ކުޅިވަރު

ޕާކް ވޮލީ މުބާރާތުގެ ޗެންޕިއަންކަން ބާގީޗާ އަދި ޕޮލިސް ކުލަބް ހޯދައިފި


ޕާކް ވޮލީ މުބާރާތުގެ ފިރިހެންބައިޗެ ޗެންޕިއަންކަން ބަގީޗާ ހޯދިއިރު އަންހެންބައިގެ ޗެންޕިއަންކަން ޕޮލިސް ކްލަބް ހޯދައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ޕާކްވޮލީ މުބާރާތުގެ ފިރިހެންބައިގެ ޗެންޕިއަންކަން ބަގީޗާ ޓީމް ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށްގެން 2 ސެޓް 1 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ގެންދިޔައީ ދިވެހި ސިފައިންގެ ކުލަބުންނެވެ. އެއީ 21-19އިންނެވެ. ނަމަވެސް ޖެހިގެންއައި ދެ ސެޓް ކާމިޔާބުކޮށް ބަގީޗާއިން މެޗް ކާމިޔާބުކުރިއެވެ. މެޗްގެ ފަހު ދެ ސެޓް ބަގީޗާ ޓީމްއިން ގެންދިޔައީ 21-11 އަދި 15-11އިންނެވެ. ޗެންޕިއަންކަން ހޯދި ބަގީޗާ ޓީމްގައި ހިމެނިފައިވަނީ ތަޖްރިބާކާރު ކުޅުންތެރިޔާ އަދި ކޯޗް މުހައްމަދު ނަދީމް، ފަތުޙުﷲ ވަހީދު، އިސްމާއިލް ޝިހާބް، އިބްރާހީމް އާދިލްގެ އިތުރުން ރާއްޖޭގައި މިވަގުތުހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށްވާ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ)އެވެ. ފައިނަލް މެޗްއިން ބަލިވި ދިވެހި ސިފައިންގެ ކުލަބްގައި ހިމެނެނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ލޯ މެޑަލް ހޯދި އާދަމް ނަސީމް (އެޑަމް)އާއި ޖުނައިދު އަބްދުﷲ، ހުސެއިން ޝަރީފް، އަދުނާން އަބްދުލް ހަމީދު އަދި މުހައްމަދު އަބްދުﷲ ނަސީރެވެ.

މިމުބާރާތުގެ އަންހެންބައިގެ ޗެންޕިއަންކަން ޕޮލިސް ކުލަބުން ހޯދާފައިވަނީ ދި ފައިވް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ޗެންޕިއަންކަން ހޯދި ޕޮލިސް ޓީމްގައި ހިނެނީފައިވަނީ ތަޖްރިބާކާރު ކުޅުންތެރިޔާ އަދި ގައުމީ އަންހެން ވޮލީ ޓީމްގެ ކެޕްޓަން ހައްވާ ރަޝިދާ، ފާތިމަތު ޒީނިއާ، މަރިޔަމް ހަލީމް، އާމިނަތު ޝަހާ ޝާމިންގެ އިތުރުން ފާތިމަތު ނުހާއެވެ. ދި ފައިވް ޓީމްގައި ހިމެނެނީ ގައުމީ ޓީމްގައި ހިމެނޭ އައިޝަތު ޝައްފަ، އާމިނަތު އަރީޝާ، އައިޝަތު އިމްތިނާންގެ އިތުރުން އާމިނަތު ނުހާ ވަހީދު އަދި ހަމްނާ ހުސެއިން އަލިދީދީއެވެ.

މިމުބާރާތުގެ ފިރިހެންބައިގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިސްމާއީލް ސާޖިދުއެވެ. އަންހެންބައިގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ އަދި ގައުމީ ބީޗް ވޮލީ ޓީމްގެ ފާތިމަތު ޒީނިޔާ މޫސާއެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕާކް ވޮލީ މުބާރާތުގައި ފިރިހެން 9 ޓީމް އަދި އަންހެން 10 ޓީމް ވާދަކޮށްފައިވެއެވެ.