ރާއްޖޭގެ ވޮލީ ބޯޅަ ކުރިއެރުވުމަށް މިދައުރުގައި ތިން ކަމަކަށް އިސްކަން ދިނުމަށް ހަމަޖެހިފައިވާކަމަށް ވީއޭއެމްގެ ރައީސްގެ މަގާމްއަށް އިންތިޚާބް ވެވަޑައިގެންނެވި މުހައްމަދު ރަނޭޝް ވިދާޅުވެއްޖެއެވެ. މިމަހުގެ އެއްވަނަ ދުވަހު ބޭއްވުނު ވީއޭއެމްގެ އިންތިހާބް ރަނޭޝް ކާމިޔާބުކޮށްފައިވަނީ 6 ކުލަބްގެ ތާއީދާއެކުގައެވެ.
ވީއޭއެމްގެ ރައީސެއް ނެތި ދެ އަހަރާއި ކައިރިވާން އުޅެނިކޮށް، އެފްއައިވީބީ އާއި އޭވީސީ އަދި ރާއްޖޭގެ އޮލިންޕިކް ކޮމެޓީ ގުޅިގެންވަނީ ވީއޭއެމްއަށް ދިމާވެވެފައިވާ މައްސަލަ ހައްލުކޮށްފައެވެ. ވީއޭއެމްގެ ރައީސްކަމަށް ހޮވުމަށްފަހު މުހައްމަދު ރަނޭޝް ވިދާޅުވީ ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށާއި މިދިޔަ އަހަރު ކޯވިޑްގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި އެސޯސިއޭޝަންގެ މަސައްކަތް ކުރިއަށް ގެންދެވިފައިނުވާކަމަށް ވެސް ރަނޭޝް ވިދާޅުވިއެވެ. ވީއޭއެމްގެ މައްސަލަތަށް ހައްލުކުރުމާއި ގައުމީ އަންހެން އަދި ފިރިހެން ވޮލީ ބޯޅަ ޓީމްގެ ފެންވަރު ރަގަނޅު ކުރުމުގެ އިތުރުން އަތޮޅު ތެރޭގައި ވޮލީ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ރަނޭޝް ވިދާޅުވިއެވެ. ވީއޭއެމްގެ ހިންގުން ހަރުދަނާ ކުރުމަށް މިދައުރުގައި ކޮންމެ ކަމެއްވެސް ކުރުމަށް ހަމަޖެހިފައިވަނީ ކުލަބްތަކާއި އެކު މަޝްވަރާ ކުރުމަށްފަހު، ކުލަބްތަކުގެ ހިޔާލާއި އެއްގޮތަށްކަމަށް ރަނޭޝް ވިދާޅުވި އަދި ގައުމީ ވޮލީ ޓީމުތަކަކީ މެޑަލް ހޯދާފައިވާ ޓީމްތަކެއްކަމަށާއި އެހެންކަމުން އިތުރު މެޑަލް ހޯދާ މެޑަލް ދިފާޢު ކުރުމަކީވެސް މިހާރު ކުރަންޖެހިފައިވާކަމެއްކަމަށެވެ. މިކަން ކުރުމަށް ބައިނަލަގްވާމީ ކޯޗުންނާއި ޓެކްނިކަލް މީހުންގެ އެހީތެރިކަން ހޯދުމަށްވެސް ހަމަޖެހިފައިވާކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވިއެވެ.
މުހައްމަދު ރަނޭޝްވަނީ 2016ވަނަ އަހަރުވެސް ވީއޭއެމްގައި މަސައްކަތްކޮށްފައެވެ. އެންމެ ފުރަތަމަ ހަޒާންދާރުގެ މަގާމް ފުރުވުމަށްފަހު، ރަނޭޝްވަނީ ސީނިއަރ ނައިބް ރައީސްގެ މަގާމްވެސް ފުރާފައެވެ. އަދި 2018ވަނަ އަހަރު ރަނޭޝްވަނީ ހިޔާލު ތަފާތުވުންތަކާއެކު މަގާމްއިން އިސްތިޢުފާދީފައެވެ.