ޚަބަރު

ކޯވިޑް-19 : ޢަދަދުތައް މައްޗަށް، މިރޭ 47 މީހުން ޕޮޒިޓިވް


ރާއްޖެއިން އިތުރު 47 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ޕޮޒިޓިވްވި މީހުންގެ ޢަދަދުތައް އަނެއްކާވެސް މައްޗަށް ހިނގައްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދުގެ 18:00އާ ހަމައަށް އަލަށް ޕޮޒިޓިވްވި 47 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 30 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 2 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހެކެވެ.

މިއަދު ކޯވިޑް-19އަށް އަލަށް ޕޮޒިޓިވްވި 47 މީހުންނާއެކު މިއަދު ވެފައި މިވަނީ މިމަހު އެންމެގިނަ ޢަދަދެއްގެ ބަޔަކު ރާއްޖެއިން ޕޮޒިޓިވްވި ދުވަހަށެވެ. އެންމެފަހުން މިޢަދަދަށްވުރެ އިތުރަށް ރާއްޖެއިން މީހުން ޕޮޒިޓިވްވެފައިވަނީ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުއެވެ. އެދުވަހުވަނީ 52 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެހެންނަމަވެސް ނޮވެމްބަރުމަހުގެ 29ވަނަ ދުވަހުވެސް ރާއްޖެއިން 47 މީހުން ޕޮޒިޓިވްވިއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13,738 އަށް އަރާފައެވެ. މިއަދު ރާއްޖެއިން އިތުރު 16 މީހުންވަނީ ކޯވިޑް-19އިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13,125 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ކޯވިޑް-19ގެ ބަލިމީހުންގެ ގޮތުގައި ފަރުވާދެމުންދަނީ 558 މީހުންނަށެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 29 މީހުންނަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2,974 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ޖުމްލަ 314,249 ސާމްޕަލްވަނީ ނަގާފައެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.