ޚަބަރު

ކީމޯ ފެށިތާ 3 ހަފްތާ، 40އަށްވުރެ ގިނަ މީހުން ޚިދުމަތަށް އެދުނު


ޅ.އަތޮޅު ހޮސްޕިޓަލްގައި ކީމޯ ތެރަޕީގެ ޚިދުމަތް ފެށިތާ 3 ހަފްތާވީއިރު، 40 އަށްވުރެ ގިނަ މީހުން ކީމޯ ތެރަޕީގެ ޚިދުމަތް ހޯދުމަށް އެދިފައިވާކަމަށް ޅ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ޅ.އަތޮޅުގައި ކީމޯ ތެރަޕީގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 14ވަނަ ދުވަހުއެވެ. މި ޚިދުމަތް އެންމެ ފުރަތަމަ ދޭންފެށީ ހުޅުމާލޭ ހޮސްޕިޓަލުން ކީމޯ ތެރަޕީގެ ޚިދުމަތް ހޯދަމުން އައި ނައިފަރުގެ ބަލި މީހުންނަށް އެކަންޏެވެ. ނަމަވެސް އެ ހޮސްޕިޓަލުން މިހާރުވަނީ ނ.އަތޮޅުގެ ކެންސަރު ޖެހިފައިވާ މީހުންނަށްވެސް އެޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން ނ.މަނަދޫ މީހަކަށްވެސް ޅ.އަތޮޅު ހޮސްޕިޓަލުން ކިމޯ ތެރަޕީ ދޭން ވަނީ ފަށާފައެވެ.

ޚިދުމަތާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ޅ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސަރވިސް ޖައުފަރު އަބްދުﷲ ވިދާޅުވީ، ހޮސްޕިޓަލްގައި މި ޚިދުމަތް ފެށުމާއިއެކު ގިނަ ބަޔަކު ޚިދުމަތަށް އެދެން ފަށާފައިވާކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލުން ޚިދުމަތް ދެނީ، ފުރަތަމަ ކީމޯ ސެޝަންތައް ހުޅުމާލޭ ހޮސްޕިޓަލުން ނަގަންފަށާފައިވާ އަދި އެއަށްފަހު ޅ.އަތޮޅު ހޮސްޕިޓަލަށް ރިފަރކުރާ މީހުންނަށްކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޅ އަތޮޅު ހޮސްޕިޓަލުން ބުނީ މިހާތަނަށް 40 އަށްވުރެ ގިނަ މީހުން ކީމޯގެ ޚިދުމަތަށް އެދިފައިވާއިރު، ކުރިއަށް އޮތް ދެމަސްތެރޭ އިތުރު މީހުންނަށްވެސް ޅ.އަތޮޅު ހޮސްޕިޓަލްގައި ޚިދުމަތް ފަށާނެކަމަށެވެ.

މިކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ކީމޯގެ ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ ނަރުހުންނަށް އިތުރު ތަމްރީންދިނުމާއި، ބޭނުންވާ ބޭސް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މިވަގުތުވެސް ހުޅުމާލޭ ހޮސްޕިޓަލްގެ އޮންކޮލޮޖީ ޑިޕަރޓްމަންޓްގެ ޓީމެއް، ޅ.އަތޮޅު ހޮސްޕިޓަލްގައި ތަމްރީން ސެޝަންތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.

ހެލްތް މިނިސްޓްރީގެ މިންގަނޑުތަކާއި އެއްގޮތަށް އެ ހޮސްޕިޓަލްގައި މިހާރުވަނީ "އޮންކޮލޮޖީ ޓްރީޓްމަންޓް ޔުނިޓް"ގެ ނަމުގައި 6 އެންދުގެ ޔުނިޓެއްވެސް ހަދާފައެވެ.

ޅ.އަތޮޅު ހޮސްޕިޓަލްގެ ޢަމާޒަކީ ކައިރި ރަށްތަކާއި، ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށް މި ޚިދުމަށް ފަސޭހަކަމާއިއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.