ކުޅިވަރު

އާ ގައިޑްލައިނާއެކު ކުލަބްތަކުގެ ފަރިތަކުރުންތައް މާދަމާ ފަށަނީ


ފުޓްބޯޅަ ކުލަބުތަކާއެކު މަޝްވަރާކުރުމަށްފަހު މިއަދު ފަރިތަކުރުންތައް ފެށުމަށް ނިންމާފައިވާކަމަށް އެފްއޭއެމުން ބުނެފިއެވެ.

މާލޭގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއިއެކު މިމަހުގެ ތިންވަނަ ދުވަހު ޕްރިމިއަރ ލީގުގެ ކުޅުންވަނީ ހުއްޓާލާފައެވެ. އަދި ޓީމުތަކުގެ ފަރިތަކުރުންތައްވެސްވަނީ ހުއްޓާލާފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެފްއޭއެމް އާއި އެޗްޕީއޭއާއެކު މަޝްވަރާ ކުރެވިގެން ތައްޔާރުކޮށްފައިވާ އާ ގައިޑްލައިންގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ގެންދިއުން ރަގަނޅުކަމަށެވެ. އެފްއޭއެމްއިން ކުލަބުތަކާއެކު މަޝްވާރާ ކުރުމަށްފަހު، މިހާރު ނިންމާފައިވަނީ އާ ގައިޑްލަންގައިވާގޮތުގެ މަތީން ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ މިއަދު ފަރިތަކުރުންތައް ފެށުމަށް ތައްޔާރުވެފައިވާއިރު، ޓީމުތަކާއެކު ބޭއްވި ބައްދަލުވުމުގައި އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ އޭއެފްސީ ކަޕްގައި ވާދަކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރާ ކުލަބް އީގަލްސްގެ ފަރިތަކުރުންތައް އެންމެ ފުރަތަމަ ފެށުމަށެވެ. ނަމަވެސް މާޒިޔާ އާއި ކުލަބް އީގަލްސްއަށް އެކަނި ހުއްދަ ދިނުމަކީ އެހާއި އިންސާފްވެރިގޮތަކަށް ނުވާތީއެވެ.

ކުލަބްތަކާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ހުރިހާ ކުލަބެއްގެވެސް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ނިންމީކަމަށް ޖަވާޒް ވިދާޅުވި. އެފްއޭއެމާއި އެޗްޕީއޭއާއިކު މަޝްވަރާ ކުރުމަށްފަހު އެކުލަވާލާފައިވާ އާ ގައިޑްލައިންގެ ދަށުން ޓީމުތަކުގެ ފަރިތަކުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެއް ގަނޑިއިރަށެވެ. ހާފެއްގައި އެއްފަހަރާއި 10 ކުޅުންތެރިންނަށް ތަމްރީން ކުރުމުގެ ފުރުސަތު ދީފައިވާއިރު ކޮންމެ ޓީމެއްގެވެސް ފަރިތަކުރުން ނިމުމާއެކު، މުޅި ދަނޑު ހިމެނޭގޮތަށް ޗޭންޖިން ރޫމްތަކާއި ބެންޗްގެ އިތުރުން ފާހާނަތައް ޑިސްއިންފެންޓު ކުރުމަށް އާ ގައިޑްލައިންގެ ދަށުން ކުރަންޖެހޭކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވިއެވެ. އަދި ކޮންމެ ދެ ހަފްތާއިން އެއް ހަފްތާގައި ޕީސީއާރް ޓެސްޓު ހެދުމާއި ޓީމުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް ކޯވިޑްގެ ފުރަތަމަ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައި ތިބެންޖެހޭކަމަށް ޖަވާޒް ވިދާޅުވިއެވެ. އަދި ފަރިތަކުރުންތައް ނިންމާލުމަށްފަހު ކުޅުންތެރިނާއި ޓީމުތަކުގެ އޮފިޝަލުންވެސް ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް ބޭރުގައި ނުއުޅުމަށްވެސް އެޗްޕީއޭއެއިން އިލްތިމާސްކޮށްފައިވާކަމަށް ޒަވާޒް ވިދާޅުވިއެވެ. އާ ގައިޑްލައިންގައި ބުނާ ކަންތައްތައް ޓީމުތަކުން ކުރޭތޯ އެފްއޭއެމްއިން ވަރަށް ގާތުން ބަލަމުންދާނެކަމަށާއި އެޗްޕީއޭއަށްވެސް ފަރިތަކުރުންތައް ކުރިއަށްދާގޮތް ބެލުމަށް ފުރުސަތު އޮންނާނެކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ކުލަބް އީގްލަސް އާއި ބޫޓާންގެ ޗެންޕިއަން ތިމްޕޫ ސިޓީ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ. އޭއެފްސީއިން ނިންމާފައިވަނީ ކޮލިފައިންގެ މެޗްތަށް އެއް ލެގްއަށް ކުރިއަށްދާ ގޮތަށެވެ. ކުލަބް އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ވާދަކުއިރު، އޭއެފްސީއިން އެއް ލެގް ކުޅޭގޮތަށް ހަމަޖައްސާފައިވަނީ ކޮވިޑް19ގެ ސަބަބުން ގައުމްތަކަށް ދަތުރުކުރުމަކީ ރާއްކާތެރިކަމަކަށް ނުވާތީއެވެ. އެއް ލެގް ކުޅޭ މިމެޗުން ކުލަބް އީގަލްސް މޮޅުވެއްޖެނަމަ، އެޓީމް ޕްރިލިމިނަރީ ދެވަނަ ބުރުގައި ދެން ވާދަކުރާނީ ބަންގްލަދޭޝްގެ ޑާކާ އަބްހާނީއާ ދެކޮޅަށެވެ. އަދި މިމެޗުން ކުލަބް އީގަލްސް ކުރި ހޯދައިފިނަމަ، ޕްލޭއޯފް ބުރުގައި އީގަލްސް ވާދަކުރާނެކަމަށް އެންމެ ބޮޑަށް ލާފާކުރެވެނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާއިއެވެ.
އޭއެފްސީކަޕްގެ ޕްރިލިމިނަރީ ދެވަނަ ބުރުގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 14ވަނަ ދުވަހު އަދި ޕްލޭއޮފް މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 21ވަނަ ދުވަހުއެވެ. ރާއްޖޭގެ އެންމެ ފަހުގެ ލީގް ޗެންޕިއަނުންގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންވަނީ ގުރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުކޮށްފައެވެ. މިގުރޫޕްގައި ދެން ހިމެނެނީ އިންޑިޔާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސްއެވެ. ގުރޫޕް ސްޓޭޖުގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 14 އިން 20 އަށެވެ.
ކޯވިޑާއި ގުޅިގެން މިދިޔަ އަހަރުގެ އެފްއޭކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށް ސީޒަންވަނީ މާޗްމަހު ނިންމާލާފަ. އެޗްޕީއޭއާއެކު މަޝްވަރާކޮށްގެން ހަދާފައިވާ ގައިޑްލައިންއަކާއެކު މިއަހަރުގެ ސީޒަނަށް ކުލަބްތަކުން ފަރިތަކުރުންތަށް ފަށާފައިވަނީ އޮކްޓޯބަރު މަހު. ނަމަވެސް މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އަލުން ފަރިތަކުރުންތަކުގެ އިތުރުން ލީގްވެސް ހުއްޓާލަން ޖެހުނު. ލީގް ހުއްޓާލަން ޖެހުމާއި ގުޅިގެން ކުލަބްތަކުންނާއި ކުޅުންތެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފަ.