ޓުއަރިޒަމް

2016ގައި ދެކުނާއި އުތުރަށް ޓޫރިޒަމް ފުޅާކުރަނީ


2016ވަނަ އަހަރު ރާއްޖޭގެ އުތުރަށާއި ދެކުނަށް ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިހާރު ބޮޑަށް ކުރިއަރައިގެން ގޮސްފައިވަނީ ރާއްޖޭގެ މެދުތެރެއަށް ކަމަށާއި ރާއްޖޭގެ ދެކުނާއި އުތުރަށްވެސް ފަތުރުވެރިކަމުގެ ފައިދާ ލިބޭނެހެން މިދާއިރާ އިތުރަށް ފުޅާކުރުމަށް އަންނަ އަހަރު ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ސަރުކާރުގެ މައި ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.''ރައީސް ވަރަށް ބޮަޑަށް އެބަ ބާރުއަޅުއްވާ މިހާރު ހުރިކަންތައްތައް ޓައިމްފްރޭމް ތެރޭގައި ނިންމުމަށް. އެގޮތުން ބަރެސްދޫގެ ޕްރޮޖެކްޓް އަޅުގަނޑު ފާހަގަކޮށްލަން. އެވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނެ ޕްރޮޖެކްޓެއް މިހާރު މިއޮތް ހިސާބުން ފެށިގެން." މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ފަތުުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ޑެސްޓިނޭޝަން މާކެޓިންއަށް އިތުރަށް ފޯކަސް ކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ޕްރޮމޯޝަން އިވެންޓެއްގެ ގޮތުގައި ކުރިއަށްދާނީ ބަރލިން ފެއަރއެވެ. މިފެއަރ ރާއްޖެއިން މިހާރުވަނީ ކޯ ސްޕޮންސަރ ކޮށްފައެވެ. ވިޒިޓް މޯލްޑިވްސް ޔިއަރގެ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ފަތުުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.