ކުޅިވަރު

އިންތިޚާބުގައި އަމަލު ކުރާނީ 2015ވަނަ އަހަރުގެ ގަވާއިދަށް: ވީއޭއެމް


އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބާއްވާ ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުގައި އަމަލް ކުރާނީ 2015ވަނަ އަހަރުގެ އަސާސީ ގަވާއިދަށްކަމަށް ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއިން ނިންމައިފިއެވެ.

ވީއޭއެމްގެ އިންތިޙާބްގައި އަމަލްކުރާނީ 2015ވަނަ އަހަރުގެ އަސާސީ ގަވާއިދުއަށްކަމަށް ފާސްކޮށްފައިވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މިއިންތިހާބްގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ 9 ކުލަބްގެ ތެރެއިން 6 ކުލަބްގެ ވޯޓްއާއެކުއެވެ. 2015ވަނަ އަހަރުގެ އަސާސީ ގަވާއިދު ބުނާ ގޮތުން ވޯޓުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ރައީސް، ނައިބް ރައީސް، ހަޒާންދާރުގެ އިތުރުން ކޮމިޝަންތަކުގެ ތެރެއިން ޓެކްނިކަލް އެންޑް ޑިވެލޮޕްމެންޓް ކޮމިޝަނާއި ރޫލްސް ކޮމިޝަންގައި 5 މެންބަރުން ތިބޭއިރު 3 މެންބަރުން ހޮވަންޖެހޭނީ ވޯޓުންނެވެ. ބީޗްވޮލީ ކޮމިޝަންގައި 9 މެންބަރުންތިބޭއިރު 6 މެންބަރުން ހޮވަންޖެހޭނީ ވޯޓުންނެވެ.

ވީއޭއެމްގެ މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށް ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމްވަނީ ނޯމަލައިޒިން ކޮމިޓީއަކާ ވީއޭއެމްގެ ހިންގުން ހަވާލްކޮށްފައެވެ. ފާއިތުވެދިޔަ ދެ އަހަރުވެސް ވީއޭއެމްގެ މައްސަލަތަކަށް ހައްލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިއަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބާއެކު އެސޯސިއޭޝަނަށް ހަމަޖެހުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. އެފްއައިވީބީއިން އެކުލަވާލި އެޑްހޮކް ކޮމެޓީއިންވަނީ މިއަންނަ މަހުގެ އެއްވަނަ ދުވަހު ވީއޭއެމްގެ އިންތިޚާބް ބެއްވުމަށް ނިންމާފައެވެ. އެޑްހޮކް ކޮމެޓީއަކީ ވޮލީގެ މައި އިދާރާ އެފްއައިވީބީ އާއި އޭވީސީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ ގުޅިގެން ވީއޭއެމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެކުލެވާވި ކޮމެޓީއެކެވެ.

ފާއިތުވެގެންދިޔަ އަހަރުތަކުގައި ވީއޭއެމްއަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކުރުމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އާއި މޯލްޑިވްސް އޮލިންޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުގޫޒްވަނީ އެފްއައިވީބީއާއެކު 2019ވަނަ އަހަރު މަޝްވަރާކޮށްފައެވެ. އެމަޝްވަރާއަށްފަހު އެފްއައިވީބީއިން ވީއޭއެމްގެ މައްސަލައަށް ހައްލެއް ގެނައުމަށް އެޑްހޮކް ކޮމެޓީއެއް އެކުލަވާލިއެވެ. މިކޮމެޓީގެ މަސައްކަތްތައްވެސް ލަސްވެގެންދިޔައީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 އާއި ގުޅިގެންނެވެ.