ކޯވިޑުން ދިފާއުވުމަށް ވެކްސިން ނުޖެހުނީތީ ހިތާމަކުރައްވާކަމަށް ވިދާޅުވެ، އެ ބަލީގެ ވޭނާއި ބިރުވެރިކަން، ކޯވިޑް ބަލި މިހާރު ތަހައްމަލުކުރައްވަމުން ގެންދަވާ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ ޢާޒިމް ހިއްސާކުރައްވައިފިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމަށް ކޯވިޑް ޖެހިވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭގެ ފަހުން ޢާޒިމް ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެންފައެވެ.
ޢާޒިމް މިއަދު ވަނީ ކޯވިޑް ބަލި ޖެހިވަޑައިގަތުމުން އުފުލަންޖެހޭ ވޭނާއި ހިތްދަތިކަން ޓްވިޓާއަށް ދޫކޮށްލި ވީޑިއޯއެއްގައި ހިއްސާކުރައްވާފައެވެ.
އާޒިމް ވިދާޅުވީ، ކޯވިޑް ވެކްސިން ނުޖެހުމުގެ ދެރަވެ ހިތާމަކުރައްވާކަމަށާއި، އެ ބަލީގެ އުނދަގޫތަކެއް މިހާރު ތަހައްމަލު ކުރައްވަމުން ގެންދަވާކަމަށެވެ. އެއީ ވަރަށް ހިތްދަތި ކަމެއްކަން ސިފަކުރައްވަމުން ޢާޒިމް ވަނީ އެ ބަލީގެ ހިތްދަތިކަން ތަހައްމަލް ކުރަން ބޭނުން ނުވާނަމަ އަވަހަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ. ކޯވިޑް ރޯގާގެ ސަބަބުން ގަދަހުމާއި ރޯގާގެ ބިރުވެރި އެހެނިހެން އަލާމާތްތައް ފާއިތުވި 4 ވަރަކަށް ދުވަހު ތަހައްމަލް ކުރަން ޖެހުނުކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އާދޭހަކީ އަޅުގަނޑުގެ އެދުމަކީ ތި ހުރިހާ ބޭފުޅުންވެސް އަވަހަށް ވަޑައިގެން ކޮވިޑް ވެކްސިން ޖެއްސެވުން. އިހައްނުވި ރައްކަލެއް ފަހަކުން ނުވެވޭނޭ، ރައްކާވެ ތިބިއްޔާ ދަތުރު."
އާޒިމް ވަނީ ކޯވިޑުން، ރައްޔިތުން ރައްކާތެރިކުރުމަށް ސިއްޙީ ޚިދުމަތްތެރިން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
You constant prayers and well wishes strengthens my resolve to fight COVID illness. Thank you all ?
— ??? ???? (@aliaazim) March 13, 2021
It’s your shot. Get vaccinated#covid19 #GetVaccinated pic.twitter.com/3lZsr5a37H
އާޒިމަކީ މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ މެންބަރެވެ. ނަމަވެސް ބައެއް މެންބަރުން ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި ގާތުން ބައްދަލުވުމުގެ ސަބަބުން މީގެ ކުރިން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކޮށްފައިވެއެވެ.
ކޯވިޑް ދިފާޢު ވެކްސިން ޖެހުމަށް އާޒިމް އިލްތިމާސްކުރައްވާފައިވާއިރު، ވެކްސިނާއެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު ރާއްޖޭގައި އަންނަނީ ދަށްވަމުންނެވެ. ޑޮކްޓަރުން ވަނީ ވެކްސިން ޖެހުމުން ކޯވިޑް ޖެހުނުނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓްކުރަންޖެހުމާއި، އެ ބަލީގެ ސަބަބުން ދިމާވާ އެހެން ނުރައްކާތެރި ކަންކަމުން ދިފާޢުވާކަމަށް ވިދާޅުވެފައެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފިނަމަ ކޯވިޑް ޖެހުން ވަރަށް ބޮޑަށް ދުރުކޮށްދޭކަމަށް ޑޮކްޓަރުން ހާމަކުރައްވައެވެ.
ރާއްޖޭގައި މިއަހަރު ފެށުނުފަހުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކޯވިޑް ބަލި މީހުންގެ ގޮތުގައި މިވަގުތުވެސް ފަރުވާދެމުން އަންނަނީ 2500 އަށްވުރެ ގިނަ ބަލި މީހުން އެބަތިއްބެވެ.