4 ރަށެއްގައި އަވިން ހަކަތަ
އުފެއްދުމުގެ ޕްރޮޖެކްޓެއްގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޗައިނާގެ
ކުންފުންޏަކާއި ދެމެދު މިއަދު ސޮއިކޮށްފި އެވެ.
މި އެގްރިމެންޓަކީ "ޕޮއިސް" ޕްރޮޖެކްޓްގެ
ދަށުން 2.5 މެގަ ވޮޓްގެ ޑީސެލް ހައިބްރިޑް ގްރިޑް ހަރުކުރުމުގެ
އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ތޯރިޤް
އިބްރާހީމް އެވެ. އަދި ޗައިނާގެ ސީ.ސީ.އީ އޯސިސް ޓޭކްނޮލޮޖީ ކޯޕަރޭޝަންގެ ފަރާތުން
ސޮއިކުރެއްވީ ، ޗެއަރމަން ޑާއީ ކުންފެންގް އެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި
މިއަދަކީ ދުނިޔޭގެ ހަކަތައިގެ ދުވަސްކަމަށްވާތީ ދުވަހާއި ގުޅިގެން ވަނީ ސްލޯގަން
އެއް އިފްތިތާޙް ކޮށްދެއްވާފައެވެ. "ލެޑް ސޭވްސް " ގެ ނަމުގައި މި
ސްލޯގަން ތައާރަފްކޮށްދެއްވީ މިނިސްޓަރ ތޯރިޤް އިބްރާހިމްއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު
މިނިސްޓަރ ތޯރިޤް ވިދާޅުވީ، ރާއްޖޭގެ ކަރަންޓާއި، ދަތުރުފަތުރު ފަދަ ކަންކަމުގައި
ތެލަށް ބަރޯސާވެފައިވާއިރު، ދުނިޔޭގެ
ތެލުގެ ބާޒާރަށް އަރާ ލޮޅުންތަކުން އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް
ކުރާކަމަށެވެ. އަދި މިހާތަނަށް ތެލުގެ
ރިޒާވެއް ހޯދިފައި ނެތް އިރު މިކަމާއި ދޭތެރޭ ފުންކޮށް ވިސްނައި ހައްލެއް ހޯދަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު
މި ވެވުނު އެއްބަސްވުމުގެ ދަށުން ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް ބެހެއްޓުމަށް
ހަމަޖެހިފައިވަނީ އައްޑޫ ސިޓީ، ގއ ވިލިނގިލި، ބ ގޮއިދޫ، ޅ ކުރެންދޫ އަދި ތ
ބުރުނީގައެވެ. މި ރަށް ރަށުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ
މަހުގެ ތެރޭގައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މިހާރު
ދެވޭ ކަރަންޓްގެ %30 ފަސް އަހަރު ދުވަހުގެތެރޭގައި ސޯލާ އެނަރޖީން
ކަވަރކުރުމެވެ.