ގްރޭޓަރ މާލެ ސަރަޙައްދުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އަދި މިއަދުން ފެށިގެން އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތް ބަލައިގަންނަމުންދާނެ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރުތެރޭގައި އެރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތްތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއެވެ. އެގޮތުން މިއަހަރު މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާއެވެ.
ތައިލެންޑު ހުދު ހަނޑުލުންނަމަ 52 ރުފިޔާއެވެ. ރަތް ހަނޑޫނަމަ 78 ރުފިޔާއެވެ. އާދައިގެ ބާސްމަތީ ހަނޑުލުންނަމަ 65 ރުފިޔާއެވެ. މޮޅު ބާސްމަތީ ހަނޑުލުންނަމަ 89 ރުފިޔާ، އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލުންނަމަ 125 ރުފިޔާއެވެ. މީގެއިތުރުން އާދައިގެ ފުށުން ނަމަ ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ 10 ރުފިޔާއެވެ. އާޓާ ފުށުންނަމަ 59 ރުފިޔާއެވެ. ރަމަޟާންމަހުގެ އެކެއްވާ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތް ބަލައިގަންމުންދާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.
މިއަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާ ޒަކާތުގެ ފައިސާ ފަޤީރުންގެ އެކައުންޓަށް ޖަމާކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އުރިދޫއާއި ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގެ އިތުރަށް އިސްލާމިކް ބޭންކާއި ފަހި ޕޭ އެޕްލިކޭޝަން މެދުވެރިކޮށްވެސް ޒަކާތުގެ ފައިސާ ދެއްކޭނެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. ހަމައެއާކާއެކު އިސްލާމިކް މިނިސްޓްރީއަށް ގޮސްގެންވެސް ފައިސާދެއްކޭނެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރަށްރަށުގައި ޒަކާތުގެ ފައިސާ ބަލައިގަންނަމުންދާނީ އެރަށެއްގެ ކައުންސިލްތަކުންކަމަށެވެ.