ކުޅިވަރު

އީގަލްސްއަށް ލެބެނަންއާއި، ރަޝީޔާގެ ކުޅުންތެރިއެއް ގެނެސްފި


ކުލަބް އީގަލްސްއަށް ލެބެނަންގެ ގޯލް ކީޕަރު މުހައްމަދު ތޯހާ އާއި ރަޝިޔާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިން ގެނެފިއެވެ. މިކުޅުންތެރިން ކުލަބް އީގަލްސްއަށް ގެނެސްފައިވަނީ އޭއެފްސީ ޕްލިމިނަރީ ބުރުގައި ބޫޓާންގެ ތިންޕޫ ސީޓީއާއި ވާދަކުރާ މެޗަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުންނެވެ.

ލެބެނަންގެ ގޯލް ކީޕަރު މުހައްމަދު ތޯހާއަކީ އެގައުމުގެ އެކި އުމުރުފުރައިގެ ގައުމީ ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި ތޯހާވަނީ ލެބަނަންގެ ފުރަތަމަ ޑިވިޝަންގެ ތިން ކުލަބަކަށްވެސް ކުޅެފައެވެ. ރަޝިޔާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިންއަކީ ޔޫރަފްގެ ތިން ގައުމެއްގައި ކުޅެފައިވާ ފޯވާޑެކެވެ. މީގެ އިތުރުންވެސް ކުލަބް އީގަލްސްއިންވަނީ ގްރީން ސްޓްރީޓްސްއަށް ކުޅެމުންދިޔަ މިސްރުގެ ޑިފެންޑަރު އަލް ސައީދު ކުލަބަށް ގެނެސްފައެވެ. އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އީގަލްސްއިންވަނީ މިސްރުގެ އޮސާމާ ފިޔަވައި ދެންތިބި ބިދޭސީ ކުޅުންތެރިން ބަދަލްކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު ބަންދުވި ޓްރާންސްފަރގެ ކުރިން އީގަލްސްއިންވަނީ ތަޖްރިބާކާރު މިޑްފީލްޑަރު އައްސަދު ޢަލީ އާއި މުޙައްމަދު ފާސިރު އަދި މުހައްމަދު ރިފާޢު ހަސަން އެޓީމަށް ގެނެސްފައެވެ. އޭއެފްސީ ކަޕްގައި މުޅިން އަލަށް ވާދަކުރާ ކުލަބް އީގަލްސް އާއި ބޫޓާންގެ ޗެންޕިއަން ތިމްޕޫ ސިޓީ ވާދަކުރާ މެޗް މިއަންނަ މަހުގެ ހަތްވަނަ ދވަހު ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. ތިންޕޫ ސީޓީއާ ވާދަކުރާ މެޗުން ކުލަބް އީގަލްސް މޮޅުވެއްޖެނަމަ، އެޓީމް ޕްރިލިމިނަރީ ދެވަނަ ބުރުގައި ވާދަކުރާނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި މިމެޗުން ކުލަބް އީގަލްސް ކުރި ހޯދައިފިނަމަ، ޕްލޭއޯފް ބުރުގައި އީގަލްސް ވާދަކުރާނެކަމަށް އެންމެ ބޮޑަށް ލާފާކުރެވެނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާއެވެ.

ރާއްޖޭގެ އެންމެ ފަހުގެ ލީގް ޗެންޕިއަނުންގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންވަނީ ގުރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުކޮށްފައެވެ. މިގުރޫޕްގައި ދެން ހިމެނެނީ އިންޑިޔާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސްއެވެ. ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 14 އިން 20 އަށެވެ.