ޚަބަރު

މިއީ މިބުރުގައި ކުޅޭ އެންމެ ވަރުގަދަ މެޗް - ނިޒާމް


ކުލަބް ވެލެންސިޔާ މެޗްގެ 3 ޕޮއިންޓަކީ މާޒިޔާއަށް ވަރަށް މުހިންމު 3 ޕޮއިންޓުކަމަށް މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި މިރޭ މާޒިޔާ އާއި ކުލަބް ވެލެންސިޔާ ވާދަކުރާ މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނީ މާޒިޔާއިން އަބަދުވެސް ތައްޔާރުވާނީ މެޗަކަށް ފަހު މެޗަކަށްކަމަށާއި ލީގުގައި ވާދަކުރާ ކޮންމެ ޓީމަކީވެސް ތަފާތު ޓީމެއްކަމަށެވެ. އަދި ކޮންމެ މެޗަކަށްވެސް ތައްޔާރުވާ ގޮތް ތަފާތުވާނެކަމަށާއި އެކި ޓީމުތަކާއި ދެކޮޅަށް ކުޅެންޖެހޭނީ އެކިގޮތަށްކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް ބުންޏެވެ. މާޒިޔާގެ ކޯޗު މުޙައްމަދު ނިޒާމުބުނީ ކުލަބުތަކުން ލީގަށް ތައްޔާރުވުމަށް ކޮށްފައިވާ ހަރަދާއި ލީގަށް ތައްޔާރުވުމަށް ކޮށްފައިވާ މަސައްކަތަށްވުރެ ބޮޑަށް މާޒިޔާއިން ނިކުންނާނީ އިދިކޮޅުން ނިކުންނަ ޓީމުގެ ވަރުގަދަކަމާއި އިދިކޮޅުން ނިކުންނަ ޓީމް ބަލިކުރެވޭނެ ގޮތްތަކަށް ވިސްނައިގެންކަމަށެވެ. ލީގަށް ވާދަކުރަން ބަލާއިރު، ލީގާބެހޭގޮތުން އެއްޗެއް ބުނަން އަދި އަވަސްކަމަށާއި ބާކީވަރަށް ގިނަ މެޗްތައް ހުރުމުން ލީގުގައި ކޮންމެފަދަ ގޮތަކަށްވެސް ކަންތައްތައް ހިނގާފާނެކަމަށް ނިޒާމް ބުންޏެވެ. އަދި މާޒިޔާއިން އެއްވެސް ޓީމަކީ ބަލި ޓީމެއްކަމަށް ނުދެކޭނެކަމަށާއި ޓީމުތަކުގައި ތިބި ވަކިވަކި ކުޅުންތެރިންނަށްވުރެ ބޮޑަށް މާޒިޔާއިން ވިސްނާނީ ޓީމާއި ދެތެރޭގައިކަމަށްވެސް މާޒިޔާގެ ކޯޗު ކުލަބް ވެލެންސިޔާގެ މެޗާބެހޭގޮތުން ވާހަކަދައްކަމުން ބުންޏެވެ.

"މާޒިޔާއިން ވިސްނާނީ ޓީމުގެ ކުޅުންތެެރިންނަށް ވުރެއް ބޮޑަށް ޓީމުގެ ކުޅުމުގެ ވައްޓަފާޅިއަށް. މާޒިޔާއިން ވިސްނާނީވެސް އަދި ތައްޔާރުވާނީވެސް އެކަމަށް ވިސްނައިގެން. ވަކިވަކި ކުޅުންތެރިންނާއި ހަމައަށް އަދި އަންނާނީ ތަންކޮޅެއް ފަހުން. ކުލަބް ވެލެންސިޔާގެ އަލީ އަޝްފާގް އާއި އަލީ ފާސިރަކީ ނުރައްކާތެރި ދެ ކުޅުންތެރިން. ވަކިވަކި ކުޅުންތެރިންނަށް މާބޮޑަށް ވިސްނައިގެން މަސައްކަތްކޮށްފިނަމަ، ޓީމުގައި ދެން ތިބޭ ކުޅުންތެރިންނަށް ގޭމު ކުޅުމުގެ ފުރުސަތު މާބޮޑަށް ލިބިގެންދާނެ. އަދި ވަކިވަކި ކުޅުންތެރިން ކުޅުމުގެ ބަދަލުގައި މާޒިޔާއިން ވިސްނާނީ ޓީމް ގޭމެއް ކުޅެން. މެޗުގެ ކޮންޓްރޯލް ލިބޭނެކަމަށް މިބަލަނީ އެންމެ ފުރަތަމަ މެޗްގައި ލީޑްނަގާ ޓީމަކަށް. މިމެޗަށް ނިކުންނާނީ ވަރަށް ފަރުވާތެރިވެގެން." މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ.

ކުލަބް ވެލެންސިޔާގެ ކޯޗު މުހައްމަދު އާތިފް (އާތީ)ބުނީ މާޒިޔާ މެޗަށް ކުލަބް ވެލެންސިޔާއިން ވަރަށް ރަގަނޅަށް ތައްޔާރުވާނެކަމަށާއި މިމެޗް ވެގެންދާނީ ވަރަށް ފޯރިގަދަ އަދި ވަރަށް ވާދަވެރި މެޗަކަށްކަމަށެވެ. އަދި މިއީ މިބުރުގައި ކުލަބް ވެލެންސިޔާއި ކުޅޭ ފައިނަލް މެޗްއެއް ކަހަލަ މެޗަކަށްކަމަށްވެސް އާތިފް ބުންޏެވެ. އަދި މިމެޗް ކުލަބް ވެލެންސިޔާއަށް ކާމިޔާބުކުރެވިއްޖެނަމަ، ލީގުގައި ރަގަނޅު ހިސާބަކަށް ދިއުމުގެ ފުރުސަތުވެސް އޮންނާނެކަމަށް ގަބޫލް ކުރާކަމަށް ކުލަބް ވެލެންސިޔާގެ ކޯޗް އާތި ބުންޏެވެ. އަދި މާޒިޔާއަކީ ކުލަބް ވެލެންސިޔާއަށް ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫންކަމަށްވެސް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުންޏެވެ.

"މާޒިޔާގެ މެޗަކީ ވެލެންސިޔާގެ ފެންވަރު ދެނެގަންނަން ލިބޭނެ ވަރަށް ރަގަނޅު ފުރުސަތަކަށް ވެގެންދާނެ. ޓީމުގައި ރަގަނޅު ކުރަންޖެހޭ ކަންތައްތައްވެސް މިމެޗުން އެނގިގެންދާނެކަމަށް މިބަލަނީ. އެހެން ކަމުން ވެލެންސިޔާއަށް މެޗުތަކަށް ތައްޔާރުވާންވެސް މިމެޗްގެ ސަބަބުން އެނގިގެންދާނެ. މާޒިޔާއަކީ އެންމެ ވަރުގަދަ އެއް ޓީމު. ހަމަ ގާއިމުވެސް އަޅުގަނޑު ނުދެކެން ވެލެންސިޔާއަކީ އަދި މިލީގްގައި ވާދަކުރާ ވަރުގަދަ ޓީމެއްގެ ގޮތުގަ. އަދިވެސް ޓީމުގައި އެބަހުރި ރަގަނޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް. އެހެން ޓީމުތަކަށް ބަލާއިރުވެސް ލީގުގައި މިހާތަނަށް ކުޅެފައިވާ މެޗްތަކުގައި ފެނިފައިވަނީ ޓީމުތަކުގެ އަސްލުފެންވަރެއް ނޫން. ވެލެންސިޔާގެ ކޯޗް އާތިފް ބުންޏެވެ.