ކުޅިވަރު

ވީއޭއެމްގެ އިންތިޚާބު އަންނަމަހު އެކެއްގައި


ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބް މިއަންނަ މަހުގެ އެއް ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.

ވީއޭއެމްގެ މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށް ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމްވަނީ ނޯމަލައިޒިން ކޮމިޓީއަކާ ވީއޭއެމްގެ ހިންގުން ހަވާލްކޮށްފައެވެ. ފާއިތުވެދިޔަ ދެ އަހަރުވެސް ވީއޭއެމްގެ މައްސަލަތަކަށް ހައްލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިއަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބާއެކު އެސޯސިއޭޝަނަށް ހަމަޖެހުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. އެފްއައިވީބީއިން އެކުލަވާލި އެޑްހޮކް ކޮމެޓީގައި އޮލިމްޕިކް ކޮމެޓީގެ ފާރާތުން ހިމެނި ވަޑައިގެންނެވި މެންބަރު އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވީއޭއެމްގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކަމަށެވެ. އެގޮތުން މިމަހުގެ 24ވަނަ ދުވަހު ވީއޭއެމްގެ އޭޖީއެމް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މުސާ ނާޝިދު ވިދާޅުވިއެވެ.

ވީއޭއެމްގެ ފުރިހަމަ މެންބަރުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މި އޭޖީއެމްގައި ފާއިތުވެގެންދިޔަ ދުވަސްތަކުގައި އެފްއައިވީބީއިން އެކުލަވާލި އެޑްހޮކް ކޮމެޓީއިން ކުރި މަސައްކަތްތައް އެންޑްޓޯޒް ކުރުން އޮންނާނެކަމަށާއި އޭޖީއެމްގައި އަމަލު ކުރާނީ 2015ވަނަ އަހަރު ނުވަތަ 2017ވަނަ އަހަރު އެކުލަވާލާފައިވާ ހިންގާ ގަވާއިދުތޯ ބެލުންވެސް އޭޖީއެމްގައި ކުރިއަށްދާނެކަމަށް މޫސާ ނާޝިދު ވިދާޅުވިއެވެ.
މިމަހުގެ 24ވަނަ ދުވަހު އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އޭޖީއެމްގައި ބައިވެރިވާނީ ވީއޭއެމްގެ ފުރިހަމަ މެންބަރުންގެ ގޮތުގައި މިވަގުތު ތިބި 9 ކުލަބެކެވެ. އަދި 24ވަނަ ދުވަހު ބާއްވާ އޭޖީއެމްގައި އިންތިހާބްވެސް އިއުލާނު ކުރެވޭނެކަމަށާއި އިންތިހާބް އޮންނާނީ މިއަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

ފާއިތުވެގެންދިޔަ އަހަރުތަކުގައި ވީއޭއެމްއަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކުރުމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އާއި މޯލްޑިވްސް އޮލިންޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުގޫޒްވަނީ އެފްއައިވީބީއާއެކު 2019ވަނަ އަހަރު މަޝްވަރާކޮށްފައެވެ. އެމަޝްވަރާއަށްފަހު އެފްއައިވީބީއިން ވީއޭއެމްގެ މައްސަލައަށް ހައްލެއް ގެނައުމަށް އެޑްހޮކް ކޮމެޓީއެއް އެކުލަވާލިއެވެ. މިކޮމެޓީގެ މަސައްކަތްތަށްވެސް ލަސްވެގެންދިޔައީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 އާއި ގުޅިގެންނެވެ.