ލީގަށް ވާދަކުރަން ދަ ގްރާންޑޭ ބަލިކުރަންޖެހޭކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ރާއްޖޭގައި މިވަގުތު އެންމެ ވަރުގަދަ ސްކޮޑްއެއް އޮތް މާޒިޔާ ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވުނު ޝެރިޓީ ޝީލްޓް މެޗްގައި ބަލިކޮށް ފުރަތަމަ ފަރަހަށް ޗެރިޓީ ޝީލްޑް ކުލަބް އީގަލްސްއިން ކާމިޔާބުކުރި ނަމަވެސް ލީގުގައި އެޓީމަށްވަނީ މާރަގަނޅު ނަތީޖާތަކެއް ހޯދޭ ގޮތް ނުވެފައެވެ.
ލީގުގެ ފުރަތަމަ މެޗުގައި ސުޕަރ ޔުނައިޓެޑް އަތުން އެއްވަރުވެ، ޓީސީ ސްޕޯޓްސް ކުލަބުއަތުން ވަނީ ބަލިވެފައެވެ. ލީގުގެ ތިންވަނަ ހަފްތާގެ ކުޅުމާއި ކުރިމަތިލާއިރު، ކުލަބު އީގަލްސްއަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދާ ތިން ޕޮއިންޓް ހޯދުމަކީ އެޓީމުން ނިންމާފައިވާ އަމާޒަށް ވާސިލްވުމަށް ވަރަށް މުހިންމުކަމެކެވެ. މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)ބުނީ ދަ ގްރާންޑޭ މެޗަކީ ކުލަބު އީގަލްސްއަށް ވަރަށް މުހިންމު މެޗެއްކަމަށެވެ. އަދި މިމެޗުގެ ނަތީޖާ ހަމަ ހަމަ ވިޔަސް ފަރުޖައްސާލެވެން ނެތްކަމަށާއި މިމެޗުން ސީދާ 3 ޕޮއިންޓު ހޯދުން މުހިންމުކަމަށްވެސް މޯހަން ބުންޏެވެ. ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް 3 ޕޮއިންޓު ލިބިފައި ނެތުމުން، މިމެޗުން 3 ޕޮއިންޓު ހޯދައިގެން ނޫނީ ލީގަށް ވާދަ ނުކުރެވޭނެކަމަށްވެސް ކުލަބު އީގަލްސްއަށް ފުރަތަމަ ފަހަރަށް ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށްދިން ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ.
"ތިން މެޗުން ބަލިވާއިރު، ލީގް ލިބޭނެކަމަށް ގަބޫލެއް ނުކުރެވޭ. މިދިޔަ އަހަރުވެސް 2 މެޗުން ބަލިވެގެން އީގަލްސްއަށް ލީގު ގެއްލުނީ. އެހެންވީމަ 3 މެޗުން ބަލިވާއިރު، ލީގު ލިބޭނެކަމަށް އަޅުގަނޑަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ. ފަހުން އައިސް އަޅުގަނޑުމެން ރާއްޖޭގައި ލީގު ގޮސްފައި ހުރި އުސޫލްތަކަށް ބަލާއިރު، އާންމު ގޮތެއްގައި އެއް ޓީމެއް ނުވަތަ ދެ ޓީމެއް ލީގަށް މި ވާދަކުރަނީ. އެހެންވީމަ ތިން މެޗުން ބަލިވާއިރު، އެނެއް ޓީމް މިއޮންނަނީ ވަރަށް ތަފާތު ބޮޑުކޮށް އަތްނުލެވޭ ހިސާބުގަ. ފާއިތުވި ތަނުގައި ހިގާފައި ހުރި ކަންތައްތަކަށް ބަލާއިރު، ތިން މެޗުން ބަލިވެގެން ލީގް ލިބެނޭކަމަށް ނުދެކެން. މިހާރު މިއޮތީ ކުޅުނު ދެ މެޗުންވެސް ތިން ޕޮއިންޓް ލިބޭގޮތް ނުވެފަ. އެހެން ވީމަ ދަ ގްރާންޑޭ ބަލިކުރަން އެބަޖެހޭ. މިއީ ހަމަ މަރުގެ މެޗެއް ކަހަލަ މެޗެއް ކުލަބު އީގަލްސްއަށް." ކުލަބް އީގަލްސްގެ ކޯޗް މޯހަން ބުންޏެވެ.
މެޗާގުޅޭގޮތުން އިތުރަށް މޯހަން ބުނީ ލީގުގައި ބާކީ ހުރި މެޗްތަކުންވެސް ރަގަނޅު ނަތީޖާތަކެއް ނެރެންޖެހޭކަމަށެވެ. ލީގަށް ވާދަކުރަން ބޭނުންވާނަމަ، ކޮންމެ ޓީމަކާއި ދެކޮޅަށް ނިކުމެ 3 ޕޮއިންޓް ހޯދުން މުހިންކަމަށްވެސް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ.
ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ ކޯޗް އިސްމާޢީލް މަހުފޫޒް (އިންމަ)ބުނީ ކުލަބް އީގަލްސްއަކީ ވަރުގަދަ ޓީމެއްކަމަށާއި ދަ ގްރާންޑޭއިން މިމެޗްއަށް ނިކުންނާނީ ވަރަށް ރަގަނޅަށް ތައްޔާރުވެގެންކަމަށެވެ. ލީގުގައި ނިމިގެންދިޔަ 2 މެޗްގައިވެސް ދަ ގްރާންޑޭއިންވަނީ ރަގަނޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އެޓީމަށް ގޯލް ޖެހުމަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. މިކަމަށް އިޝާރާތްކޮށް އިންމަ ބުނީ މިހާރު ފަރިތަކުރުންތަކުގައި ގޯލް ޖެހުމަށް ހާއްސަ ޓްރެއިނިން ސެޝަންތަކެއް ކުރަމުންދާކަމަށާއ ޓީމާއި ގުޅުނު ބިދޭސީ ފޯވާޑުންތަކަށް އަދި ވަގުތު ބޭނުންވާކަށެވެ. ލީގު ފެށެން ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ގުނުޅު ބިދޭސީ ކުޅުންތެރިންނާއި ޓީމުގެ އެހެން ކުޅުންތެރިންގެ ގުޅުން ރަގަނޅު ކުރުމަށް އަދި ވަގުތުނަގާނެކަމަށާއި ނަމަވެސް މިހާރުވެސް ޓީމުގެ ފަރާތުން ދައްކާ ކުޅުމާމެދު ހިންހަމަޖެހޭކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗް އިސްމާޢީލް މަހުފޫޒް (އިންމަ) ބުންޏެވެ.
"ލީގްގައި މިއީ ދަ ގްރާންޑޭއަށް ވަރަށް މުހިންމު ޕޮއިންޓެއް. އަޅުގަނޑު ގަބޫލް ކުރަނީ މިމެޗުން ވަރަށް ރީތި ފުޓްބޯޅައެއް ފެނިގެންދާނެކަމަށް. ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުލަބް އީގަލްސްއަކީ ބަލި ޓީމެއްކަމަށް ނުދެެކޭނަން. އަދި ލީގްގެ 2 މެޗްގައި އީގަލްސްއިން ހޯދާފައިވާ ނަތީޖާއާއި މެދުވެސް އަޅުގަނޑުމެން ނުވިސްނަން، އެއީ ދަ ގްރާންޑޭއިން ވިސްނާނެކަމެއްވެސް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ރަގަނޅު ކުޅުމެއްދާއްކާ މެޗް ކާމިޔާބުކުރަން. ފޯވާޑުންނަށް ގޯލް ނުޖެހިދާ ކޮންމެ ވަގުތެއްގައިވެސް ޓީމްގެ ޑިފެންސްލައިންގައި ތިބި ކުޅުންތެރިން ވަރަށް ވިސްނަންޖެހޭނެ، އެއީ ގިނަ ފަހަރު ގޯލް ނުޖެހިދަންޏާ އިދިކޮޅު ޓީމުން ގޯލްޖަހާކަންވަނީ ފާހަގަކުރެވިފަ. އެހެންވީމަ އީގަލްސް މެޗުގައި އެކަމަށްވެސް ދަ ގްރާންޑޭއިން ވަރަށް ބޮޑަށް ސަމާލުކަން ދޭނަން." ދަ ގްރާންޑޭގެ ކޯޗް އިސްމާޢީލް މަހުފޫޒް ބުންޏެވެ.
މިމެޗަށް ނިނުންނައިރު، ދަ ގްރާންޑޭ ޓީމްގެ ބައެއް ކުޅުންތެރިންނަށް ކުދިކުދި އަނިޔާތައް ލިބިފައިވީނަމަވެސް، މެޗު ނުކުޅެވޭ ވަރުގެ އަނިޔާއެއް އެއްވެސް ކުޅުންތެރިއަކަށް ލިބިފައި ނުވާކަމަށާއި އީގަލްސް ކަހަލަ ވަރުގަދަ ޓީމެއް ބަލިކުރެވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެންކަމަށްވެސް އިންމަ ބުންޏެވެ.