ދިވެހި ސިނާމާތައް ބަދަލުކޮށްފި ކާމިޔާބު ދިވެހި ފިލްމު ދެރިޔާގެ ދެވަނަ ބައެއް ނެރުމުގެ މަސައްކަތް ފަށައިފިއެވެ. އަބްދުލް މުހައިމިން ޕްރޮޑިސްކޮށް ކާމިޔާބު ޑައިރެކްޓަރ މުހައްމަދު ނިޔާޒް( ޓެޑްރީ ) ޑައިރެކްޓް ކުރި ދެރިޔާ ސިނާމަތަކަށް ނުކުތީ 1994 ވަނަ އަހަރުއެވެ. އެ ފިލްމާއި އެކު ދިވެހި ފިލްމީ މަސްރަހު މުޅިން ބަދަލުކޮށްލިއެވެ. އަދި އެ ފިލްމާއި އެކު އޭރު ދިވެހި ފިލްމްތައް ހަދަމުންދިޔަ ސްޓައިލާއި ވައްޓަފާޅިއަށް ބަދަލުތައް ގެންނަ ޕްރޮޑިއުސަރުން މަޖްބޫރުވިއެވެ.
ޕީއެސްއެމްގެ ދިވެހި އެފްއެމުން ގެނެސްދޭ "ފެމްލީ އަލްބަމް" ޝޯގައި ވާހަކަދައްކަވަމުން ފިލްމު ދެރިޔާގެ ޕްރޮޑިއުސަރ އަބްދުލް މުހައިމިން ވިދާޅުވީ ދެރިޔާގެ ދެވަނަ ބައެއް ތައްޔާރުކުރުމުގެ ވިސްނުމުގައި މިހާރު ވަނީ އެ މަސައްކަތް ފައްޓަވާފައެވެ. މިގޮތުން ފިލްމުގެ ވާހަކަ ލިޔުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ފިލްމުގައި ހިމެނޭ ދެ ލަވައެއް ރެކޯޑިންވެސް މިހާރު ނިމިފައިވާކަން މުހައިމިން ފާހަގަކުރެއްވިއެވެ.
މުހައިމިން ވިދާޅުވީ ދެރިޔާގެ އައު ފިލްމުގެވެސް މިއުޒިކްގެ މަސައްކަތް ކުރިޔަށް ގެންދަވަނީ މުހައިމިންގެ ދެ ބޭފުޅެއްކަމަށްވާ އަހްމަދު އާމިރާއި އިބްރާހިމް އާމިރެވެ. ކުރީގެ ފިލްމްގެ މިއުޒިކް ޑައިރެކްޓަރގެ ގޮތުގައި މަސައްކަތް ކުރީވެސް އަހްމަދު އާމިރުއެވެ. މުހައިމިން ވިދާޅުވީ ފިލްމަށް ކާސްޓުން ހޯދުމުގައި ބައެއް ދަތިތައް ހުރުމާއި ފިލްމުގެ މަސައްކަތަށް އަދި ފެށިގެން ކުރިޔަށްދާތީ ފިލްމު ނެރެވޭނެ ވަކި ތާރީހެއް އަދި ވިދާޅުވާން ނޭނގޭކަމަށެވެ.
" އަޅުގަނޑު މީގައި ޓެޑްރީއާއިވެސް މަޝްވަރާކޮށްފިން. ޓެޑްރީގެ މަޝްވާރާއާއި އެއްކޮށް ކުރިޔަށް ގެންދަން ބޭނުންވީ. ޓެޑްރީވެސް އެބަހުރި ބައެއް ހިޔާލު ދެއްވާފައި. ދެރިޔާއާއި މި ފިލްމާއި ގުޅުވާލުމުން ހުރިހާ ގޮތަކުން ފައިދާވާނެކަމަށް މި ބަލަނީ. އެކަމަކު ދެރިޔާގެ ޝޮޓަކަށް ޝޮޓެއް ނޫން. ކުރީގެ ވާހަކަޔާއި ގުޅިގެން މި ފިލްމު ކުރިޔަށްދާނީ. އެހެންނަމަވެސް މި ފިލްމުވެސް ފެނިގެންދާނީ ވަރަށް ބޮޑެތި ތަފާތުތަކާއި އެކު." ފިލްމުގެ ވާހަކަތައް ހިއްސާކުރައްވަމުން މުހައިމިން ވިދާޅުވިއެވެ.
ކުރީގެ ފިލްމުގައި މަސައްކަތްކުރި ކާސްޓުންގެ ތެރެއިން ބޭނުންވާ ފަރާތަކަށް އެ ތަރިންނާއި ގުޅޭ ބައިތަކެއް އައު ފިލްމުގައި ދިނުމުގެ ވިސްނުން ގެންގުޅުއްވާކަމަށްވެސް މުހައިމިން ވިދާޅުވިއެވެ. ކުރީގެ ފިލްމުގައި ހިމެނު " ކޭކާއި ދަޅާ " މި ލަވައިގެ ތެރެއިން އެތައް މޫނެއް ފެނިގެންދިޔަކަން ފާހަގަކުރައްވަމުން މުހައިމިން ވިދާޅުވީ އައު ފިލްމުގައިވެސް މިކަހަލަ ލަވައެއް ހިމަނާ ކުރީގެ ތަރިން އެލަވައިން ފެންނަ ގޮތަށް ކުރިޔަށް ގެންދަން ވިސްނަވާކަމަށެވެ.
" އަޅަގަނޑުގެ އެނބުރި އައުމަކަށް ވެދާނެ. އަޅުގަނޑު ދަންނަވާފައި އޮންނާނެ ސިޔާސީ ދައިރާއިންނާއި ފިލްމީ ދައިރާއިން ދެން ނުފެންނާނެކަމަށް. ދެން އެކަމަކު މިހިތަށް އަރަނީ ސިޔާސީ ދާއިރާއިން ނުފެނުނަސް ފިލްމީ ދައިރާއިން ފެނިލަންވެއްޖެޔޭ. އެހެން ހީކޮށް އަޅުގަނޑު މި މަސައްކަތް ކުރަނީ." މުހައިމިން ވިދާޅުވިއެވެ.
ދެރިޔާގެ ދެވަނަ ބައިގެ ފިލްމުގެ ވާހަކަ ލިޔުއްވަނީވެސް މުހައިމިންއެވެ. އަދި ފިލްމުގެ ބައެއް ލަވަތަކުގެ ޅެންތައްވެސް ހަައްދަވާފައިވަނީވެސް މުހައިމިންއެވެ. ފިލްމުގެ މިހާތަނަށް ރެކޯޑްކޮށްފައިވާ ދެ ލަވައިގެ އަޑުގެ ވެރިންނަކީ މުހައިމިންނާއި އަނބިކަނބަލުން ނައީމާ ހުސެއިންއެވެ. މުހައިމިން ވިދާޅުވީ ދެރިޔާގެ ދެވަނަ ބަޔަށް ލިޔާ ވާހަކައާއި ލަވަތައް ފިލްމުގެ ކުރިން ރިލީޒްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
މުހައިމިން ވިދާޅުވީ މި ފިލްމުގައިވެސް ވިސްނުން ގެންގުޅުއްވީ ފުރަތަމަ ފިލްމުގައި މުހިއްމު ރޯލެއް އަދާކުރެއްވި ހަސަން މަނިކު(ކޮއްޔަ) އަށް މުހިއްމު ރޯލެއް ދެއްވުމަށްކަމަށެވެ. އެހެންނަމަވެސް ހަސަން މަނިކު ގެއްލިގެންދިޔަ ދިޔުމަކީ މުޅި ފިލްމީ ދައިރާއަށް ލިބިގެންދިޔަ ބޮޑު ހުސްކަމެއްކަމަށް މުހައިމިން ސިފަކުރެއްވިއެވެ.
މުޅިން އައު ތަރިންތަކެއް ހިމަނާގައި މުހައިމިން ޕްރޮޑިއުސްކޮށް ޓެޑްރީ ޑައިރެކްޓްކުރި ދިވެހި ފިލްމު ދެރިޔާ ވެގެންގޮސްފައިވަނީ ދިވެހި ފިލްމީ ތާރީހު ބަދަލުކޮށްލި ފިލްމަކަށެވެ. އޮލިމްޕަހުގެ ސްކްރީނުން ފިލްމި ނެގީ ހައުސްފުލް ކާމިޔާބު 30 ޝޯ ދެއްކުމަށްފަހުއެވެ. އަލީ ޚާލިދާއި ހައްވާ ޒާހިރާ ލީޑްރޯލުން ފެނިގެންދިޔަ މި ފިލްމުގައި ކޮއްޔަ ހަސަން މަނިކާއި މަރިޔަމް ވަހީދާއާއި ހައްވާ ރިޔާޒާއާއި އާރިފާވެސް މުހިއްމު ރޯލަތަކުން ފެނިގެންދިޔައެވެ. އަދި މި ފިލްމުވަނީ އެހަރުގެ ޤައުމީ އެވޯޑްސުން 8 އެވޯޑް ހާސިލުކޮށްފައެވެ. އޭގެތެރޭގައި އެންމެ މޮޅު އަންހެން އެކްޓަރެސް އާއި އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު ފިލްމުގެ އެވޯޑްވެސް ހިމެނެއެވެ.
ދިވެހި މިއުޒިކްގައި 90ގެ އަހަރުތަކުގައި ރަނިކަންކުރި ފަޒީލާ އާމިރުގެ ފެށުމަކީވެސް ވެސް ދެރިޔާއެވެ. ދެރިޔާއަށް އޭނާ ކިޔާދިން ލަވަތަކާއިއެކު އޭގެ ފަހުން އޭނާ ވަނީ އެ ދުވަސްވަރު ނުކުތް ހުރިހާ މަޝްހޫރު އަލްބަމްތަކަށް ލަވަކިޔާދީފައެވެ. އަދި މިފިލްމުގައި އަމިއްލަ ރާގުތަކަށް ހިމެނިގެންދިޔައިރު އެރާގުތަކަކީ މިއަދުވެސް ގިނަ ބައެއްގެ މަދުގައި މަޤްބޫލް ލަވަތަކަކެކެވެ.