އޮކްސްފޯޑް ޔުނިވަސިޓީން އެސްޓްރަޒެނެކާ ކުންފުނިން ތައްޔާރުކޮށްފައިވާ ކޯވިޑް ވެކްސިން ބޭނުންކުރުމުގެ ޙުއްދަ އިނގިރޭސިވިލާތުން ދީފިއެވެ. ކޯވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާ އިނގިރޭސިވިލާތަކީ މި ވެކްސިން ބޭނުންކުރުމުގެ ޙުއްދަދީފައިވާ ފުރަތަމަ ޤައުމެވެ.
އިނގިރޭސިވިލާތަކީ ފައިޒާއި އާއި ބަޔޯއެންޓެކު ކުންފުނިން ތައްޔާރުކޮށްފައިވާ ކޯވިޑް ވެކްސިން ބޭނުންކުރުމުގެ ޙުއްދަވެސް ފުރަތަމަ ދިން ޤައުމެވެ. އެ ޤައުމުގައި އެތައް ހާސް ބަޔަކަށް ދެ ޑޯޒް ހިމެނޭ ވެކްސިން މިހާރުވަނީ ދީފައެވެ.
ވާދަވެރި އެހެން ވެކްސިންތަކަށްވުރެ އެސްޓްރަޒެނެކާގެ ވެކްސިން އަގު ހެޔޮވެފައި، އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގައި ފަސޜހަވެސްމެއެވެ. ފައިޒަރގެ ވެކްސިން ގުދަންކޮށްފައި ބެހެއްޓުމަށް އާދަޔާ ޚިލާފަށް ފިނި މާހައުލެއް ބޭނުންވާއިރު އެސްޓްރަޒެނެކާގެ ވެކްސިން އާދައިގެ ފުރީޒަރުގެ ފިނިމިނުގައިވެސް ރައްކާކުރެވެއެވެ.
އެސްޓްރަޒެނެކާ ވެކްސިންގެ 100 މިލިއަން ޑޯޒަށް އިނގިރޭސިވިލާތުންވަނީ އޯޑަރު ދީފައެވެ. ނަމަވެސް މިދިޔަ މަހުގައި ވެކްސިންގެ ތަފްޞީލީ މަޢުލޫމާތު އާންމުކުރުމުން، ވެކްސިންގެ އެންމެ އެދެވޭ ޑޯޒަކީ ކޮބައިކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.
އިނގިރޭސިވިލާތުގެ ބޭހާއި ވެކްސިންފަދަ ތަކެއްޗަށް ޙުއްދަދޭ ޔޫކޭ މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީ، އެމްއެޗުއާރުއޭއިން ބުނީ ވެކްސިންގެ ޑޯޒާއި ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބިފައިވާކަމަށެވެ. އަދި ތިން މަހުން އެސްޓްރަޒެނެކާގެ ވެކްސިންގެ ދެ ޑޯޒް ދިނުމުން އެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތް 80 އިންސައްތައިގައި ހުރިކަމަށްވެސް އެމްއެޗުއާރުއޭއިން ބުނެއެވެ. މިއީ ވެކްސިން އުފެއްދި ފަރާތުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށްވުރެވެސް މަތީ ނިސްބަތެކެވެ.
އިނގިރޭސިވިލާތުގެ އާންމު ޞިއްޙަތާއިބެހޭ މާހިރެއްކަމަށްވާ ޖެރެމީ ފަރާރް ވިދާޅުވީ އެސްޓްރަޒެނެކާގެ ވެކްސިނަށް ޙުއްދަ ދިނުމަކީ އެކަމާއިމެދު މިވަގުތު އުފާކުރަންވީކަމެއް ނޫންކަމަށާއި، ވެކްސިންގެ ދެވަނަ ޑޯޒް ދޭން އެންމެ އެކަށީގެންވާ ވަގުތާއިގުޅޭ ތަހުލީލުތައް އަދިވެސް ކުރިއަށް ގެންދަން ޖެހޭކަމަށެވެ.
ފްރާންސިސް ކްރިކް އިންސްޓިޓިއުޓުގެ ވައިރޮލޮޖިސްޓެއްކަމަށްވާ ޖޮނަތަން ސްޓޯޔީވެސްވަނީ ވެކްސިން މަސައްކަތްކުރާ ހަޤީޤީ ނިސްބަތާއިމެދު އަދިވެސް ސުވާލު އުފެދޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ރެކޯޑު ޢަދަދަކަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި އައު ވެކްސިނަކަށް ޙުއްދަ ދިނުމަކީ މުހިންމު ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ.