ސިޔާސީ

ޓެރަރިޒަމްއަށް "ޒީރޯ ޓޮލަރެންސް"، ޤާނޫނީވެރިކަން ވައްޓާނުލެވޭނެ


ރާއްޖޭގެ ޤާނޫނީ
ވެރިކަން ވައްޓާލުމަށް އެއްވެސް ފުރުޞަތެއް ނުދެވޭނެ ކަމަށާއި، ޓޭރަރިޒަމް އަށް
ދޭނީ " ޒީރޯ ޓޮލަރެންސް " ކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.



ނަސްރުގެ ދުވަސް
ފާހަގަކުރުމަށް އެމްއެންޑީއެފް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު
ދައްކަވަމުން އާ ޑިފެންސް މިނިސްޓަރ ވިދާޅުވީ، މީގެ ހަތާވީސް އަހަރުކުރިން ކުރިމަތިވި
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ދިވެހި ގައުމަށް ލިބިގެންދިޔަ ނަސްރުގެ
ހަނދާންތައް އާކުރެވެމުންދާއިރު ތާރީޚް އަލުން އިއާދަވާ ފަދައިން ޚާއިނުންގެ
ނުބައި ރޭވުންތަކެއް ހާމަވެގެން ހިގައްޖެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ
އަހަވާރަކޮށްލުމަށް ދިން ހަމަލާއަކީ އެފަދަ ޓެރަރިސްޓް އުދުވާނެކަމަށާއި
އެމީހުންގެ ރޭވުންތައް ނާކާމިޔާބުކޮށްލުމުގައި ދިވެހި ފުލުހުންނާއި ސިފައިން
ގުޅިގެން ދެއްކީ ވަރަށް ފުރިހަމަ ނަމޫނާއެއްކަމަށް ވިދާޅުވިއެވެ. 



ޑިފެންސް
މިނިސްޓަރކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާއ
މުޚާތަބު ކުރައްވައި މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ކުއްލި ނުރައްކަލުގެ
ހާލަތު އިއުލާންކުރެއްވި ނަމަވެސް  ރައްޔިތުންގެ
އާއްމު ދިރިއުޅުމަށް އެކަމުން ހުރަހެއް ނޭޅޭނެކަމަށެވެ. 



އެމަނިކުފާނު
އިލްތިމާސް ކުރެއްވީ މިޚުތޫރަތްތެރި ދަނޑިވަޅުގައި ސަރުކާރާއި އަދި ގައުމުގެ
ސަލާމަތީ އިދާރާތަކާއި އަތާއި އަތުގުޅާލައިގެން އަމަންއަމާންކަން ގެނައުމަށް
ހުރިހައި ރައްޔިތުންވެސް މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ. 



މިރަސްމިއްޔާތުގައި
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމްވެސް ވާހަކަފުޅުދެއްކެވިއެވެ. ޖެނެރަލް ޝިޔާމްގެ ވާހަކަފުޅުގައި ސިފައިންގެ ސަފުތައް ބަދަހިކަމާއެކު
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރަންޖެހޭ ކޮންމެ
ކަމެއް ކުރާނެކަމަށް ވިދާޅުވިއެވެ. 



ސިފައިންގެ
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް
ޔުނިވަރސިޓީގެ ލެކްޗަރަރ އާދަމް ނަސީރު ވިދާޅުވީ ދިވެހި ގައުމަށް ދިމާވި ކޮންމެ ނުރައްކާތެރި
ދަނޑިވަޅެއްގައި ސިފައިން ވަނީ ހިއްވަރާއެކު ފަސްޖެހުމެއްނެތި ގައުމުގެ
މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް އެތައް ގުރުބާނީތަކެއް ވެފައިކަމަށެވެ.
ފަޚްރުވެރިވާންޖެހޭފަދަ ނަމޫނާއެއް ދައްކައިދީފައިވާކަމަށްވެސް ވިދާޅުވިއެވެ.