ދުނިޔެ

ފޭކު މާސްކު ވިއްކާތީ އެމެރިކާގައި ބޮޑު ތަހުގީގެއް


އެމެރިކާގައި ގިނަ ޢަދަދެއްގެ ފޭކު މާސްކުތަކެއް ވިއްކަމުންދާ މައްސަލަ އެ ޤައުމުގެ ކަމާއިބެހޭ އިދާރާތަކުން ތަހުގީގުކުރަން ފަށައިފިއެވެ.

އެމެރިކާގެ މަދުވެގެން ފަސް ސްޓޭޓެއްގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށާއި ސަރުކާރުގެ އިދާރާތަކަށް 3އެމް ކުންފުނީގެ މާސްކުގެ ނަމުގައި ފޭކު މާސްކުތަކެއް ވިއްކާފައިވާކަންވަނީ ހާމަވެފައެވެ. ބޭރު ޤައުމުތަކުގައި އުފައްދާފައިވާ އެފަދަ މާސްކުތަކަކީ ފޭކު އުފެއްދުންތައްކަން ދެނެގަނެ ފާހަގަކުރުމަށް އެއްދުވަހުން އަނެއް ދުވަހަށްދަނީ އުނދަގޫވަމުންނެވެ. އެ ތަކެތީގެ ސަބަބުން ޞިއްޙީ ޚިދުމަތްތެރިންނަށް ބަލީގެ ނުރައްކާ އޮތް މިންވަރުވަނީ އިތުރުވެފައެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ތަހުގީގީ ޑިޕާޓްމަންޓެއްގެ އެސިސްޓަންޓް ޑިރެކްޓަރު ސްޓީވް ފްރާންސިސް ވިދާޅުވީ ފޭކު މާސްކު ތަކުގެ ސަބަބުން، ރައްކާތެރިކަން ނުލިބޭ ޙާލަތެއްގައި ރައްކާތެރިކަން ލިބިފައިވާކަމުގެ އިހުސާސު ޞިއްޙީ ޚިދުމަތްތެރިންނަށް ލިބެމުންދާކަމަށެވެ. ޤާނޫނާއި ޚިލާފު، މަކަރާއި ހީލަތާއި އޮޅުވާލުން ހިމެނޭ އެތައް ކަމެއް ފާހަގަވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގެ ތަހުޤީގު ކުރިޔަށް ދާތީ ފޭކު މާސްކުގެ މައްސަލަތައް ފާހަގަވެފައިވަނީ ކޮން ސްޓޭޓްތަކުން ކަމެއް ސްޓީވް ހާމައެއް ނުކުރައްވައެވެ.

ކޯވިޑްގެ ނުރައްކާ ބޮޑުވެ އެކަމުގައި އަހަރެއް ގުނަމުންދާއިރު ބަލިމަޑުކަމުގެ މި ޙާލަތުވެފައި މިވަނީ ނާޖާއިޒު ފައިދާ ނެގުމާއި އޮޅުވާލުން ބޮޑު ދުވަސްވަރަކަށެވެ. މިގޮތުން ބޭހާއި ޕީޕީއީ ފަދަ ތަކެތި އޮޅުވާލައިގެން ވިއްކުމަށް ހަދާފައިވާ ގިނަ ޢަދަދެއްގެ ފޭކު ވެބްސައިޓުތައްވެސް އިތުރުވެފައިވާކަން މި ފަދަ މައްސަލަތައް ތަހުޤީގުކުރާ އިދާރާތަކުން ވަނީ ބުނެފައެވެ.

މިނެސޯޓާގައި މަރުކަޒުވެފައިވާ 3އެމް ކުންފުންޏަކީ އެން 95 މާސް އުފައްދާ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެވެ. އެ ކުންފުނިން އުފައްދާ މާސްކުތަކަކީ އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޮރ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތުން ޙުއްދަ ދީފައިވާ އުފެއްދުންތަކެކެވެ. އެ މާސްކުތަކަކީ ކޯވިޑާއި ދެކޮޅަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި " ގޯލްޑް ސްޓޭންޑާޑް " މިންގަނޑަށް ފެތޭ މާސްކުތަކެކެވެ.

2020ވަނަ އަހަރުގެ ތެރޭގައި ކޯވިޑް އެންމެ ހަލުވިކޮށް ފެތުރެމުންދިޔަ ދުވަސްވަރު އެ ކުންފުނިންވަނީ ދެ ބިލިއަނަށްވުރެ ގިނަ މާސްކު އުފައްދާ ފޯރުކޮށްދީފައެވެ. ނަމަވެސް ބަލިމަޑުކަމުގެ ކުރީކޮޅުގައި، މާސްކު ލިބުމުގައި ދަތިތައް ހުރި ދުވަސްވަރު ބައެއް ފަރާތްތަކުންވަނީ 3އެމްގެ މާސްކު ނަކަލުކޮށް ފޭކު މާސްކު ބާޒާރަށް ނެރެން ފަށައިފައެވެ.

3އެމް ކުންފުނީގެ ނައިބު ރައީސް އަދި ޑެޕިއުޓީ ޖެނެރަލް ކައުންސެލް ކެވިން ރޯޑްސް ވިދާޅުވީ އެ ކުންފުނީގެ ފޭކު އުފެއްދުންތައް ވިއްކަނީ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުން ނޫންކަމަށެވެ. އަދި އެ ތަކެތި ވިއްކަމުންދަނީ މުޅިން އަލަށް ވުޖޫދައް އައިސްފައިވާ ކުންފުނިތަކުންކަމަށެވެ. ރޯޑްސް ވިދާޅުވީ ޞިއްޙީ މަރުކަޒުތަކާއި އެތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުން 3އެމް ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ފޭކު އުފެއްދުންތައް ދެނެގަނެވޭނެ ގޮތް ހަދާ ފައިވާކަމަށެވެ.

ބަލިމަޑުމުގެ މި ޙާލަތުގައި ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންގެ 7،000 އޭޖެންޓުންނާއި، ބޯޑާ ކޮންޓްރޯލް އޭޖެންޓުންނާއި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުންނާއި ޖާސޫސީ އިދާރާ އެފްބީއައި ގުޅިގެންދަނީ މަކަރާއި ހީލަތް ހަދާ މީހުންނާއި ފޭކު އުފެއްދުންތައް ވިއްކާ ފަރާތްތައް ހޯދައި ހައްޔަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތް ކުރިއަށްދަނީ ނޭޝަނަލް އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ކޯޑިނޭޝަން ސެންޓަރުގެ ބެލުމުގެ ދަށުންނެވެ.

އެމެރިކާގެ ސަލާމަތީ ބާރުތަކުން ކުރިއަށްގެންގޮސްފައިވާ 1،250 އަށްވުރެ ގިނަ ރެއިޑުގައި މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ ފޭކު 3އެމް މާސްކުވަނީ އަތުލައިގެންފައެވެ. އެ ކުންފުނިންވަނީ ފޭކު މާސްކު އުފެއްދުމާއި އެ ކުންފުނީގެ މާސްކުތައް އަސްލު އަގަށްވުރެ އެތައް ގުނައެއް އަގު ތަފާތުކޮށް ވިއްކުމާއިގުޅޭ 10 މައްސަލައެއް މިހާރުވެސް ކޯޓަށް ހުށަހަޅާފައެވެ.

ފޭކު އުފެއްދުންތަކުގެ ސަބަބުން ކަންބޮޑުވުން އުފެދި ވޮޝިންޓަން ސްޓޭޓުގެ ރަސްމީ ފަރާތްތަކުންވަނީ އެ ސްޓޭޓުގައި ލިބެން ހުރި މާސްކު ސަޕްލައި އިތުރަށް ބަލައިފައެވެ. އެގޮތަށް ބެލި ބެލުމުން ތަފާތު ކުންފުންޏަކުން ގަނެފައިވާ މާސްކުތަކެއްގެ ތެރެއިން 1.4 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ގަނެފައިވާ 300،000 މާސްކަކީ ފޭކު މާސްކުކަން އިދާރާތަކަށްވަނީ ޔަގީންކުރެވިފައެވެ. އެ މައްސަލަވެސްދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.