ކުލަބް ވެލެންސިޔާއިން ބޭނުންވަނީ ކޮންމެ މެޗެއްގައިވެސް ބައިކޮޅަށް ގޯލެއެއް ނުވަދެ ނިންމާލުންކަމަށް ވެލެންސިޔާގެ ކޯޗް މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.
ދިވެހި ޕްރިމިއަރ ލީގުގައި މިހަތަނަށް 4 މެޗް ކުޅެފައިވާއިރު، ކުލަބް ވެލެންސިޔާއިންވަނީ 3 މެޗް ކާމިޔާބުކޮށް 1 މެޗް އެއްވަރުކޮށްފައެވެ. ވެލެންސިއާގެ ގޯލު އެއްވެސް ޓީމަކަށް މިހާތަނަށް ފޫއަޅުވާލެވިފައެއް ނުވެއެވެ. މެޗުގެ ކުރިން ވާހަކަދައްކަމުން ކުލަބް ވެލެންސިޔާގެ ކޯޗު މުހައްމަދު އާތިފްބުނީ މެޗަކަށް ފަހު މެޗެއް ރަގަނޅު ކުރުމަށް ކުލަބް ވެލެންސިޔާއިން މަސައްކަތް ކުރަމުންދާކަމަށާއި އެކަން ހާސިލްވެސް ވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. ކޮންމެ މެޗަކަށްވެސް ވެލެންސިޔާ ނިކުންނައިރު ކުރިން ކުޅެފައިވާ މެޗުގައި ރަގަނޅު ކުރަންޖެހޭ ކަންތައްތައް ފަހުން ކުޅޭ މެޗުގައި ރަގަނޅު ކުރުމަށް އަބަދުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭކަމަށާއި ޓީމުގެ ކޮންމެ ދިމާލެއްވެސް ރަގަނޅު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ބައިކޮޅަށް ގޯލެއް ނުވަނުމަކީ ޑިފެންސްލައިން މުޅިން އެއްކޮށް ފުރިހަމަވުން ނޫންކަމަށާއި ކޮންމެ މެޗެއްގައިވެސް ރަގަނޅު ކުރަންވީ ގިނަ ކަންތައްތަކެއް ފާހަގަވަމުންދާކަމަށް ކޯޗު އަތިފް ބުންޏެވެ. ނަމަވެސް އަދި މިހާތަނަށް ވެލެންސިޔާގެ ޑިފެންސްލައިން ޑިފެންސް ކުރަމުންދާގޮތާއި މެދު ހިންހަމަޖެހޭކަމަށް އާތިފް ބުންޏެވެ. މިރޭ ޓީސީއާއި ދެކޮޅަށްވެސް ނިކުންނާނީ ވަރަށް ބޮޑަށް ސަމާލުވެގެންކަމަށްވެސް އާތިފް ބުންޏެވެ.
"މެޗަށް ނިކުންނައިރު ޓީސީގައި ތިބި ކުޅުންތެރިން ކުލަބް ވެލެންސިޔާގެ ކުޅުންތެރިންނަށް އެނގޭނެ. އެއީ ކުރާނެ ފައިދާއެއް. މީގައި މައްސަލައަކީ އެނގުމެއް ނޫން. ކޯޗުންނަށް ގޮތްގޮތަށް ޓީމު ރޭވޭނީވެސް، އެނަލައިޒްވެސް ކުރެވޭނީ. ކުޅުންތެރިންގެ އަތުގައި ބޮޑުބައި މިއޮންނަނީ. ކުޅުންތެރިން ކިހާވަރަކަށް ތޯ މެޗަށް ތައްޔާރުވަނީ، ފަރިތަކުރުންތަކުގައި ކިޔައިދޭ އެއްޗެހި ކުޅުންތެެރިން ކިހާވަރަކަށްތޯ މެޗުގައި ބޭނުން ކުރަނީ. މެޗުން މޮޅުވާން ކުޅުންތެރިން ބޭނުންވަނީ ކިހާވަރަކަށް ތޯ. ފުޓްބޯޅައަކީ މޮޅާއި ދެރަ އޮންނަ އެއްޗެއް. ކޯޗުން ވަރަށް މަސައްކަތްކޮށްދޭނެ. އިދިކޮޅުން ނިކުންނަ ޓީމުގެ ކުޅުންތެރިން އެނގުމަކީ މެޗަށް ނިކުންނައިރު ލިބޭނެ ފައިދާއެއް، ނަމަވެސް މެޗުގައި ކޯޗް ބުނާގޮތަށް ކުޅުމަކީ ކުޅުންތެރިންގެ ޒިންމާއެއް." ވެލެންސިޔާގެ ކޯޗް އާތިފް ބުންޏެވެ.
ކޯޗް އާތިފް ބުނީ ލީގް ތާވަލްގެ އެއްވަނާގައި އޮތުމަކީ ފަސޭހަކަމެއް ނޫންކަމަށާއި މިއީ ވަރަށް ބޮޑު ޕްރެޝަރެއްކަމަށެވެ. ކޮންމެ ޓީމެއްވެސް ވެލެންސިޔާ އާއި އިދިކޮޅަށް ނިކުންނާނީ އެންމެ މަދުވެގެން ޕޮއިންޓެއް ހޯދަންކަމަށާއި ކޮންމެ ގޮތަކަށް ކުޅެގެން ނަމަވެސް ޓީމުތަކުން ވެލެންސިޔާ އަތުން ޕޮއިންޓެއް ހޯދަން މަސައްކަތް ކުރާނެކަމަށެވެ. އަދި ވެލެންސިޔާއިން މެޗުން މޮޅުވާން މަސައްކަތް ކުރާއިރު، މިއީ ވަރަށް ބޮޑު ޕްރެޝަރެއްކަމަށް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުންޏެވެ
މެޗުގެ ކުރިން ވާހަކަދައްކަމުން ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ އެންމެ ފަހުން ޔޫވީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު މިހާރު ޓީސީއިން ފާއިތުވެގެންދިޔަ ދެ ތިން ދުވަހު މަސައްކަތްކޮށްފައިވަނީ ވެލެންސިޔާ މެޗަކަމަށެވެ. ޓީސީގައި މިހާރު ތިބި ކުޅުންތެރިންނާއި ދޭތެރޭގައި ވަަރަށް ހިންހަމަޖެހޭކަމާއި ނަމަވެސް ޓީމުގައި މަދީ ތަޖްރިބާކަމަށް ޝާޒްލީ ބުންޏެވެ. ލީގުގައި ތަޖްރިބާކާރު ގިނަ ކުޅުންތެެރިން ތިބި ޓީމުތަކާއި ދެކޮޅަށް ނިކުންނައިރު އެތަޖުރިބާވެސް ބޭނުންވާކަމަށާއި ތަޖުރިބާއަކީ މެޗަކަށް ފަހު މެޗަކުން ލިބޭ އެއްޗެއްކަމުން، މިހާތަނަށް ލީގުގައި ޓީސީގެ ކުޅުންތެރިން ދައްކާފައިވާ ކުޅުމާއި ދޭތެރޭގައިވެސް ވަރަށް ހިންހަމަޖެހޭކަމަށްވެސް ޝާޒްލީ ބުންޏެވެ. އަދި ވެލެންސިޔާގައި ތިބި ކުޅުންތެެރިންނަށް ބަލާފައިވެސް އެޓީމުގެ ވަރުގަދަކަން އެނގޭކަމަށާއި ޓީސީއަށް މިމެޗުގައި ވެލެންސިޔާއާއި ވާދަކޮށްލެވޭނެކަމަށް ގަބޫލް ކުރާކަމަށް ޝާޒްލީ ބުންޏެވެ.
"މިހާރު ލީގަށް ބަލާއިރު ކުލަބް ވެލެންސިޔާއަކީ މިހާރު އެންމެ ވަރުގަދަ ޓީމް. މިމެޗަކީ މި ބުރުގައި ޓީސީއިން ކުރިމަތިލާނެ އެންމެ ވަރުގަދަ މެޗް. ވެލެންސިޔާ ހިފެހެއްޓުމަކީ ފަސޭހަކަމެއް ނޫން. އެހެންވީމަ މިމެޗަށް ވަރަށް ބޮޑު ތައްޔާރުވާންޖެހޭ އެބަ. މީގަ ވެލެންސިޔާއަށް ބަލާއިރު، ގޯލް ކީޕަރުން ފެށިގެން ކުރިއަށް ކުޅޭ ކުޅުންތެރިންނާއި ހިސާބުން ޓީމުގެ ހުރިހާ ދިމާލެއްވެސް ހުރީ ވަރަށް ވަރުގަދަކޮށް. ވަކިވަކި ކުޅުންތެރިންނަސް ބަލާއިރުވެސް އެޓީމުގައި މޮޅު، ތަޖުރިބާ ކުޅުންތެރިންވެސް ގިނަ. ޓީމެއްގެ ގޮތުގައިވެސް ވެލެންސިޔާ ފެންނަނީ ވަރަށް ވަރުގަދަކޮށް. މެޗަށް ނިކުންނައިރު އެންމެ މުހިންމު އެއްޗަކީ ޕޮއިންޓް. ޓީމުގެ ފެންވަރު މިނަނީވެސް ޕޮއިންޓްއިން. ޕޮއިންޓް ޓޭބަލްގަައި އެންމެ ކުރީގައި އޮންނަނީ އެންމެ ރަގަނޅަށް ކުޅޭ ޓީމް. ކޮންމެ ޓީމަކާ އެއްކޮށް ކުޅުނު ނަމަވެސް މީގައި މުހިންމީ ޕޮއިންޓް. ވެލެންސިޔާ އަތުން ޕޮއިންޓެއް ހޯދުމަށް ނިކުންނައިރު، މިއީ ވަރަށް އުދަގޫ މެޗަކަށް ވެގެންދާނެ." ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް ޝާޒްލީ ބުންޏެވެ.