ޚަބަރު

ޢަލީ ވަޙީދު ރާއްޖެއިން ފުރި މައްސަލަ ބެލުމަށް މަޖިލީހުގެ އަންހެން މެންބަރުން އެދިވަޑައިގެންފި


ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައި ވަނިކޮށް، ރާއްޖެ ދޫކުރައްވައި ފުރައިވަޑައިގަތް މައްސަލާގައި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ޢަމަލުކުރައްވާފައިވަނީ ރަނގަޅަށްތޯ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުން އެދިވަޑައިގެންފިއެވެ.

ޢަލީ ވަހިދުގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ހުށައަޅުއްވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދުގެ އަރިހުގައި އެދިވަޑައިގަތީ ނާއިބު ރައީސް އީވާ އަބްދުﷲ އާއި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ޙުސައިން އާއި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ޢަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް އުފުލާފައި ވަނިކޮށް، އޭނާ ފުރައިވަޑައިގަތީ އިއްޔެއެވެ. އޭނާ ވަޑައިގަތީ އިނގިރޭސިވިލާތަށެވެ.
ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާއިފައި އޮތުމަށްފަހު، އެމައްސަލަ މުރާޖަޢާކުރުމަށް މިދިޔަ ހޯމަދުވަހު ބޭއްވި ޝަރީޢަތުގައި ވަނީ ޕާސްޓްޕޯޓް ދޫކޮށްލާފައެވެ.

އެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަނީ އޭނާގެ ސިއްޙީ ޙާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހެކީގެ ގޮތުގައި ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެ އެކަމަށް ބޭސްފަރުވާކުރަން ޖެހޭކަން ފާހަގަކޮށްފައެވެ. ޝަރީޢަތުން ވަނީ ޑޮކްޓަރުގެ ވާހަކަތަކަށް ރިޔާޢަތްކޮށް އޭނާގެ ޕާސްޓްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ބާޠިލްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އެ މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ.

ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް

  • 1. ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.
  • 2. ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
  • 3. ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.
  • 4. ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
  • 5. ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
  • 6. ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ޢަލީ ވަޙީދު އެންގެވިއެވެ. އެހެންނަމަވެސް ޢަލީ ވަޙީދު މަޤާމުން އިސްތިއުފާނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްއަރިޒަމް މިނިސްޓްރީގެ ވަޒީރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަދުވަހު އޭނާ ވަކިކުރައްވާފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ.