މޯލްޑިވް ގޭސްއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމްކުރި އޮކްސިޖަން ޕްލާންޓް ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ މޯލްޑިވް ގޭސްއިން އަތޮޅުތެރޭގައި ގާއިމްކުރި މިފަދަ ފުތަމަ ޕްލާންޓެވެ.
މިކަމަށްޓަކައި އިއްޔެ ހަވީރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި މިޕްލާންޓް ހުޅުވާދެއްވީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އާއި މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަލީ އިކްރާމްއެވެ.
މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި މޯލްޑިވް ގޭސްއާ ދެމެދު މިގޭސް ޕްލާންޓްގެ އެއްބަސްވުމުގައި ސޮއިކުރުންވެސް އޮތެވެ. ހޮސްޕިޓަލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖަރ އަހުމަދު ދާއޫދުއެވެ. މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ އިކްރާމްއެވެ.
މިރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ދެއްކެވި ވާހަކައިގައި ކުޅުދުއްފުށީގެ ސިއްހީ ޚިދުމަތަށް މިހާރު ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން ފާހަގަކުރެެއްވިއެވެ.
ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ދާއޫދު ދެއްކެވި ވާހަކައިގައި މެޑިކަލް އޮކްސިޖަން ހޯދުމަށް ވޭތުވެދިޔަ ތަނުގައި ބޮޑެތި ތަކްލީފްތަކެއް އުފުލަމުން ގޮސްފައިވާކަން ފާހަގަކުރައްވަމުން، މިޕްލާންޓް ހުޅުވިގެން ދިއުމަކީ މިކަމަށް އުފުލަމުންދިޔަ ތަކްލީފްތަކަށް ލިބިގެންދިޔަ ބޮޑު ލުއެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ހޮސްޕިޓަލްގެ ތަރައްޤީއަށް ލިބުނު އިތުރުކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަލީ އިކްރާމ ވިދާޅުވީ މާލެއިން ކުޅުދުއްފުއްޓާ ހަމަޔަށް އޮކްސިޖަން ސިލިންޑަރެއް ގެނެވޭއިރު ކޮންމެ ސިލިންޑަރަކަށް 2000 ރުފިޔާ ޚަރަދުކުރަންޖެހޭކަމަށެވެ. އަދި ކުޅުދުއްފުށީގައި މިފަދަ ޕްލާންޓެއް ގާއިމް ވެގެން ދިއުމަކީ ކުޅުދުއްފުށީ ހޮސްޕިޓަލަށާއި އެސަރަހަށްދުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ އެހެން ތަންތަނަށް ވެސް ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ.
މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސްއާޢި ހދ އަތޮޅު ކައުންސިލްގެ ރައީސް އާއި މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.