ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުން އިންޑިޔާއަށް ފުރުސަތު ލިބިދާނެކަމަށް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނުން ބުނެފިއެވެ.
ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަކީ އާންމުކޮށް ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭވޭ ވަރަށް މަގްބޫލު މުބާރާތެކެވެ. ނަމަވެސް ފަހަކަށް އައިސް ދެނުކު އެމެރިކާގެ ޓީމުތަކުގެ އިތުރުން އެހެން ބައްރުތަކުގެ ޓީމުތަކަށްވެސް ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެމުންދާކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު ބާއްވަން އޮތް ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތް ކޯވިޑް19ގެ ސަބަބުން މިއަހަރަށް ފަސްކޮށްފައިވާއިރު، ދެނުކު އެމެރިކާއިން ބޭރުން މިއަހަރު މިމުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދީފައިވަނީ ގަތަރާއި އޮސްޓްރޭލިއާއަށެވެ.
ޓައިމްސް އޮފް އިންޑިޔާގެ ނޫހަށް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ ކުޝާލް ދާސް ވިދާޅުވީ ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އިންޑިޔާ ބައިވެރިކުރުމަށް ވާހަކަ ދެކެވުނުކަމަށާއި އެއީ އޮސްޓްރޭލިއާއަށް ދިން ފުރުސަތުގެ ބަދަލުގައިކަމަށެވެ. އެކި ސަބަބުތަކާއި ހުރެ އޮސްޓްރޭލިއާއަށް ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެވެން ނެތުމުން އެގައުމުންވެސް އެދިފައިވަނީ އެފުރުސަތު އިންޑިޔާއަށް ދިނުމަށްކަމަށް ކުޝާލް ދާސް ވިދާޅުވިއެވެ. އަދި ދެކުނު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނުންވެސް އޮސްޓްރޭލިއާގެ ބަދަލުގައި އިންޑިޔާއަށް ފުރުސަތު ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަންވެސް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ ކުޝާލް ދާސް ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.
ޖޫން މަހުގެ 11 އިން ޖުލައި މަހުގެ 10ވަނަ ދުވަހަށް ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވާއިރު، އޭއެފްސީއިންވަނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗްތައް ޖޫން މަހަށް ފަސްކޮށްފައެވެ. އެހެންކަމުން އިންޑިޔާއަށް މިފުރުސަތު ގެއްލުމުގެ ބިރު މިހާރުވަނީ ހީވެފައެވެ. އޭއެފްސީއިންވަނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗްތައް ޖޫން މަހަށް ފަސްކުރުމާއި ގުޅިގެން ގަތަރަށްވެސް މިހާރު މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތަކީ ބްރެޒިލް، އާޖެންޓީނާ، ކޮލަންބިއަރ އުރުގުއޭ އަދި ޕެރަގުއޭ ފަދަ ޓީމުތައް ބައިވެރިވާ މުބާރާތެކެވެ. މިފަހަރުގެ ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތް ބައްވާނީ އާޖެންޓީނާ އާއި ކޮލަންބިއާގައެވެ. މިއީ 105 އަހަރުވީ ތާރީޚުގައި ދެ ގައުމަކުން ގުޅިގެން މުބާރާތް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.