ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން ކޯޓުތަކަށް ހުށައަޅާފައިވާ މައްސަލަތައް އަވަހަށް ނިންމައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ގޮވާލައްވައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ ޚާއްޞަ ޤާނޫނަށް އިޞްލާހު ހުށައެޅުމަށްފަހު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ނިޔާޒް ވިދާޅުވީ، އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުމަށް ޤާނޫނަށް އިޞްލާޙު ގެނައިނަމަވެސް އިންތިޚާބު ބޭއްވޭނީ ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން ކޯޓުތަކަށް ހުށައަޅާފައިވާ މައްސަލަތައް އަވަހަށް ނިމިގެންކަމަށެވެ. އިންތިޚާބު އަވަހަށް ބޭއްވުމަށް ކޯޓްތަކަށް ހުށައަޅާފައިވާ މައްސަލަތަކުގެ ސަބަބުން ހުރަސްއެޅޭކަމަށާއި، އެހެންކަމުން ހުރިހާ މުއައްސަސާތަކުންވެސް އިންތިޚާބު އަވަހަށް ބޭއްވުމަށް އެއްބާރުލުން ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
އިންތިޚާބާއި ގުޅޭ 3 މައްސަލައެއް ކޯޓުގައި އޮތްކަން ފާހަގަކުރައްވަމުން އަލީ ނިޔާޒް ވިދާޅުވީ، ގާނޫނުގައި ލިޔެގެން ކޯޓުގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭނެކަމަށެވެ. އިންތިޚާބާއި ގުޅޭގޮތުން ކޯޓްތަކުގައި ހުރި މައްސަލަތަކުގެ ތެރޭގައި ކައުންސިލުތަކުން ވަކި އަދަަދަކަށް ގޮނޑި އަންހެނުންނަށް ޚާއްސަކުރި މައްސަލައާއި، އިންތިޚާބަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑަސީ ބާތިލު ކުރި މައްސަލައެއްވެސް ހިމެނެއެވެ.
"އެބޭފުޅުންގެ ކެނޑިޑަސީއެއް ބާޠިލްކުރުމާއި ގުޅިގެން އެކަމުގެ ޝަކުވާ އެބައޮތް ކޯޓްގައި ކުރައްވާފަ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ޕީޕީއެމްގެވެސް ހަގީގީ ނިޔަތެއް ނޭނގެ. އިއްޔެވެސް އެބައޮތް ނެރުއްވާފަ ރަށްރަށް މޮނިޓަރިންގަ ލޮކްޑައުންކޮށްގެން ގެންގުޅުއްވުމަށް. ނަމަވެސް އެބޭފުޅުން އަނެއްދުވަހު އެބަވިދާޅުވޭ އަޅުގަނޑުމެންނަށް އެރަށްތަކަށް އެރޭނެގޮތްތަކެއް ގައިޑްލައިންގައި ނެތްކަމަށް. އެއްކޮޅުން ރަށްތައް ލޮކްޑައުންކޮށް މައިތިރިކޮށް ނޭރޭނެގޮތް ހަދާފަ ތިމަންނަމެނަށް އެރަށްތަކަށް ނޭރޭކަމުގެ ޝަކުވާވެސް އެބަކުރޭ."ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކޯވިޑް-19އާ ގުޅިގެން ބޭއްވޭގޮތް ނުވުމުން، ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނެއް އެކުލަވާލިނަމަވެސް، އެޤާނޫނުގެ ދަށުން މިހާރު މިއޮތް ޙާލަތުގައި އިންތިޚާބު ބޭއްވުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ސަބަބަކީ އިންތިޚާބުތަކާއި ބެހޭ ޚާއްޞަ ޤާނޫނުގައި ބަޔާންކުރަނީ އިންތިޚާބު ބޭއްވޭނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުންކަމަށެވެ. އެ ޙާލަތު އުވާލާތާ 7 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވާ ތާރީޚް ކަނޑައަޅަންވާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ހުރަސްއެޅިފައިވާތީ އިންތިޚާބުގެ ޤާނޫނަށް ވަނީ އިޞްލާހުތަކެއް ހުށައަޅާފައެވެ.
އެހެންކަމުން ޤާނޫނަށް ގެންނަ އިޞްލާހުތަކުގެ ތެރޭގައި ޢާންމު ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް އިންތިޚާބު ބޭއްވޭނެކަމަށް ވަނީ ބުނެފައެވެ. އެގޮތުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްހާ ހިނދަކު، އިންތިޚާބު ކުރިއަށްގެންދަންވާނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލާ ތާރީޚެއް ކަނޑައެޅުމާއެކުގައިކަމަށާއި، އެފަދައިން ކަނޑައަޅާ ތާރީޚު ކަނޑައަޅަންވާނީ، އެ ތާރީޚު ކަނޑައެޅުމާއި އިންތިޚާބުގެ ކަންކަން ފެށުމާ ދެމެދު މަދުވެގެން ތިން ދުވަހުގެ ނޯޓިހެއް ލިބޭނެ ފަދައަކުންކަމަށް ޤާނޫނަށް ގެނެސްފައިވާ އިސްލާހްގައި ހިމެނެއެވެ.
މިމަސް ނިމުމުގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނެސް ޢަމަލުކުރަންފެށިއްޖެނަމަ އަންނަ އޭޕްރީލް މަހުގެ 3ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.