ޚަބަރު

ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ އޮފިޝަލުންގެ މައްސަލަ ހައްލުވެއްޖެ: އީސީ


އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމުގައި އިދާރީ ގޮތުން ލިބެންޖެހޭ ހުއްދަތައް ލިބި މައްސަލަ ހައްލު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެންމެފަހުގެ ތަފްސީލްތަކާއި ގުޅޭ މައުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގެ ތައްޔާރީތައް ވަރަށްބާރަށް ކުރިއަށްދާ ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އިންޑިޔާ އާއި ސްރީ ލަންކާގައެވެ. ލަންކާގައި 4 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އިންޑިޔާގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެއްފޮޓެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުން ކައިރިވަމުންދާއިރު ބޭރުގެ ދެ ޤައުމުގައި ބަހައްޓާ ފޮށިތަކަށް އޮފިޝަލުން ކަނޑައެޅުމުގައި ކަމާއިބެހޭ ފަރާތްތަކުގެ ހުއްދަ ނުލިބޭތީ އެކަމުގެ ކަންބޮޑުވުން އިލެކްޝަނުންވަނީ ފާޅުކޮށްފައެވެ. ޝަރީފް ވިދާޅުވީ އިންޑިޔާ އާއި ލަންކާގައި ބަހައްޓާ ވޯޓުފޮށިތަކުގައި އޮފިޝަލުން ބޭތިއްބުމަށް ބޭނުންވާ ހުއްދަތައް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން މިހާރު ދެއްވާފައިވާކަމަށެވެ.

ރާއްޖެއިން ބޭރުގައި ދިވެހިން ގިނައިން އުޅެމުންދާ ޤައުމުތަކުގެ ތެރެއިން މެލޭޝިއާ އާއި އިނގިރޭސި ވިލާތުގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވާފައިވެއެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އެޤައުމުތަކުގެ ސަރުކާރުތަކުން އެހުއްދަ ނުދިނުމާއި ގުޅިގެން އެޤައުމުތަކުގައި ވޯޓުފޮށި ނުބެއްހެއްޓޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.