ކެނެޑާ ސަރުކާރުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ މެދުވެރިކޮށް ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް 1 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ކެނެޑާ ސަރުކާރުން ވެދިން މި އެހީއަކީ ދިވެހިރާއްޖެއިން ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ދިން އެހީއެކެވެ. މިއީ ކެނެޑާ ޑޮލަރުން ބަލާނަމަ 1.35 ކެނޭޑިއަން ޑޮލަރުގެ އެހީއެކެވެ. މި އެޙީދީފައިވަނީ ކެނެޑާ ސަރުކާރާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ ގުޅިގެން ދިވެހިރާއްޖޭގައި "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް"ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢު އިފްތިތާޙް ކުރެއްވުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ވަރޗުއަލް ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، އަޙްމަދު ނަސީމު ދެއްކެވި ވާހަކަފުޅުގައި ކެނެޑާ ސަރުކާރާއި ޑަބްލިޔުއެޗްއޯ ގުޅިގެން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާ ދެ ފަރާތަށް ޝުކުރު އަދާކުރެއްވިއެވެ. މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން އަތޮޅު ތެރޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' މަރުހަލާތައް ހަރުދަނާކުރުމަށް 40 (ސާޅީސް) އޮޓޯކްލޭވް ހޯދުމަށް ހަމަޖެހިފައިވާކަމަށާ، މިހާތަނަށް މިޚިދުމަތް ޤާއިމު ކުރެވިފައިވާ އަތޮޅުތަކުގެ އިތުރުން، 10 އަތޮޅެއްގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' ގެ ޚިދުމަތް ޤާއިމު ކުރެވިގެންދާނެކަމަށެވެ.
ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި ރަނގަޅުގޮތުގައި ނައްތާލުމަކީ ކޯވިޑް-19 ފަދަ ގައިންގަޔަށް އަރާބަލިތަކުންނާއި، އެހެނިހެން ޖަރާސީމްތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެކެވެ. މިޚިދުމަތް ޤާއިމު ކުރުމުގެ ސަބަބުން ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެއެވެ. އަދި ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި އަންދާލުން ނިމުމަކަށް ގެނެވި، މިކަމުގެ ސަބަބުން ތިމާވެށްޓަށް ކުރާ ގެއްލުންތައް ވެސް ކުޑަވެގެންދާނެއެވެ.
މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯގެ އޮފީހުގައެވެ. މި ވަރޗުއަލް ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭފުޅުންނާއި، ސްރީލަންކާގައި ހުންނަ ކެނެޑާގެ ހައިކޮމިޝަނަރގެ އިތުރުން ޑަބްލިޔުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ އެކްޓިންގ ރެޕްރެޒެންޓެޓިވް ބައިވެރިވެވަޑައިގެންނެވިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެހީތެރިކަމާއިއެކު ދިވެހިރާއްޖޭގައި ނޭޝަނަލް ހެލްތު ކެއަރ ވޭސްޓް މެނޭޖްމަންޓް ޕޮލިސީ އާއި ސްޓްރެޓެޖީ ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ. އަދި ހެލްތު ކެއަރ ވޭސްޓް ނައްތާލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ލ.އަތޮޅުގައި ވަނީ ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށްގެންގޮސްފައެވެ.