ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ޔޫވީގެ މައްޗަށް ކުރި ހޯދައިގެން ތާވަލްގެ ދެވަނައަށް އަރަން ލިބޭ ފުރުސަތުގެ ބޭނުން ހިފަންޖެހޭކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ ކޯޗް އިސްމާޢީލް މަހުފޫޒް (އިންމަ) ބުނެފިއެވެ.
ލީގްގައި ދަ ގްރާންޑޭ މިވަތުގު އޮތީ ތާވަލްގެ 4 ވަނާގައިއެވެ. އެއީ އެޓީމް ކުޅެފައިވާ 11 މެޗުން ލިބިފައިވާ ޕޮއިންޓްއާއެކުއެވެ. ތާވަލްގެ ދެވަނައިގައިވާ ކުލަބް ވެލެންސިޔާއަށް 18 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން މޮޅުވެގެން ދަ ގްރާންޑޭއަށް ތާވަލްގެ ދެވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ދަ ގްރާންޑޭގެ ކޯޗް އިސްމާޢީލް މަހުފޫޒްބުނީ ތާވަލްގައި ކުރިއަށް ޖެހިލުމަށް މިއީ ވަރަށް މުހިންމު މެޗްއެއްކަމަށާއި ބޭނުންވަނީ ސިދާ މެޗުން މޮޅުވާންކަމަށެވެ. މިފަދަ ވާދަވެރި ލީގެއް ކުރިއަށްދާއިރު، ތާވަލްގެ ގަދަ ހަތަރެއްގައި އޮތުމަކީ ވަރަށް އުދަގޫކަމެއްކަމަށާއި ދަ ގްރާންޑޭ ކަހަލަ ޓީމްތަކުން އަބަދުވެސް ވިސްނަންވާނީ ރަގަނޅު ކުޅުމެއްދައްކައިގެން ރަގަނޅު ނަތީޖާތަކެއް ނެރުންކަމަށް މަހުފޫޒް ބުންޏެވެ. އަދި މިއަދު ޔުނައިޓަޑް ވިކްޓްރީއާއި ދެކޮޅަށް ކުޅޭ މެޗަކީ އެންމެ މުހިންމު އެއް މެޗުކަމަށްވެސް ކޯޗް އިސްމާއީލް މަހުފޫޒްވަނީ ސިފަކޮށްފައެވެ.
އިންމަބުނީ ޓީމްގެ އެންމެ ކުރިއަށް ކުޅޭ ކުޅުންތެރިއަކު ނެތުމަކީ ޓީމަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށާއި ކުރިއަށް ކުޅެން ގެނައި ބިދޭސީ ކުޅުންތެރިޔާވެސް ކުޅެން ބޭނުން ނުވުމުގެ ސަބަބުން ކުޅުންތެރިޔާ އާއި ޓީމާ ވާހަކަދެއްކުމަށްފަހު ވަނީ ކުޅުންތެރިޔާގެ އެއްބަސްވުން އުވާލާފަ ކަމަށެވެ. އަދި މިހާރުވެސް މެޗްތަކުގައި ސިދާ ކުރިއަށް ކުޅޭ ކުޅުންތެރިއަކު ނެތުމުން އެތަން ވަރަށް ބޮޑަށް ދައްކާކަމަށްވެސް އިންމަ ބުންޏެވެ.
"މިމެޗުން ވަރަށް ގިނަ ކަންތަށްތަކެއް ހާސިލްވާނެކަމަށް މިބަލަނީ. ބޮޑު ބްރޭކަށްފަހު މެޗް ކުޅެން ޖެހުމުން ކުޅުންތެރިންނަކަށްވެސް އެއްވެސް ޕްރެޝަރެއް ނެތް. ނަމަވެސް އެންމެ ފަހުން ކުޅުނު މެޗްގައި ކުޅުންތެރިންގެ ހިއްވަރާއި މެޗްތަކުން މޮޅުވުމަށް ކުޅުންތެރިން ބޭނުންވެފައިވާ މިންވަރުވަނީ ފެނިގެން ގޮސްފަ. އެންމެފަހުން ކުޅުނު މެޗްގައި ދެ ކުޅުންތެރިންއަކު މަދުކޮށް ކުޅެމުންދިޔަ ނަމަވެސް ކުޅުންތެރިން މެޗުން މޮޅުވުމަށް ބޭނުންވެފައިވާ މިންވަރަކަށް ބަދަލްއެއް އައިސްފައެއް ނުވޭ. ކުޅުންތެރިންވަނީ ވަރަށް ހިއްވަރާއެކު މަސައްކަތްކޮށްފަ. މިމެޗަށް އަންނަ އިރު ދެކަމެއް ފާހަގަކުރެވޭ. ކުޅުންތެރިންގެ އަޒުމާއި ހިއްވަރު، ދެން ދެ ކުޅުންތެރިން މަދުކޮށް ކުޅުނު ކަމުގައި ވީނަމަވެސް ކުޅުންތެރިން ދެއްކި ހިއްވަރު ފާހަގަކޮށްލެވޭ. އެމެޗްގައި ކުޅުންތެރިން ދެއްކި ކުޅުމުގެ ސަބަބުން ޔޫވީ ބަލިކުރެވޭނެކަމަށް ވަރަށް ބޮޑު އުއްމީދެއް އެބައޮތް" އިންމަ ބުންޏެވެ
ލީގްގައި ޔޫވީ ތާވަލްގެ ކޮންމެ ހިސާބެއްގައި އޮތްކަމަށް ވީނަމަވެސް ދަ ގްރާންޑޭއިން ނިކުންނާނީ މެޗުން މޮޅުވާންކަމަށްވެސް ދް ގްރާންޑޭގެ ކޯޗް އިސްމާއީލް މަހުފޫޒް ބުންޏެވެ.
ޔުނައިޓަޑް ވިކްޓްރީގެ ކޯޗް އިހުސާން އަބްދުލް ޢަނީ (ސާންތި)ބުނީ ޔޫވީ މެޗްތަކުން ބަލިވަމުން އައިސްފައިވާ ސިލްސިލާއަށް ނިކުމެއް ގެނައުމަށް ކުޅުންތެރިން ބޭނުންވާކަމަށާއި ދަ ގްރާންޑޭ އަތުން 3 ޕޮއިންޓް ހޯދުމަކީ މިހާރު ކުރިމަތީގައި އޮތް އެންމެ މުހިންމު އެއް މަސައްކަތްކަމަށް ސާންތި ބުންޏެވެ. އަދި އެންމެ ފަހުން ޓީސީ އަތުން ބަލިވި މެޗަށްފަހުވެސް ކުޅުންތެރިންގެ ހިއްވަރަށް އެއްވެސް ވަރަކަށް ބަދަލެއް އައިސްފައިނުވާކަމަށާއި އަދިވެސް ކުޅުންތެރިން މެޗްތަކުން މޮޅުވާން ބޭނުންވާކަމަށް ސާންތި ބުންޏެވެ. މިމެޗަށް ނިކުންނައިރު ޔޫވީއަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށާއި ނަމަވެސް ލީގްގައި ކުރިއަށް ދިއުމަށް ދަ ގްރާންޑޭއަށް ފުރުސަތު އޮތުމާއެކު ޕްރެޝަރު ބޮޑީ ޔޫވީއަށް ވުރެއް ބޮޑަށް ދަ ގްރާންޑޭއަށްކަމަށް ޔޫވީގެ ކޯޗް އިހުސާން ބުންޏެވެ.
"މިމެޗުން ބަލިވެގެން ވަކި ޔޫވީއަށް އަންނާނެ ޕްރެޝަތެއް ނެތް. ނަމަވެސް ޓާގެޓެއް އޮތުމާއެކު ހުރިހާ ޕްރެޝަރެއް އޮތީ ދަ ގްރާންޑޭއަށް. މިމެޗުން ބަލިވެގެން އިތުރަށް ބަޔަކު ދައްކާނެ ވާހަކައެއް ނެތް. ކޮންމެ ކޯޗެއް ޔޫވީގައި ހުރިކަމަށް ވީނަމަވެސް މެޗަކުން މޮޅުވުމަށް ކޮންމެ ކޯޗެއްވެސް ބޭނުންވާނެ. މިވަގުތު އަޅުގަނޑުވެސް ބޭނުންވަނީ މެޗްތަކުން މޮޅުވާން. ކުޅުންތެރިންގެވެސް އަޒުމަކީ މިއީ. ކޮންމެ ގޮތެއް ވިއަސް މެޗަށް ނިކުންނާނީ މެޗުން މޮޅުވެގެން ތިން ޕޮއިންޓް ހޯދަން." އިހުސާން ބުންޏެވެ.
މިމެޗަށް ނިކުންނައިރު ޔޫވީއަށް މިހާތަނަށް ލީގުގައި މޮޅެއް ހޯދިފައެއް ނުވެއެވެ. އެޓީމް 11 މެޗް ކުޅެފައިވާއިރު އަށް މެޗުން ބަލިވެ 3 މެޗުންވަނީ އެއްވަރުވެފައެވެ. ތާވަލްގެ އެންމެ ފުލުގައި ޔޫވީ އޮތީ ތިން ޕޮއިންޓްއާއެކުއެވެ.