ކުޅިވަރު

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި އީގަލްސް ކުޅޭ މެޗް މާލޭގައި


އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ކުލަބް އީގްލަސް އާއި ބޫޓާންގެ ޗެންޕިއަން ތިމްޕޫ ސިޓީ ވާދަކުރާ މެޗް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ރާއްޖެއިންވަނީ ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް ޑީގެ މެޗްތައް ހޯސްޓްކުރުމަށް ކުރި ބިޑް އިންޑިޔާ އާއި ވާދަކޮށް ކާމިޔާބުކޮށްފައެވެ. ގުރޫޕް ޑީގެ މެޗްތައް ކުޅުމަށް ތާވަލްކޮށްފައިވަނީ މޭ މަހުގެ 14 އިން 20ވަނަ ދުވަހަށެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ކުލަބް އީގަލްސް އާއި ބޫޓާންގެ ޗެންޕިއަން ތިމްޕޫ ސިޓީ ވާދަކުރާ މެޗް ރާއްޖޭގައި ކުޅުމުގެ ފުރުސަތު ލިބިފައިވާކަމަށާއި އަދި މިމެޗުން ކުލަބް އީގަލްސް މޮޅުވެއްޖެނަމަ ދެން އީގަލްސް ކުޅެންޖެހޭ މެޗް ކުޅޭނެ ދަނޑެއް ފަހުން ކަޑައަޅާނެކަމަށް ޖަވާޒް ވިދާޅުވި. މިމެޗް މާލޭގައި ހުޅުމަށް އެޗްޕީއޭއާއެކު މަޝްވަރާ ކުރުމަށްވެސް ހަމަޖެހިފައިވާކަމަށާއި އެފަރާތުން އެކުލަވާލާ ގައިޑްލައިންއެއްގެ ދަށުން މެޗް ކުޅެވޭނެކަމަށްވެސް ޖަވާޒް ވިދާޅުވި. އަދި މިހާރު މާލޭގެ ހާލަތު އޮތް ގޮތުން މިމެޗަށް ދަނޑަށް މީހުން ވެއްދޭނެތޯ އަދި ބުނަން އަވަސްކަމަށްވެސް ޖަވާޒް ވިދާޅުވި.

ކުލަބް އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ވާދަކުއިރު، އޭއެފްސީއިން އެއް ލެގް ކުޅޭގޮތަށް ހަމަޖައްސާފައިވަނީ ކޯވިޑް19ގެ ސަބަބުން ގައުމްތަކަށް ދަތުރުކުރުމަކީ ރާއްކާތެރިކަމަކަށް ނުވާތީއެވެ. ކުލަބް އީގަލްސް އާއި ތިންބޫ ސިޓީ ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ. އެއް ލެގް ކުޅޭ މިމެޗުން ކުލަބް އީގަލްސް މޮޅުވެއްޖެނަމަ، އެޓީމް ޕްރިލިމިނަރީ ދެވަނަ ބުރުގައި ދެން ވާދަކުރާނީ ބަންގްލަދޭޝްގެ ޑާކާ އަބްހާނީއާ ދެކޮޅަށެވެ. އަދި މިމެޗުން ކުލަބް އީގަލްސް ކުރި ހޯދައިފިނަމަ، ޕްލޭއޯފް ބުރުގައި އީގަލްސް ވާދަކުރާނެކަމަށް އެންމެ ބޮޑަށް ލާފާކުރެވެނީ އިންޑިޔާގެ ގަދަބާރު ބެންގަލޫރު އެފްސީއާއިއެވެ. ބެންގަލޫރަށް ޕްލޭއޯފްގެ ޖާގައެއް ކަށަވަރުވަނީ ޕްލިމިނަރީ ފުރަތަމަ ބުރުގައި ސްރީލަންކާގެ ޕޮލިސް ކުލަބާއި ނޭޕާލްގެ އާމީ ޓީމް ވާދަކޮށް މޮޅުވާ ޓީމަކާއި ބެންގަލޫރު ވާދަކޮށް ޕްލިމިނަރީ ބުރުގައި ކުރި ހޯދައިގެންނެވެ. ރާއްޖޭގެ ކުލަބް ވެލެންސިޔާއިން 2017ވަނަ އަހަރުވަނީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ތިންޕޫ ސީޓީ ބަލިކޮށްފައެވެ. މާލޭގައި ކުޅުނު މެޗުން ވެލެންސިޔާ 3 ލަނޑު 0 ލަނޑުން މޮޅުވިއިރު، ބުޓާންގައި ކުޅުނު މެޗް އެއްވަރުވެފައިވަނީ ސުމެއް ސުމަކުންނެވެ.