ކުޅިވަރު

ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިޔާއިން 40 މިލިއަން ޑޮލަރު ދެނީ


ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިޔާއިން 40 މިލިއަން ޑޮލަރުގެ ކްރެޓިޑް ފެސިލިޓީއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ. ސަންޖޭ ސުދީރު މިހެން ވިދާޅުވެފައިވަނީ މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިންޑިޔާއިން ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ގައުމީ ކްރިކެޓް ޓީމް ތަމްރީން ކުރުމުގެ ފުރުސަތު އިންޑިޔާއިން ހުޅުވާލާފައިވާކަމެވެ. ރާއްޖޭގެ ގައުމީ ސީނިއަރ އަދި ޖޫނިއަރ ކްރިކެޓް ޓީމްވެސްވަނީ އިންޑިޔާއަށްގޮސް ތަމްރީންތަކެއް ހަދާފައެވެ.

އަދި ހުޅުމާލޭގައި 20 ހާސް މީހުންގެ ޖާގައިގެ އިންޓަރނޭޝަނަލް ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް އިންޑިޔާގެ އެހީގައި އެޅުމަށް ވަނީ ހަމަޖެހިފައެވެ. އިމީ އިންޑިޔާއިންދޭ ކްރެޓިޑް ފެސިލިޓީގެ ދަށުން ގާއިމުކުރާ ސްޓޭޑިއަމެއްކަމަށް އިންޑިޔަން ހައިކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވިއެވެ. 61 އެއް ރަށުގައި އައުޓޯ ޖިމް ގާއިމް ކުރުމަށްވެސް އިންޑިޔާއިން ސާމާނު ދީފައިވާނެކަމަށާއި، 67 ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ސާމާނުވެސް އިންޑިޔާއިން ފޯރުކޮށްދީފައިވާނެކަމަށް ވެސް ސަންޖޭ ސުދީރު ވިދާޅުވިއެވެ.