ދުނިޔެ

ބްރެޒިލްގައި ފެތުރޭ ވައިރަހުގެ ބާރު 3 ގުނަ ވަރުގަދަ


ބުރެޒިލުން ފެނިފައިވާ ކޯވިޑްގެ އައު ވައްތަރަކީ ވާރުތަވުމުގެ ބާރު ތިން ގުނަ ގަދަ ވައިރަހެއްކަމުގައި އެޤައުމުން ބުނެފިއެވެ.

ބުރެޒިލުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވަޒީރު އެޑުއަޑޯ ޕަޒުއެއްލޯ ވިދާޅުވީ ބުރެޒިލުގައި ފެތުރެމުންދާ ވައިރަހުގެ އައު ވައްތަރުގެ ފެތުރޭ މީންވަރު އަވަސްވެ ބާރުގަދަ ނަމަވެސް އެ ވައްތަރު ވެކްސިންނަށް ގުޑާކަމުގެ އިޝާރާތްތައް މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ދައްކާކަމަށެވެ.

އެޑުއަޑޯ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވެކްސިން ޖެހުމަށް ޝަރުތުހަމަވާ މީހުންގެ ދެބައި ކުޅަ އެއްބަޔަށް ޖޫން މަހުގެ ކުރިން ވެކްސިން ދިނުންކަމަށާއި އަހަރު ނިމުމުގެ ކުރިން ޝަރުތުހަމަވާ އެންމެންނަށް ވެކްސިން ދީ ނިންމުމަށްކަމަށެވެ.

ބުރެޒިލުގައި ކޯވިޑާއި ދެކޮޅަށް ވެކްސިން ދޭން ފަށައިފައިވަނީ މީގެ ގާތްގަނޑަކަށް ތިން ހަފުތާ ކުރިންނެވެ. އެ ޤައުމުގައި ދެމުން އަންނަނީ ޗައިނާގެ ސިނޯވެކް ބަޔޯޓެކުން އުފައްދާފައިވާ ވެކްސިނާއި އިނގިރޭސިވިލާތުން އުފައްދާފައިވާ އެސްޓްރަޒެނެކާ ވެކްސިންއެވެ
.
ބުރެޒިލުގެ ސައޯ ޕައުލޯގައި މަރުކަޒުވެފައިވާ ބުޓަންޓަން އިންސްޓްޓިއުޓުންދަނީ ޗައިނާގެ ސިނޯވެކްއާއި ގުޅިގެން ސިނޯވެކުން އުފައްދާފައިވާ ކޯވިޑްގެ ވެކްސިން ތަހުލީލުކޮށް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންނެވެ. ބުޓަންޓަން އިސްޓިޓިއުޓުން ނެރުނު ބަޔާނެއްގައި ބުނީ ބުރެޒިލުގެ އެމޭޒޮންގައި އޮންނާ މަނާއުސްގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑްގެ އައު ވައްތަރާއި ގުޅޭ ދިރާސާތައް ކުރަން ފަށާފައިވާކަމަށާއި ދެ ހަފުތާ ފަހުން ނަތީޖާއެއް ލިބޭނެކަމަށް ޤަބޫލުކުރާކަމަށެވެ.

ރިއޯ ޑީ ޖެނޭރޯގައި ހުންނަ ފަޔޯކުރުޒް ބަޔޯމެޑިކަލް ސެންޓަރުންދަނީ އެސްޓްރަޒެނެކާ ކުންފުންޏާއި ގުޅިގެން އޮކްސްފޯޑު ޔުނިވަސިޓީއިން ތައްޔާރުކޮށްފައިވާ ކޯވިޑް ވެކްސިން ބުރެޒިލުގައި ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފަޔޯކުރުޒުން ބުނީ އެ ސެންޓަރުންވެސް ވައިރަހުގެ އައު ވައްތަރު ދިރާސާކުރަމުންދާކަމަށާއި އޭގެ ސާންޕަލުތައް އިތުރަށް ތަހުލީލުކުރުމަށް އޮކްސްފޯޑު ޔުނިވަސިޓީއަށް ފޮނުވާފައިވާކަމަށެވެ.

ބުރެޒިލުގައި މިހާތަނަށް 9.7 މިލިއަން މީހުންނަށް ކޯވިޑް ޖެހި 236،000 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެ ޤައުމު އޮތީ އެމެރިކާއަށްފަހު ކޯވިޑްގެ ސަބަބުން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ދެވަނަ ޤައުމުގެ ގޮތުގައެވެ. އެ ޤައުމުގެ ވެކްސިން މަޝަރޫޢު ފަށާފައިވީ ނަމަވެސް މިހާތަނަށް ވެކްސިން ދީފައިވަނީ އެ ޤައުމުގެ އާބާދީގެ 0.5 އިންސައްތައަށެވެ. އެ ޤައުމުގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަށް ފުދޭ މިންވަރަށް ވެކްސިން ހޯދުމުގައިވެސް އެ ޤައުމުންދަނީ ގޮންޖެހުންތަކާއި ކުރިމަތިލަމުންނެވެ.