ބ. އޭދަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ދެ ޖިންސަށް ހާއްސަކޮށް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މި މުބާރާތަކީ އޭދަފުށީ ދެ ޖިންސުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އޭދަފުށީގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި އެއްބައިވަންތަކަން އަށަގަނުވައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެއްކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެެއެވެ.
މި ދެ މުބާރާތުގެ ތެރެއިން “އޭދަފުށި ކަޕް” ގެ ނަމުގައި ބާއްވާ ފިރިހެން ފުޓްބޯޅަ މުބާރާތް އޮންނާނީ ޓާފު ފުޓްބޯޅަ ދަނޑުގައެވެ. އަދި އަންހެނުންނަށް ޚާއްސަކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް އޮންނާނީ އެރަށު ފުޓްސަލް ދަނޑުގައެވެ.
މި މުބާރާތް ރާވައި ހިންގާނީ، އޭދަފުށީ ކައުންސިލުން އެރަށު ފުޓްބޯޅަ ކުރިއެރުމަށް ހަދާފައިވާ، ކްލަބް އޭދަފުށި ޖަމްއިއްޔާއިންނެވެ. މި ދެ މުބާރާތް ވެސް އޮންނާނީ އަންނަ މަހުގެ 5-20 އަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މުބާރާތް ފަސްކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ މުބާރާތް ބާއްވާ ތާރީޚަށް ބަދަލުގެނެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ، ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ 14:00ގެ ކުރިން ބައިވެރިވުމަށް އެދި ހުށައަޅާ ލިޔެކިޔުންތަށް އެ ކައުންސިލަށް ހުށައަޅަންޖެހެއެވެ.