ޚަބަރު

ޤަވާއިދާއި ޚިލާފަށް އުޅޭ މީހުންގެ މައްސަލަ ޙައްލުކުރުމަށް މިނިސްޓަރ ޝާހިދު ބަންގްލަދޭޝްއަށް


ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅޭ ބަންގްލަދޭޝްގެ މީހުންގެ މައްސަލައަށް ހައްލެއް ގެނައުމަށް، ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅުގައި އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މިއަދު ވަނީ ފުރާވަޑައިގެންފައެވެ.

ބަންގްލަދޭޝްއަށް ފުރާވަޑައިގަތުމުގެ ކުރިން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށެވެ. އެއީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލައަށް ހައްލެއް ގެނައުމަށް ހިއުމަން ރިސޯސް ޕްލޭސްމަންޓް އެއްބަސްވުމަކާއި، ދެ ޤައުމުގެ ފޮރިން ސާރވިސް އެކަޑަމީގެ އެއްބަސްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ބަންގްލަދޭޝްއަކީ ރާއްޖެއާއި ޚާއްޞަ ގުޅުމެއް އޮތް ޤައުމެއްކަމަށާއި، އެޤައުމުގެ ވަރަށް ގިނައަދަދެއްގެ މީހުން ރާއްޖޭގައި އުޅޭކަމަށެވެ. އެޤައުމުގެ ރައްޔިތުން ރާއްޖޭގެ ތަރައްޤީއަށް ކޮށްދޭ ކަންކަމަކީ ދިވެހިން އަގުވަޒަންކުރަންޖެހޭ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އޭ. ކޭ. އަބްދުލް މޮމެންގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މޮމެންއާއިއެކު ފޮރިން މިނިސްޓަރ ޝާހިދު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދް އާއި ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި ޖޮއިންޓް ސެކްރެޓަރީ ފާތުމަތު ގިނާ ބައިވެރިވެވަޑައިގަންނަވައެވެ.