ދުނިޔެ

އިންޑިއާގެ ވެކްސިން ހޯދުމަށް ވިލާތުން އެދިއްޖެ


ވިލާތުގެ ޤައުމުތަކުގައި ހުރި އެސްޓްރަޒެނެކާގެ ކާރުޚާނާތަކުން ވެކްސިން އުފައްދާ މިންވަރު ލަސްވުމާ ގުޅިގެން އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓު މެދުވެރިކޮށް ވެކްސިން ފޯރުކޮށްދިނުމަށް އެ އިއްތިޙާދުން އެދެފިއެވެ.

މީގެ ދެ ހަފުތާ ކުރިން އިންޑިޔާގައި ތައްޔާރުކުރާ އެސްޓްރަޒެނެކާގެ ވެކްސިންގެ 10 މިލިއަން ޑޯޒު ހޯދުމަށް ވިލާތުގެ އިއްތިޙާދުން އެދެފައިވާކަމަށް އިންޑިޔާގެ ސަރުކާރުން ބުނެއެވެ. ނަމަވެސް އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވެ އެ ޤައުމުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކްސިން ކަށަވަރުކުރުމަށް އެ ޤައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ވިލާތުގެ އިއްތިޙާދުގެ ހުށަހެޅުމަށް އިންޑިޔާއިން އަވަސް ގޮތަކަށް އެއްބާރުލުން ދޭނެކަމަކަށް ނުބެލެވެއެވެ. އިންޑިޔާއިންވަނީ ޤައުމުން ބޭރަށް ވެކްސިން ފޯރުކޮށްދިނުން ވަގުތީގޮތުން މެދުކަނޑާލައިފައެވެ.

ވިލާތުގެ އިއްތިޙާތުގެ އިތުރުން އިނގިރޭސިވިލާތުންވެސްވަނީ އަންނަނީ އެ ޤައުމުން އޯޑަރު ކޮށްފައިވާ ވެކްސިންގެ 10 މިލިއަން ޑޯޒްގެ ތެރެއިން ބާކީ ހުރި 5 މިލިއަން ޑޯޒު ފޮނުވުމަށް އިންޑިޔާއަށް ބާރު އަޅަމުންނެވެ.

އެސްޓްރާޒެނެކާއިން ދޫކޮށްފައިވާ ޚާއްޞަ ޙުއްދައެއްގެ ދަށުން އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުގައި ތައްޔާރުކުރާ ކޯވިޑް-19 ވެކްސިނަކީ ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކަށް ޚާއްޞަކުރާނެ ވެކްސިންތަކެއްކަމަށް މީގެ ކުރިން އޮތީ ނިންމައިފައެވެ. އިންޑިޔާއިންވަނީ 83 ޤައުމަކަށް ވެކްސިންގެ 64 މިލިއަން ޑޯޒު ފޮނުވާފައެވެ. އަދި އެ ޤައުމުގައިވެސް ހަމަ އެ ޢަދަދަށްވަނީ ވެކްސިން ދީފައެވެ.