ޚަބަރު

ކުޅިވަރު މުބާރާތްތަކާއި ހަފްލާތައް ބޭއްވުމުގެ ހުއްދަ ދީފި


ކޯވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް ލުއިތަކެއްދީ ކުޅިވަރު މުބާރާތްތަކާއި ޙަފްލާތައް ބޭއްވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދެއްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ އެ އިދާރާއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކުޅިވަރު މުބާރާތްތަކާއި ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވޭނެކަމަށެވެ. އަދި މި ބަދަލަށް އަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މި ބަދަލާއެކު މާލޭ ސަރަހައްދުގައި އެއްފަހަރާއި 15 މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން މަނާކޮށްފައި އޮތް އޮތުންވެސް އެޗްޕީއޭއިން ވަނީ ނިމުމަކަށް ގެންނަވާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ މި ބަދަލުތައް ގެނައި ނަމަވެސް ބައެއް ނިންމުންތަކަށް އަދިވެސް ލުއި ދީފައިނުވާކަމަށެވެ. މިގޮތުން މާލެ ސަރަހައްދުގައި ދަންވަރު ބާރައިން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މަގުމައްޗާއި އާއްމު ތަންތަނަށް ނުކުމެ އުޅުން އަދިވެސް މަނާވާނެއެވެ. އަދި މާލޭ ސަރަހައްދުން އެހެނިހެން ރަށްރަށަށް ދަތުރުކުރާ މީހުން މީހުން ކަރަންޓީނު ވާންޖެހޭނެއެވެ. އަދި ބޭރުގައި އުޅޭނަމަ ހުރިހާ ވަގުތެއްގައިވެސް އުޅެން ޖެހޭނީ މާސްކު އަޅައިގެންނެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭއިން އަންނަނީ ލުއިތައް ދެމުންނެވެ. މިގޮތުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު 10 ދުވަހަށްވަނީ ކުޑަކޮށްދީފައެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހިފައިގެން އަންނަ އެއްވެސް ދިވެއްސަކު ރާއްޖެ އައިސް ކަރަންޓީނު ވާން ނުޖެހޭގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.