިވަޅުގައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތު ތަންދޭ ކަމެއް ނޫންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ހަމަތަކަށް ރުޖޫޢަވާން މަސައްކަތްކޮށްފިނަމަ، ރާއްޖޭގެ އިޤްތިސާދަށް ދައުލަތް މެދުވެރިކޮށް ދެމުން އަންނަ ސަޕޯޓާއި، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި ދައުލަތް ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަށެވެ.