ކުޅިވަރު

ޗެމްޕިއަންސް ލީގު ކާމިޔާބުކުރާނެކަމަށް ބެލެވޭ ޓީމުތަކުގެ ލިސްޓުގެ 3 ވަނައަށް ޗެލްސީ


މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ކާމިޔާބުކުރާނެކަމަށް ބެލެވޭ ޓީމުތަކުގެ ލިސްޓުގެ ތިން ވަނައަށް އިންގްލޭންޑްގެ ޗެލްސީ ޖެހިލައިފިއެވެ. ޗެލްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާނެކަމަށް ބެލެވޭ ފޭވަރިޓުންގެ ލިސްޓުން ޖާގަ ހޯދީ އިއްޔެ ނެގި މުބާރާތުގެ ކުއާޓަރ ފައިނަލާއި ސެމީފައިނަލްގެ ގުރުލުމުގައެވެ.

މި ޑްރޯގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ޗެލްސީ ބެލެވޭއިރު އެޓީމް މުބާރާތުގެ ކުއާޓަރ ފައިނަލްގައި ވާދަލުކުރާނީ ޕޯޗުގަލްގެ އެފް.ސީ ޕޯޓޯއާއެވެ.

ސީޒަންގެ މެދުތެރެއިން ލަމްޕާޑް މަގާމުން ވަކިކުރުމަށްފަހު ޓީމުގެ ކޯޗުގެ މަގާމަށް ޕީ.އެސް.ޖީ މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު ފައިނަލާހަމައަށް ގެންގޮސްދިން ތޯމަސް ޓުކެލް ހަމަޖެއްސިފަހުން ޗެލްސީ މެޗަކުން ބަލިވެފައެއް ނުވެއެވެ. ކުއާޓަރ ފައިނަލްގައި ރަނގަޅު ޑްރޯއެއް ލިބުމުގެ އިތުރުން ޗެލްސީ ފޭވަރިޓުންގެ ލިސްޓުން ޖާގަހޯދީ މުބާރާތުގެ އެންމެ ވަރުގަދަ ތިން ޓީމުގެ ގޮތުގައި ބެލެވުނު ސިޓީ އާއި ބަޔާން އަދި ޕީ.އެސް.ޖީ ޑްރޯގެ އަނެއް ފަޅިއަށް ދިއުމުންނެވެ.

އިޓަލީގެ ގަދަ ބާރު ޔުވެންޓަސް މުބާރާތުގެ ދެވަނަ ބުރުން ކަޓުވާލުމަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރި ޕޯޓޯގެ މައްޗަށް ޗެލްސީއަށް ކުރިހޯދިއްޖެނަމަ އެޓީމު މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާނީ ލިވަޕޫލާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުން ކުރިހޯދާ ޓީމަކާއެވެ.

ޗެލްސީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރީ ސްޕެނިޝް ލީގުގެ އެއްވަނާގައި މިހާރުއޮތް އެތްލެޓިކޯ މެޑްރިޑްގެ މައްޗަށް ހޯމް އަދި އަވޭގައިވެސް ކުރި ހޯދައިގެންނެވެ. މުބާރާތުގެ ތިންވަނަ ފޭވަރިޓުންގެ ގޮތުގައި ޗެލްސީ މިހާރު އޮތްއިރު އަދިވެސް އެންމެ ބޮޑު ފޭވަރިޓުންގެ ގޮތުގައި އޮތީ ޕްރިމިއަރ ލީގުގެ އެއްވަނާގައި އޮތް މެންޗެސްޓަރ ސިޓީއެވެ. އަދި ދެވަނާގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަނުން ބަޔާން މިޔުނިކެވެ.