ލީގުގައި ކުލަބް އީގަލްސްއިން ރަގަނޅު ނަތީޖާތަކެއް ނެރެމުން ނުދިޔަނަމަވެސް، ތިންޕޫ ސީޓީން އޭއެފްސީ ކަޕްގެ ކޮލިފައިންގެ މެޗަށް ނިކުންނާނީ އީގަލްސްއަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެންކަމަށް ތިންޕޫ ސިޓީގެ ކޯޗު ނަވަން ދެންޑަޕް ބުނެފިއެވެ.
އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ކުލަބް އީގަލްސް އާއި ބޫޓާންގެ ޗެންޕިއަން ތިންޕޫ ސިޓީ ވާދަކުރާ މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން އެޓީމުގެ ކޯޗު ނަވަން ދެންޑަޕް ބުނީ ކުލަބް އީގަލްސްގެ މާބޮޑު މަޢުލުމާތެއް މިމެޗާއި ކުރިމަތިލާއިރު ނެތްކަމަށެވެ. ހަމައެކަނި އެގެނީ މިއަހަރުގެ ލީގްގައި އެޓީމުން މާރަގަނޅު ކުޅުމެއް ދައްކަމުން ނުދާކަމަށެވެ. ނަމަވެސް މިމެޗުން މޮޅުވެގެން ނޫންގޮތަކަށް އިތުރު މެޗެއް ކުޅުމުގެ ފުރުސަތު ނެތުމާއެކު މިމެޗަށް ތިންޕޫ ސިޓީން ނިކުންނާނީ ވަރަށް ރަގަނޅަށް ތައްޔާރުވެގެންކަމަށާއި ހަމައެގޮތަށް ކުލަބް އީގަލްސްއިންވެސް މެޗް ފަސޭހަކޮށް ނުލާނެކަމަށް ތިންޕޫ ސިޓީގެ ކޯޗް ނަވަން ދެންޑަޕް ބުނެފިއެވެ.
ތިންޕޫ ސިޓީއިންވަނީ 2017ވަނަ އަހަރު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ކުލަބް ވެލެންސިޔާއާއި ވާދަކޮށްފައެވެ. ކުލަބް އީގަލްސްއާއި ވާދަކުރާ މެޗަކީ އެޓީމް ރާއްޖޭގެ ޓީމަކާއި ދެކޮޅަށް ކުޅޭ ދެވަނަ މެޗްކަން ފާހަގަކޮށްލެވެއެވެ. ތިންޕޫ ސިޓީގެ ކޯޗް ނަވަން ދެންޑަޕް ބުނީ 2017 އާއި މިހާރު ހާލަތު ވަރަށް ބޯޑަށް ބަދަލްތަކެއް އައިސްފައިވާކަމަށާއި ތިންފޫ ސިޓީގެ ޓީމްވެސް މިހާރު ވަރަށް ވަރުގަދަވާނެކަމަށެވެ.
"ތިމްޕޫ ސިޓީ މީގެ ކުރިންވަނީ މިދަނޑުގައި ވެލެންސިއާއާ ދެކޮޅަށް ކުޅެފަ. އޭރުގެ ޓީމު ވަރަށް ތަފާތުވާނެ، އޜރު ހުރީވެސް އެހެން ކޯޗެއް. ކުޅުންތެރިންނަށްވެސް މިވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފަ. މުޅި ޓީމު ކަހަލަ ގޮތަކަށް މިހާރުވަނީ ބަދަލުވެފަ. މި ޓީމާއި ހަވާލްވެ އެއް އަހަރަށް ވުރެއް ގިނަ ދުވަސްވީ އިރު، ޓީމްވަނީ ވަރަށް ބޮޑުތަން ރަގަނޅުކޮށްފަ. ޓީމް ވަރަށް ވަރުގަދަވާނެ. މިއީ މުޅިން ތަފާތު ޓީމް. މިމެޗް މާލޭގައި ކުޅެން ޖެހުމުން އީގަލްސްއަށް ފައިދާތަކެއް ކުރާނެކަމަށް ގަބޫލް ކުރެވޭ. ނަމަވެސް މެންޓަލީ ތިންޕޫ ސިޓީގެ ކުޅުންތެރިން ވަރުގަދަ ވެއްޖެއްޔާ އީގަލްސްގެ މައްޗަށް ކުރި ހޯދޭނެ." ތިންޕޫ ސިޓީގެ ކޯޗް ނަވަން ދެންޑަޕް ބުންޏެވެ.
ތިންޕޫ ސިޓީ މިމެޗަށް އައިސްފައިވަނީ އިންޑިޔާގައި ފަތިތަކުރުންތަކެއް ކުރިއަށް ގެންދިއުމަށްފަހުއެވެ. އީގަލްސް އާއި ތިމްޕޫ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު، މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަލޮޅު ބޯޅަ ދަނޑުގައިއެވެ.