ޚަބަރު

އޯސީއޭގެ މެރިޓް އެވޯޑު މަރުޒޫގަށް ލިބިވަޑައިގެންފި


އޯސީއޭގެ މެރިޓް އެވޯޑު އަޙުމަދު މަރުޒޫގަށް ލިބިވަޑައިގެންފިއެވެ. އޮލިމްޕިކް ކައުންސިލް އޮފް އޭޝިޔާ (އޯސީއޭ)ގެ މެރިޓް އެވޯޑް މީގެ ކުރިން ލިބުނު ދިވެއްސަކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު މަރުޒޫގަށް އޯސީއޭގެ މެރިޓް އެވޯޑު ލިބިވަޑައިގެންފައިވާއިރު، މިއެވޯޑަކީ މިސަރަހައްދުގެ ކުޅިވަރަށް ފާހަގަކުރެވޭ ހިދުމަތްތަކެއް ކޮށްދެމުން އަންނަ ބޭފުޅުންނަށް އޭޝިޔާގެ އޮލިމްޕިކްސްގެ އެންމެ މަތީ ކައުންސިލުން ދޭ އެންމެ މަތީ ޝަރަފެވެ. އޮމާންގައި މިހާރު ކުރިއަށްދާ އޯސީއޭގެ އަހަރީ އާންމު ޖަލްސާގައި އެވޯޑާއި ޙާވާލުވުމަށްފަހު މަރުޒޫގު ވިދާޅުވީ، އޭނާއަށް މި ލިބުނު ފަހުރުވެރި، ޝަރަފްވެރި އެވޯޑު ރާއްޖޭގެ ކުޅިވަރު އާއިލާއަށް، ވަކިން ހާއްސަކޮށް ރާއްޖޭގެ ކުޅިވަރުގެ އެތުލީޓުންނަށް ހާއްސަކުރާކަމަށެވެ. އަދި އޭނާ މިހާހިސާބަށް ކުރި ދަތުރުގައި އެހީތެރިވެދިން ހުރިހާ ބޭފުޅުންނަށާއި އަދި އޭނާގެ މަސައްކަތުގައި އެއްބާރުލުން ދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް މަރުޒޫގް ވިދާޅުވިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު މަރުޒޫގްވަނީ ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލްތަކެއް ގެނެސްފައެވެ. އަދި ރާއްޖެއިން ބޭރަށް ސްކޮލަޝިޕްތަކުގައި ކުޅުންތެރިން ފޮނުވައިގެން އެކި ގައުމުތަކުގައި ތަމްރީން ކުރުމުގެ ފުރުސަތު ވެސް އޭނާ ވަނީ ފަހިކޮށްދީފައެވެ. 2009ވަނަ އަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމަށް އިންތިޚާބު ވީފަހުން މިއީ އޭނާ އެމާގާމް ފުރުއްވަމުން ގެންދަވާ 3ވަނަ ދައުރެވެ.

މަރުޒޫގް އެންމެ ބޮޑަށް ފާހަގަކުރެވެނީ، މެޑަލްތަކަށް އަމާޒުހިފައި އެތުލީޓުން ގޭމްސްތަކަށް ފޮނުވުމުގެ ކުރިން އެތުލީޓުން ހައި ޕަރފޯމަންސް ޓްރެއިންގް ސެންޓަރުތަކަށް ފޮނުވާ ރާއްޖެއަށް މެޑަލް ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެތުލީޓުންނާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރާ މަރުޒޫގްވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖެމެއިކާގެ ހައި ޕަރފޯމަންސް ޓްރެއިނިން ސެންޓަރަކަށް ފޮނުވުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެތަމްރީނު ފުރިހަމަކުރުމަށްފަހު 2015ވަނަ އަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ހަސަން ސާއިދުވަނީ ރަން މެޑަލް ހޯދައި ރާއްޖެއަށް ރީތިނަން ހޯދައިދީފައެވެ. މިއީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރާއްޖެއަށް އެންމެ ފުރަތަމަ ލިބުނު ރަން މެޑަލެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މަރުޒޫގުގެ ވިސްނުމާއެކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިންނާއި ސައުތު އޭޝިއަން ގޭމްސްއިން ރާއްޖޭގެ އެތުލީޓުން މެޑަލްތައް ހޯދަންފެށިއެވެ.