ވައްކަމާއި ފޭރުން ފަދަ ބޮޑެތި ޖަރިމާތައް ހިންގާފައިވާ މީހުން ވަގުތު ފާއިތުވުމުގެ ކުރިން ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ﷲ ގެ ޙަޟްރަތަށް ރުޖޫއަވުމަށް އަވަސްވެ ގަތުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ޚުޠުބާ ހާއްސަކޮށްފައިވަނީ ޙަލާލުގޮތުގައި މުދާ ހޯދުން މި މައުޝޫގެ މައްޗަށެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ވައްކަމާއި ފޭރުމާއި ޙީލަތުން މީސްމީހުންނާއި ދައުލަތުގެ މުދަލަށް އަރައިގަތުމަކީ މުޖްތަމައުގައި އަށަގެނެފައިވާ ބޮޑު އިޖުތިމާއި ބައްޔެއްކަމަށެވެ. އަދި މި ބަލީގެ ސަބަބުން ގެއްލިގެންދަނީ ހަމައެކަނި ވަކިވަކި ފަރުދުންގެ ޙައްޤުތައް ނޫންކަމަށާއި މި ބޮޑު ޖަރީމާގެ ސަބަބުން ވިޔަފާރިތަކާއި ކުންފުނިތަކާއި ދައުލަތުގެ އޮފީސްތަކާއި މުއައްސަސާތަކަށްވެސް އެކި މިންވަރުގެ ގެއްލުން ލިބެމުންދާކަމަށެވެ.
މިގޮތުން މަގުމަތިން ފޭރުމާއި އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މީހުންގެ އެކައުންޓްތަކުގައި ހުންނަ ފައިސާ ވަގަށް ނެގުމާއި ދައުލަތުގެ އޮފީސްތަކާއި މުއައްސަސާތަކަށް ގަންނަ ތަކެއްޗާއި ކުރެވޭ ބިޑްތައް ކަމާއި ބެހޭ މުވައްޒަފުން އެކިއެެކި ފަރާތްތަކާއި ގުޅިގެން އެކިވަރުގެ ނާޖައިޒު ފައިދާ ނެގުން ފަދަ ޖަރީމާތައް ދިވެހި މި ކުޑަ މުޖުތަމައުގެ ތެރޭގައި ހުރިކަންވަނީ ފާހަގަކުރައްވާފައެވެ. އަދި އޭގެ ސަބަބުން އަމިއްލަ ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރުން ވިޔަފާރި ކުންފުނިތަކާއި މުއްސަސާތަކަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވަމުން އަންކަންކަންވެސް ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
ޚުޠުބާގައި ވިދާޅުވީ ވައްކަމާއި ނަހަމު ގޮތުގައި ފައިސާ ހޯދުމުގެ ވަބާއަކީ މުޖްތަމައު ފަސާދަކޮށް ނެތިކޮށްލާ ވަބާއެއް ކަމަށާއި މި ވަބާއަށް ދޭނެ ވެކްސިނެއް ހޯދުމުގައި ޤައުމުތަކުން ނާކާމިޔާބު ވެފައިވާކަށެވެ. އަދި މިގޮތަށް ހޯދާ ފައިސާއިން ވަގުތީ އުފަލެއް ލިބުނުކަމުގައިވިޔަސް އެ ވެގެންދާނީ އެމީހެއްގެ އާއިލާ އެއްލާލެވޭ ހަލާކެއްކަން ހަނދާންކޮށް ދެއްވާ އެކަން ނުކުރުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެޑައިގެންފައެވެ.
" ލޮބުވެތި މުސްލިމް އަޚުންނޭވެ! ވައްކަމާއި ނަހަމަ ގޮތްގޮތުން ފައިސާ އާއި މުދާ ހޯދާ މީހާއަށް، އެ ހޯދާ ތަކެތިން ވަގުތީ އުފަލެއް ލިބުނުކަމުގައި ވިޔަސް، އެ ތަކެތި ވެގެންދާނީ އޭނާ އާއި އަނބިދަރިންގެ ހަލާކަށެވެ. އެހެނީ އެފަދަ މުދަލުގައި ﷲ ބަރަކާތެއް ނުލައްވާނެއެވެ. އަދި އެއިން ލިބޭ ވަގުތީ މަންފާއަށް ވުރެ، އޭގެ ގެއްލުން މާ ބޮޑުވެގެން ވެއެވެ. މިކަން ބަޔާންކުރައްވައި، މާތް ނަބިއްޔާ ގެ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "ފާފަވެރިގޮތުގައި މީހަކު މުދަލެއް ހޯދުމަށްފަހު، އެއިން ރަޙިމުގެ ގުޅުން ޤާއިމުކުރިކަމުގައި ވިޔަސް، ނުވަތަ ޞަދަޤާތް ދިންކަމުގައި ވިޔަސް، ނުވަތަ ﷲ ގެމަގުގައި ހޭދަކުރިކަމުގައި ވިޔަސް، އެ
ހުރިހާ މުދަލެއް ޖަމާކުރެވޭ ހުއްޓެވެ. އެއަށްފަހު އެ މުދަލާއެކު އޭނާ ނަރަކައަށް އެއްލާލެވޭ ހުއްޓެވެ."
ޚުޠުބާގައި ވިދާޅުވީ މުސްލިމުންގެ މެދުގައި ވައްކަމާއި ނާޖައިޒު ގޮތުގައި މުދާ ހޯދުމުގެ ވަބާ ފެތުރިފައި މިވަނީ އަފުރާދުންގެ މެދުގައި އޮންނަންޖެހޭ ހަރުދަނާ އަޤީދާ އާއި އީމާންކަން ބަލިކަށިވެ ދުނިޔެވީ އެދުންތަކުގެ ޝިކާރައަކަށް ވުމުގެ ސަބަބުންކަމަށެވެ. އަދި މުދަލާއި ފައިސާގެ ވާދަވެރިކަމުގައި ގުޅުން ކަނޑާ ޢަދާވާތްތެރިވެ އެއްވެސް ޖެހިލުމެއްނެތި މީހުންގެ ފުރާނައަށްވެސް ގެއްލުންދޭ ޖެހިލުން ނުވާ ހިސާބަށް މުޖުތައުމުގެ ކަންކަން ގޮސްފައިވާކަމަށްވެސް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.
" ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެެއްގައި މާނާގައިވެއެވެ. "ޒިނޭކުރާ މީހާ، މުއުމިނަކު ކަމުގައިވާ ޙާލު، ޒިނޭކުރާ ކަމުގައި ނުވެއެވެ. އަދި ރާބޯ މީހާ، މުއުމިނަކު ކަމުގައިވާ ޙާލު، ރާބޯ ކަމުގައި ނުވެއެވެ. އަދި ވައްކަން ކުރާ މީހާ، މުއުމިނަކު ކަމުގައިވާ ޙާލު، ވައްކަންކުރާ ކަމުގައި ނުވެއެވެ. އަދި މީސްތަކުން ބަލަ ބަލައި ތިއްބާ މުދަލެއް ފޭރިގަންނަ މީހާ، މުއުމިނަކު ކަމުގައިވާ ޙާލު، އެ މުދަލެއް ފޭރިގަންނަ ކަމުގައި ނުވެއެވެ." އަދިވެސް، މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމާ ބޭހޭ ގޮތުން ރަސޫލާ
ޙަދީޘް ކުރައްވި ބަސްފުޅެއްގެ މާނާގައިވެއެވެ " ދޮގުހުވައިކޮށްގެން މުސްލިމެއްގެ ޙައްޤެއް، ނުޙައްޤުން އަތުލައިފި މީހެއްގެ މައްޗަށް، ހަމަކަށަވަރުން ﷲ ނަރަކަ ވާޖިބު ކުރައްވައިފިއެވެ. އަދި އެ މީހެއްގެ މައްޗަށް ސުވަރުގެ ޙަރާމް ކުރައްވައިފިއެވެ." އެހިނދު އެކަލޭގެފާނަށް މީހަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކިތަންމެ ކުޑަ އެއްޗެއް ވިޔަސްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އެއީ އިރާކު ގަހުގެ ދަނޑިބުރިއެއް ކަމުގައި ވިޔަސްމެއެވެ."
ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ކައިއުޅޭ މީހުންނަށް މި ދުނިޔެމަތީގައިވެސް ވެސް ކުރިމަތިލާންޖެހޭނީ ސުންޕާ ކަންތައްތަކާއިކަން ފާހަގަކުރައްވާ އެފަދަ ކަންކަންކަމުން އަނިޔާ ލިބުނު މީހުންގެ ބަދު ދުޢާއިން ސަލާމަތް ނުވާކަންވެސް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ. އަދި ޙަރާމްތަކެތި ކައިގެން އެމީހެއްގެ ހަށިގަނޑުގައި އުފެދުނު މަސްޖަހާފައި ހުރި ހިނަދަކު އޭނާގެ ދުއާ އިޖާބަނުކުރައްވާނެކަމަށާއި އެ މުދަލަކުން އަނބިދަރިންނަށް ކާންބޯން ދޭނަމަ އޭގެ ނަތިޖާއަކީވެސް އެއީކަން ޚުޠުބާގައި ވަނީ ހަދާންކޮށް ދެއްވާފައެވެ.
ވައްކަމާއި، ފޭރުމާއި، ނާޖައިޒު ގޮތުގައި މީހުންގެ މުދާ ކައިއުޅޭ މީހުންގެ ތަނަކީ ނަރަކަން އިންޒާރުދެއްވަމުން ވައްކަމާއި ފޭރުން ފަދަ ބޮޑެތި ޖަރިމާތައް ހިންގާފައިވާ މީހުން ވަގުތު ފާއިތުވުމުގެ ކުރިން ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ﷲ ގެ ޙަޟްރަތަށް ރުޖޫއަވުމަށް އަވަސްވެ ގަތުމަށް ގޮވާލާ ޚުޠުބާގައި ވަނީ އެކަމަށް ނަސޭހަތްތެރިވެޑައިގެންފައެވެ.